އެއްބުރުން ރައީސަކު ހޮވަން ފައްޔާޒް ދެކޮޅު, ވިދާޅުވީ އެ ބަދަލުގައި އިޚުލާސްތެރިކަމެއް ނެތް ކަމަށް

ޚަރަދު ކުޑަކުރުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައި، ރައީސަކު ހޮވުމަށް ހުށަހެޅި ބަދަލުގެ ފަހަތުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިވާ ބަދަލުތަކަށް ވެގެން ނުވާނެ ކަމަށެވެ. https://x.com/faya_i/status/1913910679053967366 އެގޮތުން، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައިގެން ނަތީޖާ އިއުލާނުކުރާއިރު، އިންތިޚާބީ ރައީސަކު ހުވާ ކުރަން ޖެހިވަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބިގެން ކަަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވަނީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިގެން ރައީސަކު ހޮވަން ދެކޮޅު ހައްދަވާކަން ހާމަކުރައްވާފައެވެ. "ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ޚަރަދުތައް އާދަޔާ ޚިލާފަށް އިތުރުވެފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް" އެ ޕޯސްޓުގައި ވެއެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު ވަކިން ބޭއްވުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ، ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ އިންތިޚާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ފައްޔާޒް ދެކިވަޑައިގަންނަވައެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަ ހުރި ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ ތަޞައްވުރުތައް އެއްގޮތް ކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: އެއްބުރުން ރައީސަކު ހޮވަން ފައްޔާޒް ވަނީ ދެކޮޅު ހައްދަވާފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް އެކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ. ފައްޔާޒް އެހެން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައިގެން ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީއާއާއި ޑިމޮކްރެޓްސްގެ މެންބަރުން އެ ކަމަށް ތާއީދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. https://sun.mv/204997 ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން ނިންމަން ޕީއެންސީގެ މަޖިލީސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އެ ބަދަލުތައް ގެންނަން ނަގަންޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު މި އަހަރު ނަގަން މަސައްކަތްކުރާ ކަމަށް ވެސް ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވިއެވެ. އިންތިޚާބަށް ގެންނަ ބަދަލުތަކުގެ ތަފުސީލު ރަސްމީކޮށް ހާމަނުކުރި ނަމަވެސް ސަރުކާރުގެ ބައެއް އެކްޓިވިސްޓުން އަންނަނީ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަކަށް ތާއީދުކޮށް ކެމްޕޭން ކުރަމުންނެވެ. އެ ފަދަ ނިޒާމެއްގައި ވޯޓު ދޭންޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ގިންތިކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް އެކެއް، އަދި ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓަށް ދޭއް، އެ ފަދަ ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ