ޕާކިސްތާން ހަނގުރާމައިގައި ވައިގެ ބާރުތަކަށް ގެއްލުން ވި އިރު 1 ބޯޓު ވެއްޓުނު ކަމަށް އިންޑިއާއިން ބުނެފި

ހުސްވި އޭޕްރީލް 22 ގައި އިންޑިއާގެ ކަޝްމީރަށް ޓެރަރިސްޓުން ހަމަލާ ދީ 26 މީހަކު މަރާލި ހާދިސާގެ ބަދަލު ހިފަން އިންޑިއާ އިން ޕާކިސްތާނަށް ހަމަލާ ދިނުމާއެކު ދެގައުމުގެ ދެމެދުގައި ބަދަލު ކުރި ހަމަލާތަކުން ގެއްލުންތަކެއް ލިބުނު ކަމަށް އިންޑިއާ އެއްބަސް ވެއްޖެއެވެ.
އިންޑިއާގެ އެންމެ އިސް ޖެނެރަލް އަނިލް ޗައުހާން ރޮއިޓާސް އަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ، އިންޑިއާގެ ވައިގެ ބާރަށް ގެއްލުންތަކެއް ލިބުނު ކަމަށާއި އެއް ބޯޓު ވެއްޓުނު ކަމަށެވެ.
ތަފްސީލު ދެއްވަން ޗީފް އޮފް ޑިފެންސް ސްޓާފް ޗައުހާން ދެކޮޅު ހެއްދެވި ކަމަށް ރޮއިޓާސް ގައި ރިޕޯޓު ކޮށްފައި ވެއެވެ.
ރޮއިޓާސް އިން ބުނީ، މުހިންމީ ގެއްލުން ލިބުނީ ކީއްވެގެން ކަމާއި ދެން އަޅަން ވީ ފިޔަވަޅުތައް ދެނެގަތުން ކަމަށް ޗައުހާން ވިދާޅުވި ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަފްތާއަކަށް ބަދަލު ކުރި ހަމަލާތަކުގައި އިންޑިއާގެ 5 މަތިންދާބޯޓު ވައްޓާލި ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ. ނަމަވެސް އެކަން ދޮގު ކުރައްވައި ޗައުހާން ވިދާޅުވީ 1 ބޯޓު ވެއްޓުނު ކަމަށެވެ.
ސިންގަޕޫރުގެ ޝަންގްރިއްލާގައި އޮތް ސެކިއުރިޓީ ޑައިލޮގުގެ ހަވާސާގައި އޭނާ އެމޭރުމުން ވާހަކަ ދައްކަވާފައި ވާ އިރު، ދެގައުމުގެ ދެމެދުގައި ކުރި ހަނގުރާމައިގައި ދެފަރާތަށް ލިބުނު ގެއްލުމުގެ ސާފު މައުލޫމާތެއް އަދިއަދާ ޖެހެންދެންވެސް ނޭނގެއެވެ.
މިސައިލާއި ޑްރޯން އަދި ބަޑި ބޭނުން ކޮށްގެން ދެފަރާރުން ހަމަލާ ބަދަލު ކުރި އިރު، 70 އެއްހާ މީހުން މަރުވެފައި ވާ ކަމަށް ބައެއް ރިޕޯޓުތައް ބުނާ އިރު، އިންޑިއާ އިން ބުނެފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ 100 ޓަރަރިސްޓުން މަރާލެވުނު ކަމަށެވެ. ނަމަވެސް އެ ވާހަކަ ދޮގުކޮށް ޕާކިސްތާނުން ބުނެފައި ވަނީ، އިންޑިއާގެ ހަމަލާތަކުގައި މަރުވެފައި ވަނީ އާންމުންގެ 30 މީހަކު ކަމަށެވެ. ހަމަ އެއާއެކު އިންޑިއާ އިން އިތުރަށް ބުނެފައި ވަނީ ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާގެ އާންމުންގެ 24 އެއްހާ މީހުން މަރުވި ކަމަށެވެ. އަދި ގިނަ ބަޔަކު މަރުވީ ކަޝްމީރު ބޯޑަރުގައި ކަމަށް ވެސް ބުނެއެވެ.
އިންޑިއާ އާއި ޕާސްކިތާނާ ދެމެދު މީގެ ކުރިން ކުރި މިފަދަ ހަނގުރާމަ ތަކުގައި ވެސް މަރުވި މީހުންގެ ސާފު އަދަދުތައް އާންމު ވެފައެއް ނުވެއެވެ. އަދި އަސްކަރީ ގޮތުން ލިބިފައި ވާ ގެއްލުންތަކުގެ ތަފްސީލުވެސް އާންމު ވެފައެއް ނުވެއެވެ.
ޕާކިސްތާނަކީ އިގްތިސޯދީ ގޮތުން ހީނަރު ބަލިކަށި ގައުމެއް ނަމަވެސް އެގައުމުގެ ވައިގެ ބާރަކީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ ކުޅަދާނަ ޕައިލެޓުން ހިމެނޭ ވައިގެ ބާރެއް ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
ޕާކިސްތާން ހަނގުރާމަ އެހާ އަވަހަށް ހުއްޓާލަން ޖެހުނު އެއް ސަބަބަކީ ގަދަ ބާރާ އެކު އޮތް އިންޑިއާ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާކިސްތާނުން ދިން ގެއްލުން ބޮޑުވުން ކަމަށް މުރާސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ