ޕީޕީއެމްގެ އޮފީސް ތެރެއިން ނުކުމެ ޕީއެންސީން ވަކި ނަންބޯޑެއް ޖަހައިފި އެވެ. އެއަށް މަދު ގަޑިއިރުކޮޅެއް ތެރޭ ޕީޕީއެމްގެ "ޔާމީން" ކޮމެޓީ އުފެދި ޕްރެސްއެއް ބާއްވައިފި އެވެ. އެ ކޮމެޓީއަކީ ޔާމީންގެ އުފެއްދެވުމެއްކަމަށް ބުނެ ހުކުމް ވެސް އިއްވައިފި އެވެ. މުސްތަގުބަލަކީ ޕީޕީއެމް ކަމަށް ވެސް ބުނެފި އެވެ. ނުވިތާކަށް ޕީޕީއެމް/ޕީއެންސީން އުފެދިގެން އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރަތަމަ ހަމަލާގެ އެތިފަހަރުތަކެއް ވެސް ފޮނުވާލައިފި އެވެ.
މި ކޮމެޓީގެ ވާހަކަތަކުން އުފެދުނު ހެލުންގަނޑާ އެކު ސިޔާސީ މަޝްރަހަށް ވެސް ލޮޅުން އަރައިފި އެވެ. އެއް ބަޔަކު ބުނީ ތިއީ ބަޔަކު އަމިއްލަޔަށް ކުރި ކަމެއް ކަމަށެވެ. ލީޑާޝިޕް ދެނަހުރިކަމެއް ނޫން ކަމަށެވެ. ޕީޕީއެމްގެ ދެ ނައިބު ރައީސުން ސޮއިކުރައްވައި ނެރުއްވި ބަޔާނަކުން، އެއްކަލަ "ޔާމީން ކޮމެޓީ" ގެ ބޯ ކަނޑާލައިފި އެވެ. އެއީ މަލީހު ޖަމާލެވެ. އެންމެ ބޮޑު ފަންޏަކީ އެއީ ކަމަށް ބަލައިފަ އެވެ.
މި ކެކުންގަނޑަށް ދުވަހެއް ފުރޭން ދާއިރު، އެއީ ރައީސް ޔާމީނަށް އެނގިވަޑައިގެން ހިނގި ކަމެއްކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް، ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވިނަމަވެސް، އެއީ ހަމަ ބޭރުފުށުގެ ވާހަކައެކެވެ. އެއަށްވުރެ ގިނައީ، މިިއީ ރައީސް ޔާމީންގެ ސިޔަސީ "ގޭމެއް" ކަމަށް ޔަގީންކުރާ މީހުނެވެ. އެއީ ރައީސް ޔާމީން ގޭބަންދަން ބަދަލުކުރި ފަހުން މިއަދާއި ހަމަޔަށް ދައްކަވާފައިވާ ވާހަކަފުޅުތަކާއި އަމަލުފުޅުތަކުން ފެންނަ ނަތީޖާ އެވެ.
"މި ކަމުގަ އެއްވެސް ޝައްކެއް ނެތް. މިއީ ހިލުންގަނޑުގެ ރަސްމީ ފެށުން. މިކަން މިމަގުން ދާނެކަމީ އެއްވެސް ވަރަކަށް އޮޅިފަ އޮތް ކަމެއް ނޫން. އަޑު ކިޔަނީ ރެނދު ލާތީ. ފަޅައިގެން ހިނގައްޖޭ، ކަނޑިއާކަނޑިއޭ، އެންމެން އެހެން އެކިޔަނީ ކަމެއް ނުވެއެއް ނޫން. ކިތަންމެ އޮއްބަން އުޅުނަސް ހަގީގަތަކީ ރައީސް މުއިއްޒާއި ރައީސް ޔާމީންގެ ރަސްމީ ހަނގުރާމަ އޮތީ ފެށިފަކަން. ތަފާތަކީ އެކަން ޔާމީންގެ އަމިއްލަ ދޫފުޅުން އިއުލާނު ނުކުރާކަން އެކަނި." މި ރިޕޯޓަށް ވާހަކަދެއްކި ޕީޕީއެމްގެ އެންމެ އެތެރޭގެ އެކްޓިވިސްޓަކު ބުންޏެވެ.
އޭނާ ބުނީ ވެރިކަން މި އޮތީ ރައްޔިތުން ނުކުމެ ބަދަލުކޮށްފައި ކަމަށާއި ހަމަޖެހޭ، އެތެރޭގެ ކޯޅުމެއް ނެތް، ވެރިކަމެއް ކުރާން ރައީސް މުއިއްޒަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ޔާމީން އަރިހުގައި ތިބި، މުއިއްޒުގެ ސަރުކާރު ތެރެއިން ވަކި ކަންތައްތަކެއް ހާސިލުކުރާން ބޭނުންވެ، އެކަން ނުވި މަދު ބަޔަކު މި ފުރުސަތު މުއިއްޒަށް ލިބެން ނޭދޭ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު އެއީ ޕީޕީއެމްގެވެސް އަދި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތެއްވެސް ނޫން. ޕީޕީއެމްގެ ތެރޭގައިވެސް ހަގީގީ ރޫހު ހުރީ މުއިއްޒަށް ފުރުސަތު ދޭން ޖެހޭކަމަށް. ޖެއްސުންކޮށް، ކޮންމެ ވެރިކަމެއް ހަލާކުގެ ތެރެއަށް ވައްޓާލަން އުޅޭ ބަޔަކު ބޭނުންވާ ގޮތަށް ކަންކަމެއް ނުވެސް ވާނެ. އެ ފުރުސަތު ޕީޕީއެމްގެ މެންބަރުން ނުވެސް ދޭނެ." އޭނާ ބުންޏެވެ.
ޕީޕީއެމް ސެނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ރައީސް ކަމުގައި މިއަދު ހުންނެވީ ޔާމީން ނޫންނަމަވެސް، އެއީ ޚުދު ރައީސް ޔާމީންގެ ވެސް އެންޑޯޒްމެންޓް ކަން ހަނދާން ބަހައްޓަން ޖެހޭނެ ކަަމަށެވެ. ޑރ. މުއިއްޒަކީ ރައީސުލްޖުމހޫރިއްޔާކަމާއި އެއީ ރައްޔިތުންގެ ފުރިހަމަ ނިންމުންކަން ރައީސް ޔާމީންވެސް ގަބޫލުފުޅުކުރައްވާން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަހަކަށް އައިސް ކޮންމެ ވެރިކަމެއްވެސް ހަލާކުގެ ތެރެއަށް ވެއްޓޭ މައިގަނޑު އެއް ސަބަބަކީ، އެތެރޭގެ ހަނގުރާމަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކަމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުން ވަރަށް ފަރިތަ ކަމަށެވެ. އެފަދަ ހަނގުރާމައެއް ކުރައްވާނެ ފުރުސަތު މެންބަރުން ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވީ މިއީ އިއްޔެ މިއަދަކު ފެށުނު ކަމެއް ނޫން ކަމަށާއި، "ޔާމީން" ކޮމެޓީއަކީ ހަނގުރާމައެއްގެ ރަސްމީ އިއުލާނެއް ކަމަށެވެ. ޔާމީން ވިދާޅުވެގެން ކަމަށް ބުނެ އެ ކޮމެޓީން އެތައް ވާހަކަތަކެއް ދެއްކިއިރު، މިހާ ހިސާބަށް އައި އިރުވެސް، ޔާމީންގެ ފަރާތްޕުޅުން އެކަން ދޮގުކުރައްވާފައި ނެތުމަކީ އެކަމުގެ ތެދުކަން ސާބިތުވާ ކަމެއް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސް ޔާމީނަކީ ކަންކަމަށް ރިއެކްޓް ނުކުރައްވައި ހަނު ހުންނަވާ ބޭފުޅެއް ނޫން. އަމުދުން ސިޔާސީ ގޮތުން ޑެމޭޖް އަންނަ ކަންކަމުގަ ބަސް ވިދާޅުވާ ބޭފުޅެއް. ޖަލުގަ ހުންނެވި އިރުވެސް ލޯޔަރުންގެ ޓީމު މެދުވެރިކުރައްވައިވެސް ކަންކަން ސާފުކޮށްދެއްވި. އޮޅުންތައް ފިލުއްވައިދެއްވި. މި ވާހަކަތަކުގަ ދޮގެއް އޮތް ނަމަ، އެކަމަށް ކޮމެންޓެއް ކުރައްވާން ރައީސް ޔާމީނަށް މިހާރު މާބޮޑަށް ވެސް ފަސޭހަފުޅުވާނެ." ސެނެޓާ ވިދާޅުވި އެވެ.
ރަނގަޅު ވާހަކައެކެވެ. "ޔާމީން ކޮމެޓީ" ވައްތަރީ ތެދަކާ އެކެވެ. ޔާމީން "ފުލް ހަނު" އެ ހުންނެވީ އެހެންވެ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ސިޔާސީ ދިރާސާވެރީންގެ ނިންމުމަކީ އެއީ އެވެ. ފަހުގެ މާޒީގައި ފެނިފައިވާ ކަންކަމަށް ބަލާއިރު މިއީ ޕީއެންސީ "ކެއްކުމަށް" ޔާމީން ފެއްޓެވި ހަނގުރާމައެކެވެ. ބައެއްް ފަރާތްތަކުން ދެކެނީ، ރައީސް ޔާމީން އެ އުޅުއްވަނީ އަތް ނުލައި އައްދޮ ކިޔުއްވާށެވެ. ޕީއެންސީ ލައްވައި ގޯސް ހައްދުވާށެވެ. އެކަމަކު ޕީއެންސީން އެ ފުރުސަތު އެ ގޮތަށް ނުދޭނެ ކަމަށް ޕިޕީއެމް އާއި ޕީއެންސީގެ އިސް ބައެއް މަސްދަރުތަކުން އަންނަނީ ބުނަމުންނެވެ. އަދި އެ އުޅުއްވާ ގޮތުން އާޚިރުގައި ހުރިހައި ގެއްލުމެއް ވާނީ ރައީސް ޔާމީނަށް ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
ބަލަން ތިބެމާ ހިނގާށެވެ. ހަމަގައިމުވެސް މިއީ ހެލުންގަނޑެއްގެ ފެށުމެވެ. ކުޅިގަނޑު އޮތީ ކުރިޔަށެވެ.
ރައީސް ޔާމީން ފުލް "ހަނު"، ޕީއެންސީ ކެއްކުމުގެ ކުޅިގަނޑެއްބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ