އެޕިސޯޑް 2
ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ
"ބޮސް، މިއަދު ދެވޭނެތަ އަހަރެންނާ އެކު ފިލްމެއް ބަލަން. ވަރަށް ރީތި ފިލްމެއް ހަވީރު އަޅުވާނެ،" މޫމިނާ އެދުނެވެ. އަހަރެން ހައިރާނެއް ނުވި އެވެ. އެއީ އެ ކުދިން އަބަދުވެސް އަހަރެންނާ ދޭތެރޭ ކަންތައް ކުރާ ގޮތެވެ. ވާހަކަ ދައްކާނީ އެ ކަހަލަ ގޮތަކަށެވެ.
"މިއަދު އަހަރެން އެބަ ޖެހޭ ޑޮކްޓަރަށް ދައްކަން ދާން،" ފޫހިވެފައި އަނެއްކާވެސް ދޮގެއް ހެދީމެވެ.
"އެހެންވީމަ އެހެން ދުވަހަކުން ދޯ ދާނީ؟" މޫމިނާ އެހި އެވެ. އަހަރެން ބޯޖަހާލީމެވެ.
މެންދުރު ކާ ގަޑި ޖެހުނު އިރު ވެސް އަހަރެންނަށް އަފްނާން ނުފެނުނެވެ. އެންމެން ތިބީ ކާ ކޮޓަރީގަ އެވެ. އެ ތަނަށް މަދީ އަފްނާން އެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އެ ލޯބި މޫނު ފެންނާނެ ވަގުތަކަށެވެ.
"ކޮބާ މިއަދު ވެސް ހަމަ އެ ހާލެއްގައި ދޯ؟" އަހަރެންގެ ކޮނޑުގައި ޖަހާލަމުން ހާމިދު ބުންޏެވެ.
"ކޮން ހާލެއް؟" ކޮފީ މެޝިން ކައިރީގައި ހުރެފައި އަހަރެން އަހާލީމެވެ.
"ދެން މާ ނޭނގޭ ކަމަށް ހަދާނެކަމެއް ނެތް. އަހަރުމެންނަށް ހުރިހާ މަންޒަރެއް ފެނުނޭ،" ފުއާދު ބުންޏެވެ. "ފަހަރަކު ކުއްޖެއް. ސަފު ހަދާލާފައި ތިބީ."
ފުއާދު އެހެން ބުނުމުން އެންމެން ހޭން ފެށި އެވެ. އަހަރެން ހުރީ ފޫހިވެފަ އެވެ. ހިންޏެއް ވެސް ނަ އެވެ. ކޮފީތަށި ހިފައިގެން އައިސް މޭޒު ކައިރީގައި އިށީނީމެވެ. އެ މީހުން އެ ކިޔާ އެއްޗެއް އަހަރެންނަށް ވިސްނުނެވެ.
"އާނ. މިތަނުގައި ހުރި އެންމެ ސްމާޓް މީހާ ފަހަތުން ދޯ ހުރިހާ އަންހެންކުދިން ވެސް މުގޯލި އަޅާނީ؟" މަލާމާތުގެ ރާގެއްގައި ހާމިދު ބުންޏެވެ.
"ތި ދެން ކޮން ވާހަކައެއް؟ އެ ވެސް އަންހެންކުދިންތަ؟" ކޮފީ ފޮދުވަރެއް ބޯލަމުން އަހަރެން އެހީމެވެ.
"ކިހިނެއްވީ؟ އެއީ އަންހެންކުދިން ގޮތުގައި އަހަރުމެންނަށް ފެންނަނީ؟ ކަލެއަށް ކޮން ކަހަލަ ފަތްމިންޏެއްތަ ބޭނުންވަނީ؟" އަސްރަފް އެހި އެވެ.
"މަށަށް ދޯ؟" އަހަރެން ވިސްނާލާ ކަމަށް ހެދުނީމެވެ. "އޭނާގެ ހަށިގަނޑު ބަނިޔާދަންވާން ޖެހޭނެ. ދިގު ފަން އިސްތަށިގަނޑެއް އޮންނަން ވާނެ. ހަމުގެ ކުލަ އަލިވާން ޖެހޭނެ. ގިޔުޅު އަތުކުރިއަކާއި ކަޅިރަވަ ތޫނު ވާން ޖެހޭނެ. ދެން އަހަރެން ހިތް ފުރެންދެން ލޯބި ދޭން ޖެހޭނެ."
'ތި ބުނާ ކަހަލަ ޕަރީން އުޅޭނީ ފިލްމުތަކުގަ އާއި ވާހަކަތަކުގައި. ރިއަލް ލައިފްގައި އުޅޭނީ ކަލެއަށް ކުރިން ދިމާވި ކަހަލަ މީހުން،" ހިނިގަނޑެއް ޖަހާލަމުން އަސްރަފް ބުންޏެވެ.
އެ ގުރޫޕުގައި ގިނައިން ތިބީ ހުސްހަށިބައި ފިރިހެނުންނެވެ. މައުލޫއު ވަރަށް ހޫނު ވެގެން ދިޔައެވެ.
"ކަލެއަށް ތި އުޅެނީ އެ ކަހަލަ ލޯބި ކުއްޖެއް ނުފެނިގެން. ފެނުން ދުވަހަކުން ކަލޭ ވެސް އައިސް މަ ގާތު ބުނާނެ، އޭ ކަލޯ އެ މަންޖެ ހާދަ ސަޅިއޭ،" އަހަރެން ބުނީމެވެ. "އަނެއްކޮޅުން ހިސާބަށްވުރެ ފިނޑިވީމަ ނުކުރެވޭނެ އެއްވެސް ކަމެއް."
"ތިޔަ ބުނާ ކެރުމަކީ އަންހެން ކުއްޖަކު ފެންނަ އިރަށް ކުރި ބައްދާފައި ހިތާވާން އެހުން ކަމަށް ވަންޏާ އަހަރުމެން އެއަށް ކިޔަނީ އެހެން ނަމެއް. ހިސާބަށް ވުރެ ވިޔާނުދިޔުން،" ފުއާދު ވަގުތުން ދެކޮޅުހެދި އެވެ.
"ގޮތް ހުރި މީހުންނަކީ ތިއީ؟ ވީ ކަމެއް އެބަ އޮތް؟ އުމުރު ދެބައިވީ. އަދިވެސް ތެޔޮ ނާށި ކާޅު ޖަހައިގަތުން ފިޔަވައި އިތުރު ކަމެއް ނުވޭ،" އަހަރެން ބުނީމެވެ. އަސްލު އަހަރެން އިނީ އެ ބަހުސުގެ ތެރެއަށް ވަންނަ ހިތް ނުވެފަ އެވެ.
"ކަލޭ މޮޅު ތި ވާހަކަ ދައްކަން،" ހާމިދު ބުންޏެވެ.
"އަހަރެން މީހަކާ އިނީ ލޯބިން. ލޯބި ހޯދަން. އަދި ލޯބި ދޭން. އެކަމަކު އޭނައަށް އެ ވަރު ނުވިސްނުނީ. ބަލައިނުގަތީ. އޭގައި އަހަރެން ކީއްކުރާނީ؟" ރައްޓެހިންގެ މިޒާޖު އަހަރެންނަށް އެނގެ އެވެ.
"ހަމަޖެހިބަލަ. އެއީ އެހެން ބުނި އެއްޗެއް ނޫނޭ. އޭނަ ނޫނަސް މީހުން ވާނެއެއްނު. މިހާރު ވެސް މިތަނުގައި އެ ތިބެނީ މަށަށް މަށަށް ގޮވާލަ ގޮވާލަ،" އަސްރަފް ބުންޏެވެ.
ދުވަސް ނިމުނު އިރު ވެސް އަފްނާނެއް އަހަރެންނަކަށް ނުފެނުނެވެ. ފޯނު ކުރަން ކިތަންމެ ފަހަރަކު ހިތަށް އެރި އެވެ. މެސެޖެއް ކޮށްލަން ވެސް ހިތް އެދުނެވެ. އެކަމަކު ޖެހިލުންވަނީ އެވެ. ހިތް އެދުނަސް ސިކުނޑި އެއްބަސް ނުވަނީ އެވެ. ލޯބިވާ މީހަކު ބޭވަފާތެރިވުމުން ހިތުގައި އެހެން ކަހަލަ ޝުއޫރުތަކެއް އުފެދެމުން ދެ އެވެ. ހިތުގެ ކަނެއްގައި ފޮރުވިފައި ކިތަންމެ ޖުމްލައެއް ހުރެ އެވެ. ދުވަހަކު ވެސް ދެން މީހަކު ދެކެ ލޯބި ނުވާނަމެވެ. މީހަކަށް އިތުބާރެއް ނުކުރާނަމެވެ. އެކަމަކު އެ ގޮތުގައި ހުރެވޭނީ އަނެއްކާވެސް ހިތް އެދޭ ކަހަލަ މީހަކު ފެންނަންދެނެވެ. އަހަރެންނަށް ވެސް ވެގެން މި އުޅެނީ އެ ކަހަލަ ގޮތެކެވެ. މަލީހާ ވީ ބޭވަފާތެރިކަން ހަނދާންނެތި އަފްނާނަށް އަހަރެންގެ ހިތް ފިދާވި އެވެ. މިއީ ލޯބި ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ ދެވަނަ ފަހަރަށް ލޯބީގައި ލީ ފޮނި ރަހަ އެވެ. ނަމަވެސް ނިމޭ އިރު ހިތި ހަބަރަށް ވާކަށް އަހަރެންގެ ހިތެއް ނޭދެ އެވެ. ކޮންމެ ގޮތެއް ވިޔަސް މި ފަހަރު އެހެން ވިޔަކަ ނުދޭނަމެވެ. އެއީ އަހަރެން ހިތާހިތުން ކަނޑައެޅި ވަރުގަދަ އަޒުމެކެވެ. އަފްނާން ގާތުގައި ލޯބިވާ ވާހަކަ ބުނަން ހިތަށް އެރި އިރު އޭނާ ނޫނެކޭ ބުނެފިއްޔާ ދެން ވާނެ ގޮތެއް އަހަރެންނަކަށް ވިސްނައެއް ނުލެވުނެވެ.
ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ އެވެ. ކުރަމުން ދިޔަ ދިގު އިންތިޒާރުގެ ފޮނި ރަހަ އަރު ތެރޭގައި ލަމުން ދިޔަ އެވެ. އަފްނާން އަހަރެންނަށް ގުޅި އެވެ.
"ހަލޯ!" އަފްނާން ބުންޏެވެ. އެ އަޑު އަހާލަން ކެތްމަދުވެފައި އަހަރެން ހުރީމެވެ.
"ޔެސް؟" އަހަރެންނަށް ބުނެވުނެވެ.
"މިއަދު ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ އަޅުގަނޑު އައީ ގެއަށް. ބޮސް ގާތުގައި އެ ވާހަކަ ބުނެލަން މި ގުޅާލީ،" އަފްނާން ބުންޏެވެ. އެއީ ތެދެއް ހެއްޔެވެ؟ އެ ގުޅީ ހަމަ އެކަނި އެ ވާހަކަ ބުނަން ހެއްޔެވެ؟ އަހަރެންނަށް ގަބޫލު ކުރަން އުނދަގޫވި އެވެ.
"އެހެންތަ؟ އެއީ މައްސަލައެއް ނޫން،" އަހަރެން ބުނީމެވެ.
"ޝުކުރިއްޔާ،" އަފްނާން ބުންޏެވެ. ދެން އައީ ހަމަހިމޭން ހިނދުކޮޅެކެވެ. އަފްނާން ވެސް އަނގައިން ނުބުނެ އެވެ. އަހަރެންނަށް ވެސް އެއްޗެކޭ ނުބުނެވުނެވެ. އެއީ ކޮން ކަހަލަ ވަގުތު ކޮޅެއް ހެއްޔެވެ؟
"ދެން ބާއްވަނީ،" އަފްނާން ބުންޏެވެ. އަހަރެންގެ ހިތް ރޯން ފެށި އެވެ. ހިތް ބުނަމުން ދިޔައެވެ. ތިހެން ނުހަދާށެވެ. އަދި ވާހަކަ ދައްކާލާށެވެ. މި ހިތް ކުރާ އާދޭސް އަފްނާނަށް އިވޭ ނަމަ ތިހެން ނުބުނާނެ އެވެ. ނަމަވެސް އެއީ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެއްސެވެ. ދުލު ކުރިއަކަށް ނަ އެވެ. އަފްނާންއާ ލޯބީގެ ވާހަކަ ދެއްކުމަކީ އަހަރެންނަށް ކުޅަދާނަ ކަމަކަށް ނުވި އެވެ. އެއީ ފިނޑިވުން ހެއްޔެވެ؟ ނުކެރުން ހެއްޔެވެ؟ ނުވަތަ ޖެހިލުންވުން ހެއްޔެވެ؟
އަނެއް ދުވަހުގެ ހެނދުނެވެ. އަފްނާން ފެނުމުން ހިތަށް ހަމަޖެހުން ގެނުވައިދިނެވެ. ދުވަހުގެ ފެށުމަކީ އަފްނާން ފެނިލުމުން އެ ލިބޭ އުފާވެރިކަން ދެ ގުނަ ވުމެވެ. އޭނަގެ އަޑު ޖެހުމުން ކަންފަތުގައި މަޑު މިއުޒިކެއް ކުޅެމުން ދެ އެވެ. އޭނާއާ ވާހަކަ ދައްކާލުމުން ސިކުނޑިއަށް ލުޔެއް ލިބެ އެވެ. އަހަރެންގެ ހިތުގައި ރައްކާ ކޮށްފައި އޮތް އެއްޗެއް ދޫ މައްޗަށް ތިލަވި އެވެ. އެކަމަކު ވެސް ކެތްކޮށްލައިގެން ހުރީ އެވެ. ނުވަގަޑީގެ ސައިބޯން ދެ މީހުން އެކަނި ތިބި ވަގުތެކެވެ. އެ ދުވަސްވަރު ހިނގަމުން ދިޔަ ގިނަ މަސައްކަތްތަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އެ ވަގުތު އަހަރެންނަށް ކޯލެއް އަ އެވެ. ގުޅަނީ އަސްރަފެވެ. ފޯނެއް ނުނަގަމެވެ. ބޭނުންވީ ގިނަ ވަގުތު އަފްނާންއާ އެކު ހޭދަ ކުރާށެވެ. ކޮންމެ ގޮތެއް ވިޔަސް މި ވަގުތަކީ އަހަރެން އަފްނާންއަށްޓަކައި ހުސްކުރި ވަގުތެކެވެ. އެހެން މީހަކަށް ނުދެވޭނެއެވެ.
"...އެ ގޮތަށް ވީމަ ތަނަށް ވެސް ކިހާ ބޮޑު ކުރިއެރުމެއް ލިބޭނެ. ނޫންތަ؟" އަފްނާން އެހި އެވެ. އަފްނާން ބުނި އެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ. ދެން އަހާކަށް ވެސް ނުކެރުނެވެ.
"ދޯ؟ އެކަމަކު އެކަން ވާނީ ބޮސް ބޭނުމިއްޔާ،" އަފްނާން ބުންޏެވެ. ހިތަށް އެރި އެވެ. އެ ވަގުތުން ވަގުތަށް ލޯބިވާ ވާހަކަ ބުނެފާނަމެވެ. ކެތްކުރަން އުނދަގުލެވެ. ނުބުނެ ހުންނަން އުނދަގުލެވެ. ބުނަން ވެސް އެހާ ޖެހިލުންވެ އެވެ. ބޭނުންވީ ހިތަށް ވިސްނައިދޭށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟
"އަފްނާން. މަށާ..." އެހެން ބުނި ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އެތެރެއަށް ވަނީ އަސްރަފެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އަދި މޭޒުގައި މަޑުމަޑުން ޖަހާލެވުނެވެ. އެ މަންޒަރެއް އެއްވެސް މީހަކަށް ނުފެންނާނެ އެވެ.
"ޒަމީލް. މީޓިން ރޫމަށް ނައިސްގެން. އިއްޔެ މީޓްކުރަން ބުނި މީހުން އެބަތިބި،" އަސްރަފް ބުންޏެވެ.
"އަހަރެން މިދަނީ،" އަހަރެން ބުނީމެވެ. އަހަރެންގެ ފަހަތުން އަފްނާން ވެސް ނުކުތެވެ.
-ނުނިމޭ-
ވާހަކަ: މިސްރާބު - ދެވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ