މިހާރު އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ އާ ޒަމާނެއްގެ ދޮރުމަތީގަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހަލުވި ކުރިއެރުމާއެކު، އިންސާނުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމިއްލައަށް ނިންމުންތައް ނިންމައި، އަމާޒުތައް ފާހަގަކޮށް، ހަމަލާދޭން ކުޅަދާނަ ހަތިޔާރުތައް ތަރައްގީ ކުރަމުން އަންނަނީ ހައިރާންވާފަދަ ބާރުމިނެއްގަ އެވެ. މި ހަތިޔާރުތަކަށް ކިޔަނީ "ލީތަލް އޮޓޮނޮމަސް ވެޕަންސް ސިސްޓަމްސް" (އެލްއޭޑަބްލިއުއެސް) ނުވަތަ "ކިލާ ރޮބޮޓްސް" އެވެ.
އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިންޑިއާ، އިރާން، އިޒްރޭލް، ދެކުނު ކޮރެއާ އަދި ތުރުކީ ފަދަ ގައުމުތަކުން މިފަދަ ހަތިޔާރުތައް ތަރައްގީ ކުރުމަށް ދަނީ އިންވެސްޓުކުރަމުންނެވެ.
މިފަދަ ހަތިޔާރުތަކުން ސިފައިންނަށް ލިބޭ ފައިދާތައް ގިނަ އެވެ. އޮޓޮނޮމަސް ހަތިޔާރުތަކަށް އިންސާނުންނަށްވުރެ އަވަހަށް ޑޭޓާ ޕްރޮސެސްކޮށް، ނުރައްކާތަކަށް ވަގުތުން ވަގުތަސް ރައްދު ދެއެވެ. ނުރައްކާތެރި ސަރަހައްދުތަކުގައި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރުމުން ސިފައިންގެ ފުރާނައަށް ކުރިމަތިވާ ނުރައްކާ ކުޑަވެ އެވެ. އަދި މަދު ސިފައިންނަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކޮންމެ ހަނގުރާމަވެރިއެއްގެ ހަރަކާތްތެރިކަން އިތުރުވެ އެވެ.
މިފަދަ ހަތިޔާރުތަކާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އޮޓޮނޮމަސް ހަތިޔާރަކުން ގޯސްކޮށް ނިންމުމެއް ނިންމައިފިނަމަ، ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފެދެއެވެ. އަދި މިފަދަ ހަތިޔާރުތައް ބައިނަލްއަގުވާމީ އިންސާނިއްޔަތާބެހޭ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާނެކަން ކަށަވަރުކުރުމަކީ ގޮންޖެހުމެކެވެ.
ޗައިނާއިން އޭއައި ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ އިސް ގައުމަކަށްވުމަށް 150 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާއިރު، އެމެރިކާއިން 4.6 ބިލިއަން ޑޮލަރު އަދި ރަޝިއާއިން 181 މިލިއަން ޑޮލަރު ހޭދަކުރަމުންދެ އެވެ. ސައުދީ އަރަބިއްޔާއިން 2023 ވަނަ އަހަރު ދިފާއީ ކަންކަމަށް 69 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ޔޫކްރެއިން ހަނގުރާމައިގައި ދެ ފަރާތުންވެސް އޮޓޮނޮމަސް ޑްރޯންތައް ބޭނުންކުރަމުން ދާއިރު، އިޒްރޭލް ވެސް ގައްޒާގައި "ލެވެންޑަ" އޭއައި ސިސްޓަމް ބޭނުންކޮށްގެން 37,000 އަމާޒު ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.
މުސްތަގުބަލުގެ ހަނގުރާމައިގައި އިންސާނުންގެ ދައުރު ކުޑަވެ، ރޮބޮޓުން، ރޮބޮޓުންނާ ދެކޮޅަށް ހަނގުރާމަކުރާ މަންޒަރު ފެންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. މިކަމުގެ ސަބަބުން ހަނގުރާމައިގެ ބާވަތާއި ސިފަ ބަދަލުވެ، އައު ސަލާމަތީ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ ހަތިޔާރުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ގަވާއިދުތަކެއް އެކުލަވާލުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އޮޓޮނޮމަސް ހަތިޔާރު ސިސްޓަމްތަކުގެ ތާރީހު ފެށިގެން އަންނަނީ 20 ވަނަ ގަރުނުގެ މެދުތެރެއިންނެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުވިލާތުން "ވީ-1" ގައިޑެޑް މިސައިލް ތައާރަފުކުރުމާއެކު، އަމިއްލައަށް އަމާޒު ހިފޭ ހަތިޔާރުތަކުގެ ޒަމާން ފެށުނެވެ. ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، 1970 އަދި 1980 ގެ އަހަރުތަކުގައި އެމެރިކާއިން "ޕެޓްރިއޮޓް" މިސައިލް ޑިފެންސް ސިސްޓަމް ފަދަ ސެމީ-އޮޓޮނޮމަސް ހަތިޔާރުތައް ތަރައްގީކުރަން ފެށި އެވެ.
މީގެއިތުރުން 21 ވަނަ ގަރުނުގައި، ޑްރޯން ޓެކްނޮލޮޖީގެ ކުރިއެރުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ތަރައްގީއާއެކު، އޮޓޮނޮމަސް ހަތިޔާރުތައް އިންސާނުންގެ ބައިވެރިވުން ވަރަށް ކުޑަކޮށް ނުވަތަ އެއްވެސް ބައިވެރިވުމެއް ނެތި ބޭނުންކުރެވޭ ހިސާބަށް ވަނީ ތަރައްގީވެފަ އެވެ. 2020 ގައި ލީބިއާގެ ހަނގުރާމައިގައި ޓާކިޝް ކަރުގު-2 ޑްރޯންތައް ފުލީ-އޮޓޮނޮމަސް މޯޑްގައި ބޭނުންކުރެވުނު ކަމަށް އދ. ގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.
މިއީ އޮޓޮނޮމަސް ހަތިޔާރުތަކުގެ ޒަމާނުގެ ފެށުން ކަމުގައި ބެލެވެއެވެ. މިއަދު، ދުނިޔޭގެ ގިނަ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި އޮޓޮނޮމަސް ހަތިޔާރުތައް ބޭނުންކުރެވެމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ ހަތިޔާރުތައް ބޭނުން ކުރުމާ ގުޅޭގޮތުން ގަވާއިދުތަކެއް އެކުލަވާލުމަށް މަސައްކަތްކުރަމުން ގެންދެ އެވެ.
މުސްތަގުބަލުގައި ރޮބޮޓުން، ރޮބޮޓުންނާ ހަނގުރާމަ ކުރާނެ މުސްތަގުބަލުގައި ރޮބޮޓުން، ރޮބޮޓުންނާ ހަނގުރާމަ ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ