ގުރާގެ ހަޅޭކާހެދި, އަވަށްޓެރިންނަށް ހަމަނިދި ނުލިބިފައި

ރާއްޖެ ދުށް އެންމެ މޮޅު އެއް ޑައިރެކްޓަރު, މުހައްމަދު ނިޔާޒް (ޓެޑްރީ), އޭނާގެ ސޯޝަލް މީޑިއާއަށް އިއްޔެ ދޫކޮށްލި, ވީޑިއޯއެއްގެ ކެޕްޝަންގައި ލިޔެފައިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހަމަ ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ކުރިމަތިލާން ޖެހޭ އުނދަގުލެއްގެ ވާހަކައެވެ. ވީޑިއޯ ޕްލޭކޮށްލުމާއެކު ވާނެ އުނދަގޫ އަމިއްލައަށް ވެސް އިހުސާސްކޮށްލެވުނެވެ. އިވެނީ ބާރުބާރަށް ދޫންޏެއް ހަޅޭއްލަވާ އަޑެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ގަދަ އަޑު އޭނާ އާއި އެ ގޭގެ އަވަށްޓެރިން ޖެހެނީ އަހާށެވެ. މިއީ ޓެޑްރީ އެކަނި ކުރާ އުނދަގޫ, ތަޖުރިބާއެއް ނޫންކަން އެނގެނީ އެ ޕޯސްޓްތަކަށް މީހުން ކޮށްފައިވާ ކޮމެންޓްތަކުންނާއި ދީފައިވާ ރިޕްލައިތަކުންނެވެ. މިއީ އެތައް ބަޔަކު ކޮންމެ ދުވަހަކު ކުރަމުން އަންނަ އުނދަގޫ ތަޖުރިބާއެކެވެ. މާލޭގެ އެކި ހިސާބުތަކުން ދުއްވާލާފައިދާއިރު ވެސް މިފަދަ އަޑުތައް އިވެއެވެ. https://x.com/tedry/status/1923331383763603957 ތަފާތު އެކި ވައްތަރުގެ ގުރައާއި އެހެނިހެން ޖަނަވާރުތައް ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ލޯބި ކުރާ އަދި ވަރަށް ބޮޑު ހޭދައެއް ވެސް އެކަމަށް ކުރާ ކަމެކެވެ. ޕެޓްގެ ގޮތުގައި ގިނަ ބަޔަކު ބޮޑެތި ދޫނިތައް ގެންގުޅެއެވެ. އޭގެ ތެރޭގައި ހިމެނޭ މަކާއޯ ފަދަ ދޫނިތަކަކީ ވަރަށް އަޑުގަދަ ކުރާ އެއްޗެއްސެވެ. އެއީ ބަލާލަން ވަރަށް ރީތި އެއްޗެކެވެ. ނަމަވެސް ކަންކަން މި ގޯސްވާ ހިސާބަކީ އެހެން މީހުންނަށް އުނދަގުލަކަށްވާ ހިސާބަށް ކަންކަން ދިއުމުންނެވެ. ބެލްކަނިތަކާއި ޓެރެސްތަކުގައި ގެންގުޅޭ ބޮޑެތި ގުރާތަކުގެ ހަޅޭކުގެ އަޑާހެދި, ހަމަނިދި ނުލިބިފައި ތިބި އެތައް ބަޔަކު މި މާލޭގައި އެބަ އުޅެއެވެ. އެ ގަދަ އަޑު އިވެނީ އެ އެއްޗެހި ގެންގުޅޭ މީހާ އާއި އެ ގެއަށް އެކަންޏެއް ނޫނެވެ. މުޅި އެ ސަރަހައްދުގެ އެންމެންނަށް އެ އުނދަގޫ ފޯރައެވެ. ގޭގޭގައި ތިބޭ ބަލި މީހުންނާއި ކުޑަކުދިންނަށް އަދި މާ އުނދަގޫވާނެއެވެ. ހަމައެއާއެކު އެ ބާރު އަޑަކީ ގޭގޭގައި ހަމަޖެހިލައިގެން ތިބެލުމަށް ވާނެ ދައްޗެކެވެ. "ހަމަޖެހިގެން މީހުން ދިރިއުޅުމަށް އުނދަގޫވާގޮތަށް ޖަނަވާރުތަކާއި ދޫނިތައް ގެންގުޅުމާ ދެކޮޅަށް ކޮންމެވެސް ޤާނޫނެއް އޮންނަންޖެހޭ... އަހަރެންގެ މައިންބަފައިންގެ ގޭގައި ވެސް މިފަދަ ކަމަކާ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ. އެ ގޭގެ ތިރީ ފަންގިފިލާގައި ދިރިއުޅޭ މީހާ ހިތުން އޭނާގެ ނޫ މަކާއޯ ބެއިންދުމަށް އެންމެ ރަނގަޅު ތަނަކީ ކުޑަކުޑަ ބެލްކަނި," މަރިޔަމް ނީނާ ކިޔާ މީހަކު ޓެޑްރީގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްފައިވެއެވެ. https://x.com/ZoyaMV/status/1923349893600432212 ތޮއްޖެހި, ފުރި ބާރުވެފައިވާ މި މާލޭގައި ހަމަޖެހިލައިގެން ދިރިއުޅުން އުނދަގޫ އެތައް އެތައް ސަބަބެއް އެބައޮތެވެ. މަގުތައް އަމާނެއް ނޫނެވެ. ހަލަބޮލިކަމާއި އެކްސިޑެންޓާއި ކުށްތަކުގެ ސަބަބުންނެވެ. ގިނަ ބަޔަކު އަގު ބޮޑުކޮށް ގެ ހަދައިގެންނާއި ބޮޑު ކުލި ދައްކައިގެން ގޭގޭގައި އެ ތިބެނީ ކޮންމެ ވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަޑާއި ބަރުގޮނުގެ އަޑުގެ ސަބަބުން ވެސް ހަގީގީ ހަމަޖެހުމެއް ނުލިބެއެވެ. އެއަށް ދެން މި އިތުރުވަނީ އަވައްޓެރިން ގެންގުޅޭ ދޫންޏާއި އެކިއެކި ޖަނަވާރުތަކުގެ ސަބަބުން ވާ އުނދަގޫ ތަކެވެ. މިފަދަ އެއްޗެހީގެ ދިރިއުޅުން ހުންނަ ގޮތުން ވަކި ވަގުތެއް ވެސް ނޯވެއެވެ. ދުވަހުގެ ގިނަ ވަގުތު އެ ތިބެނީ އަޑުގަދަ ކުރާށެވެ. މިއީ މި ފަހުން އެކަނި ކުރިމަތިވާ މައްސަލައެއް ނޫނެވެ. ޒަމާންވީ މައްސަލައެކެވެ. އެކަމަކު ތިމާގެ މިނިވަންކަމާމެދު އެކަނި ވިސްނޭތީ ހައްލު ނުވެ އޮތް މައްސަލައެކެވެ. ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށް މީހުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ. އޭގެ ތެރޭގައި ރަނގަޅަށް ނިދުމަށް ނުވަތަ އަރާމުކުރުމަށް އުނދަގޫވުމާއި މަސައްކަތް ނުވަތަ ކިޔެވުމަށް ސަމާލުކަން ދިނުމަށް އުނދަގޫވުން ހިމެނެއެވެ. ހަމައެހެންމެ މީހުންނާއި ވާހަކަދައްކައި ހެދުމަށާއި އަމިއްލަ ގޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރަން އުނދަގޫވުން ހިމެނެއެވެ. މިއީ މީހާގެ ހާސްކަން ނުވަތަ ސުޓްރެސް މަތިވާން މެދުވެރިވާނެ ކަންކަމެވެ. އޭގެ ނަތީޖާއަކަށް ވަނީ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ސިއްހަތަށް ވެސް ނޭދެވޭ އަސަރުތައް ކުރުމެވެ. މިފަދަ ކަންކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް ވެސް ހަދާފައި އެބަހުއްޓެވެ. އާއްމު އިޖުތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ކުށެކެވެ. އަދި ޖަނަވާރާއި ދޫނި ގެންގުޅެން ވެސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އާއްމުންގެ ތެރޭގައި ގެންގުޅުން މަނާ ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ ގާނޫނުތަކަކީ ތަންފީޒު ނުވާ އެއްޗެއްސަށްވާއިރު މި ގާނޫނުތައް ވެސް އޮތީ ހަމަ އެ ހާލުގައެވެ. ކަމާ ބެހޭ މުއައްސަސާތަކަށް ގުޅިޔަސް ގިނަ ފަހަރު މައްސަލަ ހައްލެއް ނުވެއެވެ. އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ކަންކަން ނުކުރުމަކީ ދުނިޔޭގެ ތަހުޒީބީ, އަދި ރަނގަޅު އަހުލާގެއްގެ ބަޔަކު އުޅޭ މުޖުތަމައުތަކުން ވަރަށް އިސްކަން ދޭ ކަމެކެވެ. އެގޮތުން ހައްލުތައް ހޯދާފައި އެބަހުއްޓެވެ. ތައިލެންޑް ފަދަ ގައުމުތަކުން މިކަމަށް ހައްލު ހޯދާފައިވަނީ އެ މީހުންގެ އާންމު ސިއްހަތާބެހޭ ގާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ދޫންޏާއި ޖަނަވާރުތައް ގެންގުޅެން ރައްކާތެރިކަމުގެ ގަވާއިދުތައް ތައާރަފްކޮށްގެންނެވެ. ސިންގަޕޫރަށް ބަލާއިރު މިފަދަ މައްސަލަތައް ހައްލު ކުރަނީ މީހުން ދިރިއުޅޭ ގެދޮރުގައި ދޫނި ގެންގުޅުމާ ބެހޭ ހާއްސަ އުސޫލުތައް ހަދައިގެންނެވެ. އެ ގައުމުތަކުގައި އެ މައްސަލަ ހައްލު ވަނީ ގާނޫނާއި ގަވާއިދު ތަންފީޒު ކުރާތީއެވެ. މެކްސިކޯ ސިޓީފަދަ ތަންތަނަށް ބަލާއިރު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވެސް މިފަދަ މައްސަލަތައް ހައްލު ކުރަން މުނިސްޕަލްއިން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. ތިމާއަށް ކިތަންމެ ހިތްހަމަ ޖެހުމެއް ލިބުނަސް އެއީ ދެން ތިބި ބަޔަކަށް ވާ އުނދަގުލެއްނަމަ އެ ކަމެއް ކޮށްގެން ނުވާނެއެވެ. މީހުން ހަމަޖެހިގެން ދިރިއުޅެން ހުރަސް އަޅާކަށް ނުވާނެއެވެ. ޓެޑްރީ އެ ހިއްސާ ކުރި ވީޑިއޯއިން އެ ކަންބޮޑުވުން އެބަ ފެނެއެވެ. މިއީ މާލޭގައި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ކުރާ އަނދަގޫ ތަޖުރިބާއެކެވެ. ހައްލެއް ހަގީގަތުގައި ވެސް ބޭނުންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ