ރޭ ޕީއެންއެފްގެ ހަރުގޭގައި އޮތް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަމަލާތައް އަމާޒުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީއަށެވެ. ހުރިހާ ވާހަކަފުޅެއް ގޮސް ގުޅުވާލީ ޖީއެމްއާރަށް ވީއައިއޭ ދިން މައްސަލައާ އެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ކުރާ ކަމަކީ ގައުމުގެ ހަރު މުދާ ވިއްކުން ކަމަށެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ މައި އެއާޕޯޓް 2010ގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދިނުމާ އޭރުގެ އިދިކޮޅު އެއް ލީޑަރު ޔާމީން މުޅިން ދެކޮޅެވެ. އެކަން ހުއްޓުވަން އޭރު ރައްޔިތުންގެ މަޖިލިހުގައި މެޖޯރިޓީ އޮތް އިދިކޮޅު ޕާޓީތަކުން މާލިއްޔަތު ގާނޫނަށް އިސްލާހެއް ވެސް ގެނަ އެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެ އެއްބަސްވުން އެކުލަވާލައި، ޖީއެމްއާރުއާ އެއާޕޯޓް ހަވާލުކުރި އެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން އުފެދުނު ސަރުކާރުން 2012ގައި އެ އެއްބަސްވުން އުވާލައި، އެމްއޭސީއެލްގެ ދަށަށް އަލުން އެއާޕޯޓް ގެންދިޔަ އެވެ.
ތަފުސީލު - ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލުން، އެމްޑީޕީ ފިޔަވައި، ސިޔާސީ އެހެން ހުރިހާ ޕާޓީތަކުން ނެގީ ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގަ އެވެ. ބަދަލު ހޯދަން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިއުމުން އެމްއޭސީއެލުން ދޭން ޖެހުނު ބަދަލު އެރީ ގާތްގަނޑަކަށް 270 މިލިއަން ޑޮލަރަށެވެ. އޭގެ ތެރޭގައި އާ ޓާމިނަލް ހަދަން ޖީއެމްއާރުން އިންޑިއާގެ އެކްސިސް ބޭންކުން ނެގި 160 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
އެ ލޯނު ޖީއެމްއާރުން ނެގީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ވެސް ދީގެންނެވެ. އެކަމަކު 28 ޖޫން 2010ގައި ކުރި އެއްބަސްވުމުގައި، އެއާޕޯޓްގެ ތަރައްގީއަށް ނަގާ ލޯނުތަކަށް ސޮވެރިން ގެރެންޓީ ދޭން ޖެހޭ ބައެއް ނޯވެ އެވެ. އެގޮތަށް ސަރުކާރުން އެއްބަސްވީ، އާބިޓްރޭޝަނުން މައްސަލަ ނިމުނު ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، އެހެން އެއްބަސްވުމެއް ހަދައިގެންނެވެ.
"ފައްޔާޒުގެ ހިޔާލަަށް ކަމެއް ގެނެވޭތޯ. އެމްޑީޕީއަކީ ވެރިކަމަށް އައިމާ ދައުލަތުގެ އެސެޓް ވިއްކާ ބައެއް،" ޔާމީން ވިދާޅުވި އެވެ.
ޖީއެމްއާރަށް އެމްއޭސީއެލްއިން ބަދަލު ދިނެވެ. އެ ބަދަލު ދިން އިރު ޔާމީން ސަރުކާރުން އޮތީ ވީއައިއޭގެ ތަރައްގީއަށް ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ އެކި މަޝްރޫއުތައް ފަށައިފަ އެވެ.
މިހާރު ވީއައިއޭއިން އެ ފެންނަ ތަރައްގީއަކީ ޖީއެމްއާރުގެ އެއްވެސް ޕްލޭނެއްގައި ނެތް ފަދަ ބޮޑެތި މަޝްރޫއުތަކެކެވެ. ނަމަވެސް ނަޝީދު އާއި ފައްޔާޒު މިހާރު ވެސް ގެންދަވަނީ ޖީއެމްއާރުގެ އެއްބަސްވުން އުވާލުމަކީ ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވަމުންނެވެ. މި ފަހުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީނަށް މަލާމާތް ވެސް ރައްދުކުރެއްވި އެވެ.
"ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ. މި ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމަން މަނިކުފާނަކީ މާ މޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް'ގެ އިގްތިސާދީ ވިސްނުން،" ޔާމީންގެ ނަން ނުގެންނަވައި އެކަމަކު އެމަނިކުފާނަށް ނިސްބަތްކުރައްވައި ފައްޔާޒު ލިއުއްވި އެވެ.
ފައްޔާޒު އެ ވިދާޅުވާ 60 ބިލިއަން ޑޮލަރުގެ ގެއްލުން ލިބެނީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ރޭގެ ޖަލްސާގައި ޔާމީން ވެސް ހިސާބުތަކެއް ދެއްކެވި އެވެ. ނަމަވެސް މިދިއަ އެމްޑީޕީ ސަރުކާރުން އާ ޓާމިނަލްއަށް 300 މިލިއަން ޑޮލަރު އިތުރުކޮށް އޭގެ އަގު 600 މިލިއަން ޑޮލަރަށް އެރި ވާހަކައަށް ބާރު ލިބޭ ރަސްމީ ހިސާބުތަކެއް އަދި ފެންނާކަށް ނެތެވެ.
ޔާމީން ވިދާޅުވީ ޖީއެމްއާރަށް ވީއައިއޭ ދިން އިރު އެމްއޭސީއެލްއަކީ އަހަރަކު 300 މިލިއަން ރުފިޔާގެ ފައިދާއެއް ނެރުނު ކުންފުންޏެއް ކަމަށެވެ. ނަމަވެސް ޖީއެމްއާރުން ފުރަތަމަ އަހަރު ސަރުކާރަށް ދެއްކީ އެންމެ 15 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.
އެއްބަސްވުން ހެދުމާ އެކު ދޭން އޮތް 78 މިލިއަން ޑޮލަރު (އޭރުގެ ރަސްމީ ޑޮލަރު ރޭޓުން ބަލާ ނަމަ 960 މިލިއަން ރުފިޔާ)ގެ ތެރެއިން ވެސް 12-15 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގުނު ކަމަށް، ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަހުން އެނގުނު ގޮތުގައި އެއީ ޖީއެމްއާރުގެ މީހުން ކުރި ދަތުރުފަތުރުގެ ހަރަދަށް ކެނޑި އެއްޗެއް ކަމަށެވެ.
"އެއީ ޕަކަޅާކޮށްފައި ހުރި ލާރި،" ވީނުވީއެއް ނޭނގުނު އެ ފައިސާގެ ހަގީގަތް އެނގޭނީ އެމްޑީޕީގެ ވެރިންނަށް ކަމަށް ވިދާޅުވަމުން، ޔާމީން ސިފަކުރެއްވި އެވެ.
ޖީއެމްއާރުން އެއާޕޯޓް ތަރައްގީކުރުމަށް ވުރެ ބޮޑަށް ބެލީ ވީހާވެސް ބޮޑު ފައިދާއެއް ނަގަން ކަމަށް ވެސް ވިދާޅުވި އެވެ.
"ކިރު ފެލަން ގެންގުޅުނު ގެރިއެއްގެ ގޮތަށް [އެއާޕޯޓް] ގެންގުޅުނީ. އެއްވެސް ކަމެއް ނުކުރޭ. އެމީހުން އެއާޕޯޓް ތަރައްގީކުރުމަށް އެއްވެސް ވިސްނުމެއް ނުގެންގުޅޭ،" ޔާމީން ވިދާޅުވި އެވެ.
"އެއީ ގާތްގަނޑަކަށް ހިލޭ ދިން އެއްޗެއް."
ފައްޔާޒަަށް ޔާމީން ކުރެއްވި ސުވާލަކީ ވީއައިއޭގެ ތަރައްގީއަކީ ގައުމަށް ގެއްލުމެއް ކަމަށް ފެނުނު ނަމަ އެމްޑީޕީގެ މިދިއަ ވެރިކަމުގައި އާ ޓާމިނަލްގެ މަސައްކަތް ހުއްޓާނުލީ ކީއްވެތޯ އެވެ. އެމްޑީޕީން 2018ގައި ވެރިކަމާ ހަވާލުވި އިރު ޓާމިނަލްގައި ހުރީ ހަމައެކަނި ބިންގާ އަޅާފައި ކަމަށާއި ފައްޔާޒު ބޭނުންވި ނަމަ އެ މަޝްރޫއު ހުއްޓާލެވުނީސް ކަމަށް، ވިދާޅުވި އެވެ.
"ފައްޔާޒުގެ އަތްމަތީގައި އޮތީ ހުއްޓާލުން. އެހާ ބޭކާރު ކަމެއް ކަމަށް ދެކޭ ނަމަ ޓާމިނަލް ހުއްޓާލަން ވަގުތު އޮތް. [އެކަމަކު] އެކަން ގެންދިޔައީ ބާރަށް،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަައްޔާޒު ދައްކަވާ ވާހަކައިން އެނގެނީ 8 މިލިއަން ދަތުރުވެރިން އަންނަ އިރު ޓާމިނަލް ހުންނަންވާނީ "ކުދިކުދި ހަޓެއްގެ ގޮތުގައި" ކަމަށް ކަމަށެވެ.
ޖީއެމްއާރު ފޮނުވާލިތާ 16 އަހަރު ފަހުން އެ ވާހަކަ ފައްޔާޒު ދެއްކެވިޔަސް އަސްލު ކަންކަން ވީ ގޮތް އެނގޭ ދިވެހިން އެބަ ތިބި ކަމަށް ވެސް، އެމަނިކުފާނު ވިދާޅުވި އެވެ.
އާ ޓާމިނަލްއަށް ހަރަދުވާނެ ކަމަށް ޔާމީންގެ ސަރުކާރުން ބަލާފައި އޮތީ ގާތްގަނޑަކަށް 357 މިލިއަން ޑޮލަރެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެ އަދަދު 600 މިލިއަން ޑޮލަރަށް އެރުވި ކަމަށް ޔާމީން ވިދާޅުވީ އެ ބަދަލު ގެނައީ ޓާމިނަލްގެ ބޭރަށް އިތުރުކުރި ފަސާޑަށް އެކަނި ނޫން ކަމަށެވެ. ފަސާޑަށް ހޭދަވާނީ 28 މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.
"[އެހެން] ވޭރިއޭޝަންތައް ގެނެސް 600 މިލިއަން ޑޮލަރަށް އަގު ޖައްސައިފި. މި ތަފާތު މިއީ އެމީހުން ކާލި ލާރި. 357 މިލިއަން ޑޮލަރުން ނިންމެން އޮތް ޓާމިނަލް 600 މިލިއަން ޑޮލަރަށް ހަދާފައި،" ޔާމީން ވިދާޅުވި އެވެ.
"މިއިީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައްޔާޒުގެ ޖީބުން ހޭދަކުރާ ލާރިއެއް ނޫން."
ޔާމީން އެ ވިދާޅުވާ ގޮތަށް އާ ޓާމިނަލްގެ ހަރަދު 600 މިލިއަން ޑޮލަރަށް އަރާ ކަމަކަށް، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ލޯނުތަކުން ނުދައްކަ އެވެ. ތިރީގައި އެވަނީ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން، އާ ޓާމިނަލަށް މިހާތަނަށް ނެގި ލޯނުތަކުގެ ތަފުސީލެވެ.
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ)
ތިރީގައި އެވަނީ މިހާތަނަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ އަދަދުތަކެވެ.
217 މިލިއަން ޑޮލަރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް
100 މިލިއަން ޑޮލަރު (2016)
100 މިލިއަން ޑޮލަރު (2024)
17 މިލިއަން ޑޮލަރު (2025)
100 މިލިއަން ޑޮލަރު، ކުވޭތު ފަންޑް ފޯ އަރަބް އެކޮނޮމިކް ޑިވެލޮޕްމަންޓް
50 މިލިއަން ޑޮލަރު (2016)
50 މިލިއަން ޑޮލަރު (2021)
90 މިލިއަން ޑޮލަރު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް
50 މިލިއަން ޑޮލަރު (2017)
40 މިލިއަން ޑޮލަރު (2024)
50 މިލިއަން ޑޮލަރު، ދަ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (2016)
ފައްޔާޒަށް ޔާމީން ދެއްވީ ފުލުފުލުން: އެމްޑީޕީގެ ކަމަކީ ދައުލަތުގެ ހަރު މުދާ ވިއްކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ