ވާޑީ 13 އަހަރަށް ފަހު ލެސްޓާ ދޫކޮށްލަން ނިންމައިފި ވާޑީ 13 އަހަރަށް ފަހު ލެސްޓާ ދޫކޮށްލަން ނިންމައިފި

ބާމިންހަމް (އޭޕްރީލް 25) - ލެސްޓާ ސިޓީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އިނގިރޭސި ފޯވާޑް، ޖޭމީ ވާޑީ، 13 އަހަރަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.
ވާޑީ، 38، ލެސްޓާ އަށް ސޮއިކުރީ އިނގިރޭސި އެންމެ ދަށް ޑިިވިޝަނުގައި 2012 ވަނަ އަހަރު ވާދަކުރަމުން އައި ފްލީޓްވުޑް ޓައުން އިންނެވެ. ލެސްޓާ އިން ވާޑީ ސިފަ ކުރަނީ، އެ ކްލަބްގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ ހާއްސަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.
މި ސީޒަނުގައި ލެސްޓާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ވާޑީ އަކީ ޕްރިމިއާ ލީގުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ގޮތުން، ވާޑީ ވަނީ އެ ޓީމަށް 143 ގޯލު ޖަހައިދީފަ އެވެ. ޖުމްލަ އެކު، ހުރިހާ މުބާރާތެއްގައި ލެސްޓާ އަށް ވާޑީ ވަނީ 498 މެޗުން 198 ގޯލު ޖަހައިދީފަ އެވެ.
ލެސްޓާގައި ވާޑީގެ އެންމެ ހާއްސަ ކާމިޔާބަކީ، 2015-2016 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ. އެ ފަހަރު އޭނާ ވަނީ ލީގުގައި 24 ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން، ލެސްޓާ އިން 2021 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ޓީމަށް ވެސް ވާޑީ ވަނީ ކުޅެފަ އެވެ.
ވާޑީ ބުނީ، ލެސްޓާ އަކީ އޭނާގެ ހަޔާތުގެ ބޮޑުބައެއް ކަމަށާއި އެ ކްލަބް ދޫކޮށްލަން ޖެހޭތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެެވެ.
"ވަރަށް އާދަޔާހިލާފު 13 އަހަރު މި ނިމެނީ. ވަރަށް ގިނަ ކަންތައްތަކެއް އަހަރެމެން އެކުގައި ހާސިލްކުރި. އެ އުފާވެރި ހަނދާންތައް އަބަދުވެސް އަހަރެންގެ ސިކުނޑީގައި ހުންނާނެ،" ވާޑީ ބުންޏެވެ.
މީގެ ކުރިން ވާޑީ ވަނީ އެކި ކްލަބްތަކުން ލިބުނު ހުށަހެޅުންތައް ދޫކޮށްލައި ލެސްޓާގައި މަޑުކޮށްފަ އެވެ. ވާޑީ އަށް ވަނީ އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ އޮފާއެއް ވެސް މީގެ ކުރިން ލިބިފަ އެވެ. އެކަމަކު، އޭނާ ނިންމީ ލެސްޓާ އިން އަބަދުވެސް އޭނާ އަށް ކުރާ އިތުބާރާ އެކު އެ ކްލަބްގައި ހުންނާށެވެ.
ލެސްޓާ ވަނީ މި ފަހަރުގެ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ. ކެރިއަރުގައި ދެން ބަދަލުވާނެ ޓީމަކާ ބެހޭގޮތުން، ވާޑީ ގޮތެއް ނިންމާނީ މި ސީޒަން އެއްކޮށް ނިމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ