އެކަތި ބޮޑުބެރުގެ 'އީދު ގޮމާ': ކިހާދޫއަށް މާ ކުރިން އީދު އަތުވެއްޖެ

ބ. ކިހާދޫއަށް މިފަހަރު ބޮޑު އީދު އައިސްގެން އުޅެނީ ތަންކޮޅެއް ކުރިންނެވެ. 'އެކަތި ބޮޑުބެރު' ގްރޫޕުން އެ ރަށަށް ގޮސް ދަނޑި ޖަހައި، ދަފި ނަގައި، ކުލައިން ތަތްތެޅިއްޖެ އެވެ. ފިސާރި ގަދައަށް އީދު ކުޅެފި އެވެ. އެވެރިން ޖެހި ހުރިހާ ސަކަރާތެއް މިހާރު އެ އޮތީ 'އީދު ގޮމާ' ކިޔާ ލަވައެއްގެ ސިފައިގައި ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
މި ލަވައިގައި މައިގަނޑު ގޮތެއްގައި ދައްކައިދެނީ ކުޑަ ބަދަލަކާ އެކު ދިވެހި ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ދަފި ނެގުމެވެ. އަދި 'ރަށްރަށުގައި އީދަށް ފޯރިނަގަން ކުރާ ބައެއް އިތުރު ކަންކަން ވެސް، 'ލަވް ސްޓޯރީއެއް'ގެ ތެރެއިން ފެންނާނެ އެވެ.
ލަވައިގެ ނަން ނިސްބަތްވާ 'އީދު ގޮމާ'އަކީ ފިލްމީ ތަރި މަރިޔަމް އައްޒަ އެވެ. އަދި ލަވައިގެ ލީޑު ވޯކަލިސްޓަކީ އެކަތި ބޮޑުބެރު ގްރޫޕުގެ މެނޭޖަރު ހަމްދާން އަހްމަދު ސަލީމް (އަންނަ) އެވެ.
ލަވައިގައި ގޮމައަށް ދަފި ނަގައިދެނީ ހަމްދާން އެވެ. އެކަމަކު ލަވައިގެ 'ބިހައިންޑް ދަ ސީންސް' މަންޒަރުތައް ފެނުމުން ހަމްދާން އަސްލު ދަފި ނަގައިދިނީ، ބޮޑަށް ބެލެވޭ ގޮތުގައި އެ ރަށު ޒުލޭހައްތައަށެވެ.
ލަވައިގައި އީދު ގޮމާ 'އިމްޕްރެސް' ކޮށްލައިގެން އުޅުނަސް، ކެމެރާގެ ފުރަގަހުން އަސްލު 'އިމްޕްރެސް' ވީ ޒުލޭހާއްތަ އެވެ. އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ، ސަގާފީއޭ ބުނެފިނަމަ ޒުލޭހާއްތަ އެ ތަނެއްގައި ނުހުރެ ނުދާނެ އެވެ. އެއީ ކިހާދޫގައި ސަގާފީ ކުޅިވަރުތަކުގެ މަންމަ އެވެ. ދަނޑި ޖެހުމާއި ނެށުމަކީ ޒުލޭހައްތައަށް ފެން ފޮދެއް ދިރުވައިލުންހާ ފަސޭހަ ކަމެކެވެ. އެހެންވީމަ ޒުލޭހައްތަގެ ދުލުން ހަމްދާނަކީ "ނަންބަރު ވަން" އޭ ބުނުމަކީ އާދައިގެ ކަމެއް ނޫނެވެ.
ކިހާދޫއަށް މާ ކުރިން އީދު ގެނެސްދިން 'އީދު ގޮމާ' ލަވަ އެކަތި ބޮޑުބެރު ގްރޫޕުގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެ އެވެ. އަދި ލަވައިގެ ބިހައިންޑް ދަ ސީންސް ހިއްސާކޮށްފައިވަނީ އެ ގްރޫޕުގެ އިންސްޓަގްރާމް އާއި ފޭސްބުކް ޕޭޖުގަ އެވެ.
ލަވަޔަށް ޖުމުލަކޮށް ބެލުންތެރިންގެ ތައުރީފު ލިބިފައިވާއިރު، 10 ގަޑިއިރު ތެރޭގައި 23،000 އަށްވުރެ ގިނަ މީހުން އެ ލަވަ ބަލާފައިވެ އެވެ. އަދި އޭގެ ކުރިން ހިއްސާކުރި އޮފިޝަލް ޓްރެއިލާއަށް 260،000 އަށްވުރެ ގިނަ ވިއުޒް އިންސްޓަގްރާމްގައި އެކަނި ވެސް ވަނީ ލިބިފަ އެވެ.
ދެން އޮތީ މި ލަވައިގެ ސަޕްރައިޒް ބައެވެ. ހަމްދާންމެން ގޮމާއަށް ދަފި ނަގައިދޭން އުޅޭއިރު 'ކެޕްޓަން އަފްޒަލް' ވެސް ހުރީ ކިހާދޫގަ އެވެ. ދަފި ނެގުމުގެ ކުރިން އޭނާ އެއާ ގާތްވެ އުޅުނުކަން ސޯޝަލް މީޑިއާގައި މާ ކުރިން އޮތީ ފަޅާއަރާފަ އެވެ. ދަފީގެ ތެރެއަށް އެއްޗެއް ލާ ތަން ފެނުނު ނަމަވެސް، ނޭނގެނީ އެއީ ކޮން އެއްޗެއް ކަމެވެ.
ކެޕްޓަން އަފްޒަލްއަކީ އެކަތި ބޮޑުބެރު ގްރޫޕުން ސޯޝަލް މީޑިއާއަށް ލާ ސްކިޓްތަކުގައި އުޅޭ ކެރެކްޓާއެކެވެ. މީގެ ކުރިން އޭނާ ފެނުނީ ބ. ތުޅާދޫއިން، ލޯބިވެރިންގެ ދުވަހު އެވެ. އެފަހަރު ވެސް އެ ރަށަށް ގޮސް 'މަރިޔަމް މަލާ' ގެންގުޅުނު ކުރަނޑިއަކަށް ކޮންމެވެސް އެއްޗެއް ލާ ތަން ފެނެ އެވެ. އެއީ ކޮންމެވެސް ދައުވަތެކެވެ.
އެހެންކަމުން މިފަހަރު ކިހާދޫއަށް ގޮސް ކެޕްޓަން އަފްޒަލް މި ކުރި ކަމެއް ވެސް ފަހަރެއްގައި ވަރަށް އަވަހަށް އެނގިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ