އޯޕެން އޭއައިއިން ދަރިވަރުންނަށް ޗެޓްޖީޕީޓީ ޕްލަސް ހިލޭ ދޭން ފަށައިފި
މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އޯޕެން އޭއައިއިން ޔުނިވާސިޓީ ތަކުގެ ދަރިވަރުންނަށް ޗެޓްޖީޕީޓީ ޕްލަސްގެ ދެ މަހުގެ ހިލޭ ސަބްސްކްރިޕްޝަން ދޭން ފަށައިފިއެވެ. އޯޕެން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވަނީ މި ޚަބަރު އެކްސް މެދުވެރިކޮށް ހިއްސާކޮށްފައެވެ. މި ޕްރޮގްރާމް ފެށިފައި ވަނީ މާރިޗު 31ވަނަ ދުވަހުން ފެށިގެން ކަމަށާއި، މޭ 31، 2025ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޯލްޓްމަން ބުނެފައިވާ ގޮތުން މި ފުރުސަތު އަދި ލިބޭނީ އެމެރިކާއާއި ކެނެޑާގެ ޔުނިވާސިޓީތަކުގައި ފުލްޓައިމް ނުވަތަ ޕާޓްޓައިމްކޮށް ކިޔަވަމުންދާ ދަރިވަރުންނަށެވެ. އެެނޫން ދަރިވަރުންނަށް މި ފުރުޞަތު ކުރިއަށްއޮތްތަނުގައި ނުލިބޭނެކަމަކަށް އޭނާ ބުނެފައެއް ނުވެއެވެ. ޗެޓްޖީޕީޓީ ޕްލަސްގެ ޚިދުމަތް ލިބުމުން ދަރިވަރުންނަށް އެޑްވާންސްޑް ފީޗާތަކާއި އިތުރު ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ. މި ފުރުސަތު ތަޢާރަފުކޮށްފައިވަނީ ދަރިވަރުންގެ ދިރާސީ އަހަރުގެ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ، ގިނަ ދަރިވަރުންނަށް މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމަށް ބެލެވެއެވެ. ޗެޓްޖީޕީޓީ ވަނީ މިހާރު ގިނަ ދަރިވަރުންގެ ކިޔެވުމުގައި މުހިންމު ބައެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޓޫލަކަށް ވެފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް އެސައިންމަންޓްތައް ހެދުމާއި، އެހެނިހެން އިތުރު އެހީތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ދަރިވަރުންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ތަޖުރިބާކުރުމުގެ ރަނގަޅު ފުރުސަތެއް ކަންވެސް ފާހަގަކުރެވެއެވެ. ޗެޓްޖީޕީޓީއަކީ އޯޕެން އޭއައިއިން 2022ވަނަ އަހަރުގެ ނޮވެމްބަރު މަހު ތަޢާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެކެވެ. މި ޗެޓްބޮޓަކީ ޓެކްސްޓް ޖެނެރޭޓްކޮށް، ސުވާލުތަކަށް ޖަވާބުދީ، އަދި އެކި ބާވަތުގެ މަޢުލޫމާތު ދިނުމުގައި ވަރަށް ކުޅަދާނަ ސިސްޓަމެކެވެ. ޗެޓްޖީޕީޓީ ޕްލަސްއަކީ މި ސިސްޓަމްގެ ޕްރީމިއަމް ވާޝަނެވެ. މީގެ ކުރިން މި ޚިދުމަތަށް މަހަކު 20 ޑޮލަރު ދައްކަން ޖެހެއެވެ. ނަމަވެސް މިހާރު ދަރިވަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް މި ޚިދުމަތް ހިލޭ ލިބިގެންދާނެއެވެ. މިއީ ދަރިވަރުންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުވެފައިވާ ޓެކްނޮލޮޖީއެއް ކަމަށްވާތީ، މި ފުރުސަތު ލިބުމުން ގިނަ ދަރިވަރުންނަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ