އިސްމާޢީލްގެފާނުގެ ސިޔަރަތު‍ 6: ކެތްތެރި ނަބިއްޔެއް

ޢަލީ އިޙްޞާން ފިރާޤް 
 
ކެތްތެރި ނަބިއްޔެއް: 
މިދެންނެވި ސިފަފުޅުގެ އިތުރުން، إسماعيل عليه السّلام އަކީ ނުހަނު ކެތްތެރި ބޭކަލެކެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަންނަވާ އެންމެހައި ކަންތައްތަކަކާއި ކުރިމަތިލައްވަނީ ނުހަނު ތަނަވަސް ހިތްޕުޅަކުންނެވެ. އެކަލޭގެފާނުގެ ކެތްތެރިކަމުގެ ސިފަފުޅަށް ތާރީފުކުރައްވައި އަންބިޔާޢު ސޫރަތުގެ 85 ވަނަ އާޔަތާއި 86 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
"وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ ﴿٨٥﴾وَأَدْخَلْنَاهُمْ فِي رَحْمَتِنَا ۖ إِنَّهُم مِّنَ الصَّالِحِينَ ﴿٨٦﴾"
މާނައީ: "އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ." 
ހަމައެހެންމެ، ކީރިތި ޤުރްއާނުގެ ޞާދު ސޫރަތުގެ 48 ވަނަ އާޔަތުގައި إسماعيل عليه السّلام އަކީ ހެޔޮލަފާ ޞާލިހު ބޭކަލެއްކަމުގައި ބަޔާންކުރައްވައިފައިވެއެވެ. މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
"وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ﴿٤٨﴾" 
މާނައީ: "އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ