200 އެއްހައި މީހުން ރިމާންޑް ސެންޓަރަށް ނަގައި، ގިނަ މީހުންގެ ފަރުވާ ފެށިއްޖެ: ލުބްނާ
މިހާތަނަށް މުޅި ރާއްޖެއިން 200އެއްހައި މީހުން ރިމާންޑް ސެންޓަރުތަކަށް ނަގައި، އޭގެ ތެރެއިން ގިނަ މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ. ރިމާންޑް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީއަތަށް ބަންދުގައި ބަހައްޓާއިރު ބައިތިއްބާ ފެސިލިޓީއެކެވެ. އެއީ، ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދޭ ފެސިލިޓީއެކެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލުބްނާ ވިދާޅުވީ، މިފަދައިން ރިމާންޑް ސެންޓަރަށް ނަގާފައިވާ މީހުންގެ ތެރެއިން ފަރުވާހޯދަނީ ގާތްގަނޑަކަށް 178 މީހުން ކަމަށެވެ. "ރިމާންޑްގެ ފަރުވާއަށް ނެގުނު ގިނަ މީހުން ވަނީ ރިހިބިލިޓޭޝަންގެ ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވެއްދިފައި، އޭގެ މާނައަކަށް ޑުރަގު ކޯޓު މެދުވެރިކޮށް ފަރުވާއަށް ހުކުމްކުރެވިފައޭ ވަނީ،" ލުބްނާ ވިދާޅުވިއެވެ. މީގެތެރެއިން ފަރުވާއަށް ނުވެއްދި ވަނީ ވަރަށް މަދު ބައެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެމީހުން ފަރުވާއަށް ނުވެއްދި ވަނީ، ކްރިމިނަލް ކޯޓުގައި މައްސަލައެއް އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެ މައްސަލަ ނިމުމާއެކު އެމީހުންގެ ފަރުވާ ވެސް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. "ރިމާންޑަށް ނަގާ މީހުން ފަރުވާއަށް ވެއްދުމުގެ އެންމެ މުހިންމު ކަމަކީ ލޯންގް ޓާމު ފަރުވާއެއްގެ ތެރެއިން އެމީހުން ރަނގަޅުކޮށްފައި މުޖުތަމައުއަށް އަލުން ރަނގަޅު މީހުންގެ ގޮތުގައި ގުޅުވައިދިނުން،" ލުބްނާ ޒާހިރު އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭމީހުންކަން ފާހަގަކޮށް ލުބްނާ ވިދާޅުވީ ކުދަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން އާއިލާތަކުން ރިޕޯޓު ކުރާނަމަ އެ މީހުން ވެސް ރިމާންޑަށް ނެގުމުގެ މަސައްކަތްކުރާ ކަމަށެވެ. މިފަދަ ކޯލްތައް މާލޭ ސަރަހައްދުން އަދި އަތޮޅުތެރެއިން ވެސް ވަރަށް ގިނައިން ލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ގައިދީންނަށް ފަރުވާ ދެވޭ ގޮތަށް, ތިން ރިހެބިލިޓޭޝަން ސެންޓަރެއް، ދާދިފަހުން ވަނީ ރިމާންޑް ސެންޓަރުތަކެއް ގޮތަށް ބަދަލުކޮށްފައެވެ. އެ ތިން ސެންޓަރަކީ: ގދ. ތިނަދޫ ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ޏ. ފުވައްމުލަކު ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ސ. ހުޅުދޫ ވިލުނު ސެންޓަރު https://sun.mv/206259 މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއާއި ފުލުހުން ގުޅިގެން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20ވަނަ ދުވަހުއެވެ. މި ހަރަކާތުގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާ ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް ރިމާންޑް ސެންޓަރުތަކަށް ގެންދާނެކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ