ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމެޓީއަކުން ރޭ ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްގެ މައްސަލަ ބައްލަވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް، މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ތިއްބެވިތަން ފެނުނީ، ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އެ ކޮމިޓީގައި އެ ޕާޓީގެ ލީޑަޝިޕުން ކުރީން ފެނުނު މަޝްހޫރު އެއްވެސް މޫނެއް ނުފެނެއެވެ.
ނޫސްވެރީންގެ އެ ބައްދަލުވުމުގައި މަލީހް ވިދާޅުވީ ދިވެހި ގައުމަށް ދިމާވަމުން ދާ ދަތިތައް ހައްލު ކުރެވޭނީ ޕީޕީއެމަށް ކަމަށެވެ. ގައުމުގެ ހައްގުގައި އެތައް އަހަރެއް ވާންދެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އައީ ވެސް ޕީޕީއެމް ކަމަށާއި، މެންބަރުންގެ އުދާސްތައް ހުރި ނަމަވެސް އެ ކަންކަން ހައްލު ކުރައްވާނެކަމަށެވެ.
މި ނޫސްވެރީންގެ ބައްދަލުވުމުގައި އައްބާސް އާދިލް ރިޒާ ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން އެ ޕާޓީ ދޫކޮށް އެހެން މިސްރާބަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ގައުމަށް ހެޔޮ ގޮތްތައް ގެނައުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ. ރައީސް ޔާމީނަކީ ގައުމަށް ދެރައެއް ދޭނެ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ކޯޅުން ބޮޑުވެފައިވާއިރު، ޕީއެންސީން މިފަހުން ވަނީ އެ ޕާޓީގެ އޮފީސްވެސް ވަކިކޮށްފައެވެ. ކުރީން އެ ދެ ޕާޓީވެސް ހިންގަމުން އައީ އެއް އޮފީހެއްގައެވެ. ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ޕީއެންސީއަށް ގެންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތިރިފައެވެ. އެކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި ޕްރެސްކޮންފަރެންސާ ގުޅޭ ގޮތުން، "ވަން" އިން ސުވާލު ދެއްނެވުމުން، ޝިޔާމް ދާދި ދެންމެ ވިދާޅުވީ، އެއީ ޕާޓީގެ ލީޑާޝިޕަށް އެނގިގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި، ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ވެސް އެފަދަ ކަމެއް ކުރެވޭނީ ލީޑާޝިޕަށް އެނގިގެން ކަމަށެވެ.
"އެކަމުގައި ބަލާން ޖެހޭ ކަންކަން އަޅުގަނޑުމެން މި އަންނަނީ ބަލަމުން. އެއަށް ފަހު އަޅާން ޖެހޭ ފިޔަވަޅުތައް އަޅާނަން. ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލާން ޖެހޭ ނަމަ އެކަން ވެސް ކުރާނަން." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މި ކަމަކީ ރައީސް ޔާމީނަށް ވެސް އެނގިވަޑައިގެން ހިނގި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ފަދަ ކަމެއް އުޅޭ ނަމަ ޔާމީން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެއްވެސް މިންވަރަކަށް ޔާމީނަށް އެނގިވަޑައިގެން ހިނގި ކަމެއްތޯ ބަލަން ޔާމީން އަރިހުން ވެސް ސާފުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ސްޓިއަރިން ކޮމެޓީ މައްސަލަ: އަޅަންޖެހޭ ފިޔަވަޅު އަޅާނަން، ޔާމީން އަރިހުންވެސް ހަގީގަތް ސާފުކުރާނަން: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ