‏ސިއްހީ ދުޅަހެޔޮކަމާއެކު ހިތްހަމަޖެހިގެން ދިރިއުޅޭނީ ކިހިނެއް؟ ‏ސިއްހީ ދުޅަހެޔޮކަމާއެކު ހިތްހަމަޖެހިގެން ދިރިއުޅޭނީ ކިހިނެއް؟

‏އިންސާނާގެ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބޭނުމަކީ ސިއްހަތު ރަނގަޅުވެ، ‏‏ހިތްހަމަޖެހުމާއެކު އުޅެވޭނެ ގޮތެއް ހޯދުމެވެ. މި ދެ ކަންތައް އެކުއެކީގައި ‏‏ހާސިލުކުރުމަކީ އުފާވެރި އަދި ފުރިހަމަ ދިރިއުޅުމެއްގެ ތަޅުދަނޑި އެވެ.
ސިއްހީ ‏‏ދުޅަހެޔޮކަމަކީ ހަމައެކަނި ބަލިތަކުން ސަލާމަތްވެ ހުރުމެއް ނޫނެވެ. އޭގެ އިތުރުން އެއީ ‏‏ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ގޮތުންވެސް ފުރިހަމަ ދުޅަހެޔޮކަމެއް ‏‏ލިބިގެންވުމެވެ. ހަމައެއާއެކު، އިންސާނާއަށް ލިބޭނޭ އެން މެބޮޑު އެއް ހިތްހަމަޖެހުމަކީ ދިރިއުޅުމާމެދު އުފާވެރިކަން ‏‏އިހުސާސްވުމެވެ‏‎.‎
‏ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ‏‏އާދަތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. އެގޮތުން ބެލެންސްޑް‏‎ އަދި ‎‎ނިއުޓްރިޝަލް ޑައިޓް‎‏އަކީ އެންމެ މުހިންމު އެއް އަސާސެވެ. ތާޒާ މޭވާ އާއި ‏‏ތަރުކާރީ އާއި، ގޮވާމުގެ ބާވަތްތައް، އަދި ޕްރޮޓީން ގިނައިން ހިމެނޭ ކާނާ ‏‏ބޭނުންކުރުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ދިފާޢީ ބާރު ލިއްބައިދޭ ‏‏ކަމެކެވެ‏. ‎‏ޑަބްލިއުއެޗްއޯ ‎‏އިން ބަޔާންކުރާ ގޮތުގައި، ހެޔޮ ‏‏ކާނާއަކީ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ‏
‏ކާނާއެކޭ އެއްފަދައިން، ގަވާއިދުން ކަސްރަތު ކުރުމަކީވެސް ޖިސްމާނީ ‏‏ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. ހިތުގެ ބަލިތަކުންނާއި، ހަކުރު ބަލިން ‏‏އަދި ބައެއް ވައްތަރުގެ ކެންސަރުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، ‏‏ކަސްރަތަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފައިދާކުރާކަމެއްކަން ފާހަގަކުރެ ވެއެވެ. ‏‏ހަފްތާއަކު މަދުވެގެން 150 މިނެޓްގެ ހަރަކާތްތެރި ކަސްރަތެއް ‏‏ކުރުމަށް ސިއްހީ އިދާރާތަކުން ލަފާ ދެއެވެ. ‏‏
އޭގެ އިތުރުން، ހަށިގަނޑާއި ސިކުނޑި އަލުން އާލާވުމަށް ފުރިހަމަ ނިދި ވަރަށް ‏‏މުހިންމެވެ. ނިދި މަދުވުމަކީ ދިފާއީ ނިޒާމު ބަލިކަށިވެ، ހިތް އަވަސްވުން އިތުރުވެ، ‏‏އަދި ދިރިއުޅުމުގެ ފެންވަރު ދަށްކޮށްލާ ކަމެކެވެ. ބޮޑެތި މީހުންނަށް ދުވާލަކު 7-9 ‏‏ގަޑިއިރުގެ ނިދި ބޭނުންވާކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް ‏‏އެންޑް ޕްރިވެންޝަން‏‎ ‎‏އިން ބުނެ އެވެ‏‎.‎
‏ހަމައެކަނި ޖިސްމާނީ ދުޅަހެޔޮކަމުން ފުއްދައެއް ނުލެވެ އެވެ. ހިތްހަމަޖެހިގެން ‏‏ދިރިއުޅުމަށް ނަފްސާނީ ދުޅަހެޔޮކަން ނުވަތަ ސިއްހަތު ވަރަށް މުހިންމެވެ. ‏‏ދިރިއުޅުމުގެ އެކި ކަންކަމާހެދި ކުރިމަތިވާ ނުތަނަވަސްކަން (ސްޓްރެސް) ‏‏މެނޭޖްކުރަން ދަސްކުރުމަކީ ނަފްސާނީ ގޮތުން ހަމަޖެހިލައިގެން ހުރުމަށް އެޅޭ ‏‏މުހިންމު ފިޔަވަޅެކެވެ. މެޑިޓޭޝަން، ޔޯގާ، ނުވަތަ ފުންކޮށް ނޭވާލުން ފަދަ ‏‏ކަންކަމަކީ ސްޓްރެސް ލުއިކުރުމަށް އެހީތެރިވެދޭ ކަންކަމެވެ.
މީގެ އިތުރުން، ‏‏"މައިންޑްފުލްނެސް" ނުވަތަ ހޭލުންތެރިކަމާއެކު ހުރުމަކީ، އެވަގުތަކު ހިނގަމުންދާ ‏‏ކަންކަމަށް ސަމާލުކަންދީ، ވިސްނާ، ޝުޢޫރުތަކާއި އިޙްސާސްތަކަށް ‏‏ޖާގަދިނުން ހިމެނޭ އުސޫލެކެވެ‏‎.‎‏ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން‏އިން ފާހަގަކުރާ ގޮތުގައި މައިންޑްފުލްނެސް އަކީ ސްޓްރެސް ކުޑަކޮށް، ‏‏އިހުސާސްތައް ދެނެގަތުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ދިމާވާ ކަންކަމާމެދު ހެޔޮ ‏‏ނަޒަރަކުން ދެކި، އުފާވެރިކަމާއި ޝުކުރުވެރިކަމުގެ ވިސްނުން ގެންގުޅުމަކީވެސް ‏‏ހިތްހަމަޖެހުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. ބައެއް ފަހަރު، ނަފްސާނީ ގޮތުން ‏‏ދަތިތަކެއް ކުރިމަތިވާއިރު، އަމިއްލައަށް އެކަމުން އަރައިގަތުން އުނދަގޫވެދާނެ އެވެ. ‏‏އެފަދަ ހާލަތްތަކުގައި، ގާތް ރައްޓެހިން، އާއިލާގެ މެންބަރުން، ނުވަތަ ‏‏ޕްރޮފެޝަނަލް އެހީތެރިއެއްގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ‏‎.‎
‏ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން، ހެޔޮ އިޖުތިމާއީ ގުޅުންތަކަކީ ‏‏އިންސާނާގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވާ ‏‏އެއްޗެކެވެ. ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކޮށް، އެމީހުންގެ އަޅާލުމާއި ‏‏އެހީތެރިކަން ލިބުމަކީ ހިތްހަމަޖެހުން އިތުރުކޮށް، އެކަނިވެރިކަމުގެ އިހުސާސް ‏‏ކުޑަކޮށްދޭ ކަމެކެވެ.
މުޖުތަމަޢުގައި ހިންގާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އާ ‏‏މީހުންނާ ބައްދަލުވެ، ގުޅުންތައް ބަދަހިކުރުމަކީވެސް ނަފްސާނީ ދުޅަހެޔޮކަމަށް ‏‏ފައިދާކުރާ ކަމެކެވެ‏. ‎‏ހާވާޑް ހެލްތް ޕަބްލިޝިން ‏އިން ބުނާ ގޮތުގައި، ވަރުގަދަ އިޖުތިމާއީ ގުޅުންތަކަކީ ސިއްހީ ‏‏ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ‏‎.‎
ހިތްހަމަޖެހުން އިތުރުކުރުމަށްޓަކައި، ދިރިއުޅުމުގައި ކޮންމެވެސް ‏‏މަގުސަދެއް އޮތުމާއި، އަމިއްލަ ނަފްސު ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވެސް ‏‏މުހިންމުކަމެކެވެ. އާ ކަންކަން ދަސްކޮށް، އަމިއްލަ ހުނަރުތައް ތަރައްޤީކުރުމަކީ ‏‏އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، ހިތްހަމަޖެހުން ގެނެސްދޭ ‏‏ކަމެކެވެ. ހަމައެއާއެކު، އެހެން މީހުންނަށް އެހީތެރިވެ، ހެޔޮކަންކަމުގައި ‏‏ބައިވެރިވުމަކީ އަމިއްލަ ނަފްސަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ‏‏ކަމެއްކަން ވެރީވެލް މައިންޑް‏‎ ‎‏ފަދަ ވެބްސައިޓްތަކުން ‏‏ފާހަގަކުރެ އެވެ‏‎.‎
‏ސިއްހީ ދުޅަހެޔޮކަމާއެކު ހިތްހަމަޖެހިގެން ދިރިއުޅުމަކީ އެއް‏‎ ‎‏ރެއަކުން‏‎ ‎‏ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ދިގު މުއްދަތެއްގެ ދަތުރެކެވެ. މި ދަތުރުގައި ‏‏ކުދިކުދި ހެޔޮ ބަދަލުތައް ގެނެސް، ގަވާއިދުން އެކަންކަން ދެމެހެއްޓުމަކީ ‏‏މުހިންމުކަމެކެވެ. ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ‏‏ސަމާލުކަންދީ، އަމިއްލަ ނަފްސަށް އަޅާލައިގެން، އުފާވެރި، ހިތްހަމަޖެހޭ، އަދި ‏‏ދުޅަހެޔޮ ދިރިއުޅުމެއް ހާސިލުކުރެވިދާނެއެވެ.
އެންމެ މުހިންމު ކަމަކީ، މިކަންކަމަކީ ‏‏އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ކަންކަންކަން ދަނެ، ހުރިހާ ދާއިރާއަކުންވެސް ‏‏ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމެވެ‏‎.‎
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ