2028 ގައި ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި: ރައީސް

ރާއްޖެ ޑިޖިޓަލް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއިން، 2028 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ."މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް ފަސްޓް ނޭޝަން" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނުގެ ސަބަބުން އޮފީހުގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށެެވެ. އެ ބަދަލު ގެންނާނީ 2028 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިން ނަމަވެސް ކޮންމެ މަހަކު ވެސް ވަކި ވަގުތެއް އޮފީހުގައި ހޭދަކުރަންޖެހޭ ކަހަލަ ގޮތަކަށް ނިޒާމު ބަދަލުކުރުމުގެ ވިސްނުންފުޅު އެ މަނިކުފާނު ގެންގުޅުއްވަ އެވެ."އަޅުގަނޑުގެ އުއްމީދަކީ އަދި މި ތަނުގައި މިއަދު ކަނޑަނޭޅިޔަސް އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުވާ މިންވަރަކުން 2028 ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގަ ތިއްބެވި 49،000 މުވައްޒަފުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި [ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން] ވޯކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ގާނޫނުގެ އުސޫލުގެ ދަށުން ބަދަލުކުރުން. މަހަކު 30 ގަޑިއިރު ނޫނީ ވަކި ވަރެއް އޮފީހަށް އައިސްގެން ވަކި ވަގުތެއް ހަމަކުރަންޖެހޭ ކަހަލަ ގޮތަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.ރައީސް ވަނީ، ހިދުމަތްތައް ޑިޖިޓަލްކޮށް، ބޮޑު ބަދަލެއް ގެންނައިރު ގޮންޖެހުންތައް ދިމާވާނެކަން ފާހަގަކުރައްވާފަ އެވެ. އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ބަދަލުތައް ބަލައި ނުގަނެވުމެވެ. އެކަމަކު އާ ބަދަލުތައް ބަލައިގަންނަން ދަތިވުމަކީ ތޮބީއީ ކަމެއް ކަމަށާއި އެއީ ކޮންމެ ގައުމެއްގައި ވެސް ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވި އެވެ."އޮފީސްތަކުގައި ކަންކަން ކުރަމުން އައި ގޮތް ދޫކޮށްލައި، މުޅިން ޑިޖިޓަލައިޒް ކުރުމަކީ އެކަމުގެ ތެރޭގައި، އެތައް ޒަމާނެއް ވަންދެން އެއްގޮތަކަށް ކުރަމުން އައި މީހުންނަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް. އެކަމަކު އެއީ ތަމްރީނު ދީގެން ކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހް ކުރި ޕްރޮގްރާމެކެވެ. މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާ ގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަން ފަށާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގީލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ. ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އެސްޓޯނިއާގެ އެހީތެރިކަމާއެކުގަ އެވެ.  ރައީސް މުއިއްޒު ވަނީ މި އަހަރުގެ ކުރީކޮޅު އެސްޓޯނިއާއަށް ވަޑައިގެން އެ ގައުމުގެ ހިދުމަތްތައް ބައްލަވައި ތަޖުރިބާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ