މިއުނިކް (ޖޫން 8) - އޭނާއާ ނުލައި ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމުން އެކަމާ މެދު މާޔޫސްނުވާ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ހަތް އަހަރު ޕީއެސްޖީ އަށް ކުޅުމަށް ފަހު، އެމްބާޕޭ، މީގެ އެއް އަހަރު ކުރިން ރެއާލަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވި އެވެ. ޕީއެސްޖީ އަށް 256 ގޯލު ޖަހައިދިން އެމްބާޕޭ އަށް އެ ކްލަބާ އެކު އެންމެ ހޯދަން ބޭނުންވި ޗެމްޕިއަންސް ލީގުގެ ތަށި ހާސިލެއް ނުވި އެވެ.
އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލިތާ ފުރަތަމަ އަހަރު ތެރޭ އެ ޓީމުން ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ނޭޝަންސް ލީގުގެ ތިން ވަނަ ހޮވާ މެޗުގައި، ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެމްބާޕޭ ބުނީ، އޭނާ ޕީއެސްޖީ ދޫކޮށްލީ މާ އަވަހަށް ކަމަށް ނުދެކޭ ކަމަށާއި އެ ކްލަބްގައި އޭނާގެ ބައި ނިމިފައިވާ ކަމަށެވެ.
"އަހަންނާ ނުލައި، ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން، އެކަމާ މާޔޫސެއް ނުވޭ، އަމުދުން އަސަރެއް ވެސް ނުކުރޭ. އަހަރެން ޕީއެސްޖީ އަށް ކުރަނީ އިހުތިރާމް، އެ މީހުންނަށްޓަކައި، އަހަރެން އުފާ ވެސް ކުރަން. އަހަރެން ވެސް ހިމެނޭހެން ޕީއެސްޖީގައި ވަރަށް ގިނަ ބަޔަކު ހާސިލްކުރަން ބޭނުންވި ކަމެއް އެ ވެގެންދިޔައީ، އެހެންވީމަ، މި ކަންކަމަކީ ފުޓްބޯޅައިގައި ހިނގާނެ ކަންކަން،" އެމްބާޕޭ ބުންޏެވެ.
ޕީއެސްޖީއާ އެކު، އެމްބާޕޭ ވަނީ 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ. އެމްބާޕޭ ބުނީ، މި ވަގުތު ޔޫރަޕްގެ އެންމެ މޮޅު ޓީމަކީ ޕީއެސްޖީ ކަމަށާއި ޗެމްޕިއަންސް ލީގުގެ ފައިނަލެއް 5-0 އިން މޮޅުވި ޓީމެއް އޭނާ އަށް ފެނިފައިނުވާ ކަމަށެވެ.
ރެއާލަށް ކުޅުނު ފުރަތަމަ ސީޒަނުގައި، ސްޕެނިޝް ލީގުގައި 31 ގޯލު ޖަހައި، އެމްބާޕޭ ވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ރަން ބޫޓު ހާސިލްކޮށްފަ އެވެ. އެކަމަކު، ރެއާލުން ސީޒަން ނިންމާލިއިރު، އެއްވެސް ތަށްޓެއް ނުލިބި ފަރުޖައްސާލަން މި ޖެހުނީ ހަތަރު އަހަރު ތެރޭ ފުރަތަމަ ފަަހަރެވެ.
"އަހަރެން ނުލައި ޕީއެސްޖީން ޗެމްޕިއަންސް ލީގު ނެގުމުން މާޔޫސްނުވޭ" "އަހަރެން ނުލައި ޕީއެސްޖީން ޗެމްޕިއަންސް ލީގު ނެގުމުން މާޔޫސްނުވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ