ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ހަވީރު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހަށް ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވެފައިވަނީ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ. އެއަށް ފަހު، އީވާ ވަނީ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކޯޓުގައި ކުރިއަށްދާތީ ރިޔާސަތު ބަލަހައްޓަންވަން އުޒުރުވެރިވެވަޑައިގެންފަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު މަޖިިލީހުގެ މެމްބަރަކަށް ބެލެހެއްޓޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ވަނީ ބާއްވާފަ އެވެ. އަދި އަންގާރަ ދުވަހު މުޅި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.
 މި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު ހަވީރު 4އަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.  
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލައަށް ތަދައްހުލްވެފައިވާ، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއިން ވެސް އެދިފައިވަނީ، އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލުކުރެވެން އޮތް މައްސަލައެއް ކަމުން، އެ މައްސަލައިގެ ތެރެއަށް ކޯޓުން ވަންނަން ޖެހޭ ހާލަތެއް ނެތް ކަމަށް ނިންމައިދިނުމަށެވެ. މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ހުއްޓާލައިގެން ތިބެން ޖެހޭ ހާލަތެއް އަދި ނެތުމުން، އެ މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ޕާޓީން އެދިފައިވެ އެވެ. 
ނަމަވެސް، އެމްޑީޕީ އާއި މަޖިލިސް ތަމްސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުން އަދި މި މައްސަލައަށް ތަދައްހުލްވެފައިވާ ޕީޕީއެމް-ޕީއެންސީން ވެސް އެދިފައިވަނީ، އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް އެ ކަމަށް ކޯޓުން ހައްލެއް ހޯދައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ