ދުޢާ - 21
"އިނާއާ އޭނާގެ ބައްޕަ ބައްދަލުކުރުމަކަށް ހުރަހެއް ނާޅާނަން. އެކަމަކު އެއީ އޭނާގެ ފަރާތުން އިނާއަށް އަނިޔާއެއް ނުލިބޭނެކަމުގެ ޔަޤީންކަން އޮތްނަމަ. ކުއްޖާގެ ކަންތަކުގައި ނައުފާއާ ވާހަކަ ދެއްކުމަކަށްވެސް ހުރަހެއް ނާޅާނަން. އެކަމަކު، ބައްދަލުކުރާނަމަ އެތަނެއްގައި ހުންނަން އަހަރެން ބޭނުން. ސަބަބަކީ ކައިވެންޏަށްފަހު ނައުފާގެ ހުރިހާ ޒިންމާއަކީ އަހަރެންގެ ބޮލުގައި އެޅިފައިވާ އެއްޗެއް. ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން އަހަރެން ނައުފާއަށް ދޭން ބޭނުން." ހައިޝަމް ހާމަކުރީ އޭނާގެ އުސޫލެވެ. އަދި އެގޮތަށް އޭނާ އަމަލުތައް ބަހައްޓަން ބޭނުންވާ ސަބަބެވެ. އޭނާ ފަހަރަކު މީހެއްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ހައިޝަމްގެ ވިސްނުން ކަމުދިޔައީ ހަމައެކަނި، ނައުފާއަށް އެކަންޏެއް ނޫނެވެ. ނައުފާގެ މަންމަ ނަފީސާއާއި، ބައްޕަ، ރާފިޢުގެ އިތުރުން އަފްޒަލްވެސް އެ ވާހަކައަށް ތާއީދުކުރިއެވެ. ހައިޝަމްގެ ވާހަކަތަކުން އެމީހުންނަށް ޔަޤީންވީ ހައިޝަމްގެ ފަރާތުން ނައުފާއަށް ލިބެން ޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމުގައެވެ. އެމީހުން އެންމެންގެ ކޮންމެ ސުވާލަކަށްމެ ހައިޝަމް ޖަވާބު ދިނީ ތެދުވެރިކަމާ އެކުގައެވެ. އެއްވެސް ކަމެއްގެ ވާހަކަ ފަހުން ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އޮޅުން އަރާ ކަމެއް އޮތްނަމަ ވީ އެންމެ އަވަހަކަށް އެކަމެއްގެ ވާހަކަ ދައްކާ ހައްލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ހައިޝަމް ޤަބޫލުކުރެއެވެ. ހައިޝަމް އޭނާއަށް ކުރިމަތިކުރުވި ސުވާލުތަކުގެ ޖަވާބު ދިނީ ސާބިތުކަމާއެކުގައެވެ. އެއީ އޭނާ ހަމައެކަނި ދައްކައިލި ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު އެއީ އޭނާގެ އަމަލުތައް ހުންނާނެ ގޮތެވެ. ދެފަރާތުގެ ޢާއިލާގެ ވާހަކަތައް ވެސް ކޮންމެވެސް ވަރަކަށް ދެކެވުނެވެ. ހައިޝަމްވެސް އޭނާގެ މަންމަމެން މީގެ ދެއަހަރު ކުރީން ނިޔާވެފައިވާކަމަށާއި، ޙަޔާގެ ވާހަަކަތައް ކިޔައިދިނެވެ. "އަހަރެން ކައިވެންޏާ އެއްބަސް." ނައުފާ އެއްބަސްވިއެވެ. ނައުފާގެ އާބަސް ލިބުމުން، ހައިޝަމްއަށް އިންތިހާ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ވީ އެންމެ އަވަހަކަށް ކައިވެނިކުރަން އޭނާ ބޭނުންވިއެވެ. އެ ޚިޔާލު ފާޅުކުރުމުން، ނައުފާއެކޭ އެއްގޮތަށް އެންމެންވެސް އެގޮތާ ރުހި ޤަބޫލުވިއެވެ. އެރޭ ހައިޝަމް އެގެއިން ނުކުމެގެން ދިޔައީ ކައިވެނީގެ ތާރީޚު ކަނޑައެޅުމަށް އަދި އަންނާނެކަމަށް ބުނެއެވެ. ނައުފާމެން ގެ "ފެހި މައިޒާނުން" ނުކުމެގެން ގޮސް ސައިކަލަށް އެރި ހައިޝަމްގެ ތުންފަތްމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އޭނާއަށް އެންމެ ފުރަތަމަވެސް ޙަމްދުކުރެވުނީ ﷲ އަށެވެ. ހީވެސް ނުކުރާހާ ފަސޭހައިން އޭނާއަށް އެހިތުގެ އެދުން ހާސިލްވީތީއެވެ. އަވަސްއަވަހަށް ސައިކަލު ސްޓާރޓްކޮށްލަމުން ދުއްވައިލީ ގެއަށް ގޮސް ޙަޔާއަށް އެ ޚަބަރު ދިނުމުގެ އުންމީދުގައެވެ. އެމީހުން އުޅޭ އިމާރާތުގެ ތިރީގައި ސައިކަލު ޕާކުކޮށްލާފައި ގޮސް އޭނާ ގެއަށް ވަދެ މައްޗަށް އެރިއެވެ. އޭރު ޙަޔާ އިނީ މޭޒުކައިރީގައެވެ. އޭނާ އިނީ ނޯޓު ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔާށެވެ. ކައިރީގައި ހުޅުވާލާފައި އޮތް ޤުރުއާން ތަރުޖަމާއާއި ތަފްސީރު ފޮތެއް އޮތުމުން ޙަޔާ ކިޔަވަނީކަން ހައިޝަމް އަށް އެނގުނެވެ. ޙަޔާ އޭނާއާ ދިމާލަށް ބަލައިލުމާއެކު ނިކަން އަވަސް އަވަހަށް ކުރަން އިން މަސައްކަތް މަޑުޖައްސައިލިއެވެ. އަދި ގޮނޑިއާ އެކު އެ ދިމާލަށް އެނބުރިލިއެވެ. "ދޮންބޭ! ކިހިނެއްވީ؟" ޙަޔާ ސުވާލުކޮށްލިއެވެ. އޭރު އެ މޫނުމަތީން ފެންނަނީ ކަންތައްތައް އެނގުމަށް ޝައުޤުވެރިވެފައިވާ މިންވަރެވެ. ޙަޔާގެ ސުވާލާއެކު ހައިޝަމްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއެކު ޙަޔާއަށް ވީގޮތް ނަގައިގަނެވުނެވެ. "ނައުފާ އާއެކޭ ބުނީތަ؟ އަޅޭ." ޙަޔާއަށް ގޮނޑިން ވެސް ތެދުވެވުނެވެ. ހައިޝަމްގެ އުފަލުގައި އޭނާ ހިއްސާވިއެވެ. އަދި މަރްޙަބާ ކިޔެވެ. "ދެން ކޮން އިރަކުން ކައިވެނި އޮތީ؟" ޙަޔާއަށް ސުވާލުކޮށްލެވުނެވެ. ހައިޝަމް ކައިވެނި އެހާ ފަސްކުރަން ބޭނުންނުވާކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. "ވީ އެންމެ އަވަހަކަށް. ތާރީޚު ކަނޑައެޅުމަށް އެހެން ރެއަކުން ދާނަން… އިންޝާ ﷲ." ހައިޝަމް ބުނެލިއެވެ. "ވަރަށް ވަރަށް އުފާވެއްޖެ. އިންޝާ ﷲ ދޮންބެގެ ކައިވެނި ވަރަށް އަވަހަށް ކުރެވިގެން ދާނެ." ޙަޔާ ބުނެލިއެވެ. "ދޮންބޭ!." ހައިޝަމް ބޯ ޖަހައިލިތަން ފެނި ޙަޔާއަށް އޭނާއަށް ގޮވައިލެވުނީ ހިތުގައި އުފެދުނު ސުވާލެއް ކޮށްލުމުގެ ބޭނުމުގައެވެ. "ކައިވެންޏަށް ފަހު ނައުފާ އަންނާނީ މިގެއަށްތަ؟" ޙަޔާ ސުވާލުކޮށްލިއެވެ. އެ ވާހަކަ ނުދެކެވޭކަން ހައިޝަމްއަށް ހަނދާންވީވެސް ދެނެވެ. ޙަޔާ ގާތު އަދި އެވާހަކަ ނުދެކެވޭކަމަށް ބުނެފައި ނައުފާއާ ގުޅާ ވާހަކަ ދައްކާލުމަށް ހައިޝަމް އެދުނެވެ. ކައިވެނީގެ ކުރިން ޙަޔާއާއި ނައުފާއާ ގުޅުން ރަނގަޅުކުރަން އޭނާ ބޭނުންވާތީއެވެ. ޙަޔާވެސް ނައުފާގެ ނަންބަރު ހައިޝަމް އަތުން ނެގުމަށްފަހު އޭނާ ގުޅާނަމޭ ބުނެލިއެވެ. ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯވެލި ހައިޝަމް ފޯނު ނަގާފައި އޭނާ މާދަމާ ވެސް ނައުފާއާ ބައްދަލުކުރަން ދާނަމޭ ބުނެފައި މެސެޖެއްކޮށްލަމުން، މުހިންމުކަމަކުއޭ ވެސް ބުނެލިއެވެ. އަދި ކައިވެނީގެ ކުރިން ކޮންމެހެންވެސް ދެކެވެން ޖެހޭ ވާހަކައެއްކަމުގައި ހައިޝަމް ބުނެލިއެވެ. އޭނާ ހަމައެކަނި މެސެޖުކުރި ސަބަބަކީ އެއީކަމުގައިވެސް ބުނެލިއެވެ. އިރުކޮޅަކުން އެންމެ ރަނގަޅޭ ބުނެފައި ނައުފާގެ މެސެޖެއް އޭނާއަށް ލިބުނެވެ. ޖެހިގެން އައި ދުވަހު ހައިޝަމް ނައުފާމެން ގެއަށް ގޮސް އެހުރިހާ ވާހަކައެއް ދެއްކިއެވެ. އަދި، ނައުފާ ބޭނުންވާ ގޮތެއް ބުނުމުގެ ފުރުސަތު ދިނެވެ. ކައިވެންޏަށްފަހު އުޅޭނެ ތަނެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޭނާއަށް އޮތް ނަމަވެސް، ނައުފާގެ ޚިޔާލެއް ހުރިގޮތެއް ބަލަން އޭނާ ބޭނުންވީއެވެ. ނައުފާ ވެސް ބޭނުންވީ ހައިޝަމް ބޭނުންވި ގޮތެވެ. ހައިޝަމްއާ އިނދެގެން އެގެއަށް ދިރިއުޅުން ބަދަލުކުރަން ނައުފާ އެއްބަސްވިއެވެ. އިތުރަށް ލަސްކުރަން ބޭނުންނުވާތީ އެމީހުން އެ ދުވަހު ކައިވެނީގެ ތާރީޚުވެސް ކަނޑައެޅިއެވެ. ***** ހައިޝަމްގެ ކައިވެނި ހަމަޖެހުނުކަން، ސިނާންއަށް އެނގުނީ އަފީފާގެ ފަރާތުންނެވެ. އެއީ ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ހައިޝަމް އިން ފެށީ ވާހަަކަ އެންމެފަހުން ނިމުނީ ސިނާންއާ ހިސާބުންނެވެ. އެމީހުން ސިނާންގެ ކައިވެނިވެސް ކުރުވަން ބޭނުންވާކަމުގައި އަފީފާ ހާމަކޮށްލުމުން އެކަމަށް ޝަކޫރުވެސް ތާޢީދުކުރިއެވެ. "ދަރިފުޅަށް ކަމުދާ ކުއްޖަކު އެބަ ހުރިތަ؟" ޝަކޫރު ޒުވާން ދަރިފުޅުގެ ޚިޔާލެއް ހޯދިއެވެ. "ކިހިނެއްވީ އެއްޗެއް ނުބުނީ؟ މީހަކާ އިނދެ ދިރިއުޅުމެއް ފެށުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން ޖެހޭކަމެކޭ. ނޫންތަ އަފީފާ؟ ސިނާންއަށް ކަމުދާ ކުއްޖެއް ހުރިނަމަ ބައްޕަމެން ކައިރީގައި ބުނޭ. ނޫނީ ދެން ޖެހޭނީ ކުއްޖެއް ހޯދަން. ދޯ…" ޝަކޫރު އަފީފާއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ. "އާނ. ދަރިފުޅާ! ދަރިފުޅު މީހަކާ އިނދެ ދިރިއުޅުމެއް ފަށާތަން އެއީ މަންމަމެން މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް. މިހާރު ތިހުރީ އެ އުމުރަށް އެޅިފަ. ކައިވެނި އެހާ ލަސްކުރާކަށްވެސް ނުވާނެ." އަފީފާ ބުނެލިއެވެ. އަމިއްލަ ދަރިފުޅަށްޓަކައި ދެކެމުން ދިޔަ ފޮނި އުންމީދުތަކުގައި ކުލަޖެއްސުމަށް އޭނާ ވަނީ ކެތްމަދުވެފައިކަން އެ އަޑުން އެކަނިވެސް އެނގެއެވެ. "ކުއްޖަކާ ރައްޓެހިވެގެންތަ ތިއުޅެނީ؟ އެހެންވެގެންތަ އެއްޗެއް ނުބުނީ؟" ޝަކޫރު ސުވާލުކޮށްލިއެވެ. އަފީފާވެސް އިނީ ސިނާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. "ނޫން ބައްޕާ… އެހެންނެއް ނޫން." ސިނާން ދެކޮޅު ހެދިއެވެ. ޙަޔާގެ ވާހަކަ ބުނަންވީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާއަށް ޙަޔާ ކަމުދެއެވެ. އަދި މަންމަ ދައްކާ ވާހަކަތަކުން މަންމައަށް ވެސް ޙަޔާ ކަމުދާކަން ސިނާންއަށް އެނގެއެވެ. އެހެންކަމުން ހިތްވަރުކޮށްފައި އޭނާ ޙަޔާގެ ވާހަކަ ބުނަން ނިންމީ އެ ހިތުގެ ގޮވުމަށް އިޖާބަދޭ ޙާލުގައެވެ. "އަހަންނަށް ކަމުދާ ކުއްޖަކު އެބަހުރި." ސިނާން ބުނެލީ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުންނެވެ. އެއަށްފަހު، އޭނާ އިސްޖަހައިލިއެވެ. އަފީފާއާއި ޝަކޫރުއަށް ހައިރާންކަން ލިބުނު ނަމަވެސް އުފާވިއެވެ. މީގެ ކުރިން ސިނާން ދުވަހަކު އެފަދަ ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެހެންކަމުން ސިނާން އެ ކުއްޖާއާ ވަރަށް ސީރިއަސްކަން އެ ދެމީހުންނަށްވެސް އެނގުނެވެ. "އެހެންވިއްޔާ އެ ކުއްޖާ މަންމަމެންނަށް ދައްކައިލަން ގެންނަންވީނު." އަފީފާ ހިނިތުންވެފައވާ ޙާލު ވާހަކަ ދެއްކިއެވެ. "ރައްޓެހިވެގެންނެއް ނޫން އުޅެނީ." އަފީފާގެ ސުވާލަށް ސިނާން ޖަވާބު ދިން ގޮތުން އެ ދެމީހުންނަށް ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން އެކަކު އަނެކަަކަށް ބަލައިލެވުނެވެ. "އާނ…އަހަރެން ރައްޓެއްސެއް ނުވަން، ހަމައެކަނި ކަމުދަނީ… މަންމަމެންނަށް ވެސް ފެނިފަ ހުންނާނީ." ސިނާން އިތުރަށް ބުނެލިއެވެ. އޭނާ ވާހަކަ ގެންދިޔައީ ދުރުދުރުންނެވެ. ކުއްލިއަކަށް ޙަޔާގެ ވާހަކަ ބުނާކަށް އޭނާގެ ޒަމީރު ތަނެއް ނުދިނެވެ. "އޭނ. ފެނިފައޭ؟ ކޮންތާކުން؟" އަފީފާ އޭނާގެ ސިކުނޑިއަށް ބާރުލާން ފެށިއެވެ. ސިނާން އެބުނަނީ އަނެއްކާ ކޮން ކުއްޖެއްގެ ވާހަކަ ބާވައެވެ. ސިނާންގެ އަންހެން އެކުވެރިއަކާވެސް އޭނާ ދުވަހަކުވެސް ބައްދަލުވެފައެއް ނުވެއެވެ. "މިގެއިން…" ސިނާން އަނެއްކާވެސް ބުނެލިއެވެ. "މިގެއިން… މިގޭގަ ކާކު އުޅެނީ…" އަފީފާ ވިސްނަމުން ދިޔައެވެ. "މަތީގަ…" ސިނާން އަދިވެސް ސީދާ ސީދަލަށް ހަޔާގެ ނަމެއް ނުބުންޏެވެ. އަފީފާގެ ސިކުނޑި މަސައްކަތް ކުރަން ފެށީ ދެނެވެ. "ޙަޔާ… ޙަޔާތަ؟" އެއާއެކު އަފީފާއަށް އެހެން އަހައިލެވުނީވެސް ތަންކޮޅެއް ބާރަށެވެ. އޭރު ޝަކޫރުވެސް އިނީ ސުވާލުގެ ނަޒަރަކުން ސިނާންއަށް ބަލަހައްޓައިގެންނެވެ. ސިނާންގެ ޖަވާބަކަށް އޭނާ ވެސް އިންތިޒާރުކުރާ ފަދައެވެ. "އާނ މަންމާ… ޙަޔާ… އަހަންނަށް އެންމެ ކުރިން ފެށިގެންވެސް ޙަޔާ ކަމުދޭ. އެކަމަކު ޙަޔާ އަކީ އެއް އިރެއްގައިވެސް ކުއްޖަކާ ރައްޓެހިވާނެކުއްޖެއް ނޫން. އެހެންވެ އޭރު ވެސް އެ ޚިޔާލު ދޫކޮށްލީ." ސިނާން ބުނެލިއެވެ. "ޙަޔާއަކީ ވަރަށް ރަނގަޅު ކުއްޖެއް. މަންމަމެންނަށް ވެސް އެ ކުއްޖެއްގެ ގޮތް އެނގޭ ކިޔަމަންތެރި ބަސްއަހާ ކުއްޖެއް. އަދި މަންމައަށް ވަރަށް ކަމުދާ ކުުއްޖެއްވެސްމެ." ސިނާން ބުނީ ފަހަރެއްގައިވެސް އޭނާ އުންމީދުކޮށްގެން ހުރިނަމަކަށް ނުވާތީ އަފީފާއަށް ބުނެވުނެވެ. އޭރު އެ އަޑުގައި އުފާވެރިކަން ވެސް ވެއެވެ. "މަންމަމެން ހައިޝަމްއާ ވާހަކަ ދައްކަން ވީނު. އަަހަރެން ބޭނުން މިގުޅުން ކުރިއަށް ގެންދަން." ސިނާން ބުނެލިއެވެ. "ޝަކޫރު. ކޮންމެވެސް އެއްޗެއް ބުނެބަލަ. " ސިނާންއަށް ޖަވާބެއް ދިނުމުގެ ކުރިން އަފީފާ އޭނާގެ ފިރިމީހާގެ ބަހެއްވެސް ހޯދައިލިއެވެ. "ބައްޕަ ތިކަމާ ޤަބޫލު. އެކަމަކު. މި ދުވަސްކޮޅު އެހާ ރަނގަޅެއް ނޫންކަންނޭނގެ ވާހަކަ ދެއްކުމެއް. އަދި ކުޑަ ދުވަސްކޮޅަކަށް މަޑުކޮށްލަން ބައްޕައަށް ފެންނަނީ. ޙައިޝަމް ކައިވެނީގެ ކަންތައްތައް ނިމުމުން، އިންޝާ ﷲ އެގެއަށް އަހަރެމެން ދާނީ." ޝަކޫރުގެ ވާހަކައަށް އަފީފާ ތާޢީދުކުރުމުން ސިނާންއަށް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ. އަވަސްކުރަން ހަދައިގެން ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގައިދާނެތީ މަންމަމެން އެ ވާހަކަ ބުނަންދެން އޭނާ ވެސް މަޑުކުރަން ނިންމިއެވެ. "ދަރިފުޅާ." ކެއުން ކުރިއަށް ދަނިކޮށް އަނެއްކާވެސް އަފީފާ ސިނާންއަށް ގޮވައިލިއިރު، އެ އަޑުގައިވަނީ ސީރިއަސް އަސަރުތެކެވެ. އޭނާ ސިނާންއާ އެ ދައްކަން އުޅެނީ މުހިންމު ވާހަކައެއްކަން ސިނާންއަށް ވެސް ދޭހަވިއެވެ. "އެނގޭދޯ ޙަޔާ އުޅެނީ ވަރަށް ބަލިކޮށްކަން." އަފީފާ އެހެން ބުނެލުމާއެކު އޭނާ ބުނަން އެ އުޅެނީ ކީކޭކަން ސިނާންއަށް ވެސް އެނގުނެވެ. އެހެންކަމުން ބޯ ޖަހާލާފައި އޭނާ ވާހަކަ ދެއްކިއެވެ. "އާނ މަންމާ. އެ ހުރިހާކަމެއް އެނގި ހުރެ ޙަޔާއާ ގުޅެން ބޭނުންވަނީ. ހައިޝަމްގެ ކައިވެނި ނިމުނުހާ އަވަހަކަށް އެގެއަށް ދާން ބޭނުން.." ސިނާން އެހެން ބުނެލުމުން އަފީފާ ވެސް ބޯ ޖަހާލާފައި ހިނިތުންވެލީ ސިނާން އެ ބުނި ގޮތަށް ކަންތައް ކުރުމަށް ނިންމައިގެންނެވެ. ***** އޮފީހަށް ދިޔަ ހައިޝަމް އެންމެ ފުރަތަމަވެސް ގޮސްވަނީ ޒައުލްގެ ކެބިންއަށެވެ. ހައިޝަމް އައި ގޮތުން އޭނާ ބޭނުންވެގެން އެ އުޅެނީ ކޮން ކަމެއްކަން ޒައުލް އަށް އެނގުނެވެ. އޭނާ ހައިޝަމްގެ ގާތު އެދުނީ އިށީނދެލުމަށެވެ. ހައިޝަމް އިށީނުމާއެކު ލެޕްޓޮޕް އެއްފަރާތަކަށް ޖައްސައިލާފައި އޭނާ ހައިޝަމްއަށް ބަލައިލިއެވެ. "ޗުއްޓީ ކަންތަކާ ދޯ؟" ޒައުލް ސުވާލުކޮށްލިއެވެ. "ލައްބަ ސާރ. އަޅުގަނޑު ހަފްތާއެއްހާ ދުވަސް ބޭނުން." ހައިޝަމް އެދުނެވެ. "ކައިވެނީގެ ތާރީޚަކީ ކޮބައޭތަ އޭރު ބުނީ؟" ޒައުލް ސުވާލުކޮށްލިއެވެ. "ޖޫން ހައެއް. މިފެށޭ ހަފްތާގެ ހޯމަ ދުވަސް." ހައިޝަމް އެދުނެވެ. "އެހެންވިއްޔާ އަދި އިތުރު ދެ ހަފްތާ ވަރުވެސް ލިބިދާނެ ހެން ހީވަނީ. އަނެއްހެން މާ ބުރަ ދުވަސްކޮޅެއް ނޫނެއްނު. ނަގާފަ ހުރި ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް މިހާރު އެބަ ދޭ ވަރަށް ބާރަށް ކުރިއަށް. އަހަރެމެންނަށް މެނޭޖް ކުރެވޭނެ. ހައިޝަމް ނެތީމަ ކުޑަކޮށް އުނދަގޫވިޔަސް ވީ ވިލް ބީ އޯކޭ!." ޒައުލް ކަލަންޑަރު ބަލައިލަމުން ވާހަކަ ދެއްކުމާއެކު ހައިޝަމް ހިނިތުންވެލިއެވެ. "ތެންކިއު ސާރ." ހައިޝަމް ޝުކުރު އަދާކުރިއެވެ. އޭނާ ދިޔުމަށް ހުއްދައެއް އެދެމުން ތެދުވެލަން އުޅުނު ވަގުތު ޒައުލް އޭނާ މަޑުކުރުވިއެވެ. އޭރު ޒައުލްގެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި އަސަރެކެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ