މެމްބަރު ޝަރީފް އެމްޑީޕީއިން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އިދިކޮޅު އެމްޑީޕީއިން މިރޭ ވަކިވެވަޑައިގެންފިއެވެ. އޭނާ ޕާޓީން ވަކިވެވަޑައިގެންނެވިކަން އެމްޑީޕީގެ އިސް ބޭފުޅަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ޝަރީފް ޕާޓީން ވަކިވެވަޑައިގަތް ސީދާ ސަބަބަކީ ކޮބައިން ނޭނގެއެވެ. ޝަރީފްގެ ބަހެއް ހޯދައިލުމަށް މަސައްކަތްކުރި ނަމަވެސް ފޯނަށް ޖަވާބުދެއްވައިފައެއް ނުވެއެވެ. އޭނާއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީއަށް ކެމްޕޭން ކުރެއްވުމުގައި އިސްކޮށް އުޅުއްވި މެމްބަރެކެވެ. ސިޔާސީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. ނަމަވެސް ފަހުން ޑީއާރްޕީއާ ގުޅިވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި ސިޔާސީ ގޮތުން އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެފަހުން އަނެއްކާ ވެސް އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ، މެދުނެކެނޑި ޚިދުމަތްކުރެއްވި އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ