ދަރިންނަކީ މުސްތަޤްބަލުގެ އުންމީދެވެ. ހަމަޖެހުމާއި އަމާންކަން މަތީ ދަރިން ބޮޑުކުރުމަކީ ކޮންމެ މަންމައެއްގެ އަދި ބައްޕައެއްގެވެސް އެންމެ ބޮޑު އެއް ޒިންމާއެވެ. އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެ މުހިންމު އެއް ތަޅުދަނޑިއެވެ.
ނަމަވެސް، މިހާރު މުޖުތައު ތެރޭގައި އެންމެ އާންމުކޮށް ފެންނަ އެއް މަންޒަރަކީ، ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކުގައި ދަރިންނާ ދިމާލަށް ހަޅޭއްލެވުމާއި، އެކުދިންނަށް ނަފްސާނީ ގޮތުން އަނިޔާ ލިބިދާނެފަދަ ބަސްތައް ބުނުމެވެ. މިއީ ހަމައެކަނި ބަސްތަކެއް ނޫނެވެ. މިއީ ދަރިފުޅުގެ ނަފްސަށް ވަރަށް ބޮޑަށް އަސަރުކޮށް، އެކުދިންގެ މުސްތަޤްބަލް ބަނަ ކުރުވާފަދަ ނަފްސާނީ އަނިޔާއެކެވެ.
ދެމަފިރިންގެ މައްސަލަތަކަކީ ޢާއިލީ ދިރިއުޅުމުގައި ދިމާވެދާނެ ކަންކަމެވެ. ނަމަވެސް، މިފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ދެމަފިރިން ގެންގުޅޭ އުސޫލުތަކަކީ ދަރިންގެ ޙަޔާތަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ. ދެމަފިރިން ދޭތެރޭ ހަމަނުޖެހުން އުފެދި، އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ނުރުހުންތެރިކަމާއެކު ވާހަކަ ދައްކައި، ދެން އެ މައްސަލައިގެ ތެރެއަށް ދަރިފުޅު ވެއްދުމަކީ، ދަރިފުޅުގެ ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މަންމައާއި ބައްޕަ ތަޅާފޮޅާ ނުވަތަ ހަޅޭއްލަވާއިރު، އެކުދިންނަށް އެކަންކަން ފެންނައިރު، ނުވަތަ އެކުދިންނާ ދިމާލަށް އެފަދަ ބަސްތައް ބުނާއިރު، އެކުދިންނަށް ވަރަށް ބޮޑަށް ބިރުގަނެ، ކަންބޮޑުވެ، ރައްކާތެރިކަމެއް ނެތްކަމުގެ އިޙްސާސް ކުރެވެއެވެ.
ގެއަކީ ދަރިންނަށް އެންމެ އަމާން، އެންމެ ރައްކާތެރި ތަންކަމުގައި ވާންޖެހޭއިރު، އެކުދިންގެ ކުރިމަތީގައި އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ހަޅޭއްލެވުމަކީ، އެ ތަނުގެ އަމާންކަން ނަގާލާ ކަމެކެވެ. ދަރިންނަށް އެހެން ކަންތައްތައް ކުރިމަތިވުމުން އެކުދިންގެ ހިތުގައި ހީވާނީ، އެ މައްސަލަ ޖެހުނީ އެކުދިންގެ ސަބަބުން ކަމަށެވެ. އެހެންވެ، އެކުދިންގެ ނަފްސާނީ ދުލަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.
ދެމަފިރިންގެ މައްސަލަތަކުގެ ސަބަބުން ދަރިންނަށް ކުރާ އަސަރުތައް ވަރަށް ގިނައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ފެންނަ އަސަރުތަކުގެ ތެރޭގައި، ބިރުވެރިކަމާއި ކަންބޮޑުވުން، ނިދި ނައިސް ނުވަތަ ނިދީގައި ސިހޭގޮތްވުން، ކިޔެވުމަށް ސަމާލުކަން ނުދެވުން، އަދި އެހެން ކުދިންނާ ނުގުޅުން ނުވަތަ އެކަހެރިވުން ހިމެނެއެވެ. ބައެއް ކުދިން ބިރުގަނެ ބަސް ހުއްޓުން ނުވަތަ ކުއްލިއަކަށް ބަސްތައް ބުނަން ނޭނގި ހުއްޓުން ފަދަ ކަންތައްތައްވެސް ކުރިމަތިވެދާނެއެވެ.
މިފަދަ މާހައުލެއްގައި ބޮޑުވާ ކުދިންގެ އަމިއްލަ ނަފްސަށް އިތުބާރު ކުޑަވެ، ކޮންމެ ކަމަކީވެސް އެކުދިންގެ ކުށެއް ކަމުގައި ދެކޭގޮތް ވެއެވެ. އަދި އަމިއްލަ ނަފްސަށް ލޯބިކުރުން ކުޑަވެ، އެކުދިންގެ ޝަޚްސިއްޔަތު ބިނާވުމުގައި ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.
ދިގު މުއްދަތުގައި މިފަދަ ކަންކަމުގެ ސަބަބުން ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް މާ ބޮޑުވެފައި ނުރައްކާތެރިވެއެވެ. މިގޮތުން، ނަފްސާނީ ބަލިތަކަށް ހުށަހެޅިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. މިސާލަކަށް، ކަންބޮޑުވުމުގެ ބަލިތައް (Anxiety disorders)، މާޔޫސްވުން (Depression)، އަދި ސުލޫކީ މައްސަލަތައް (Behavioral problems) ފަދަ ބަލިތަކަށް ކުދިން ހުށަހެޅިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ރުޅިއައުމާއި، އެކަން ކޮންޓްރޯލް ނުކުރެވުމުގެ މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. ދެމަފިރިންގެ މައްސަލަތަކުގެ ތެރޭގައި ބޮޑުވާ ކުދިން، މުސްތަޤްބަލްގައި އެކުދިންގެ އަމިއްލަ ގުޅުންތައް ބިނާކުރުމުގައިވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އެކުދިންނަށް ގުޅުންތަކަށް އިތުބާރު ކުރުމަށް އުނދަގޫވެ، ލޯބި ދިނުމާއި ލޯބި ޤަބޫލުކުރުމުގައި މައްސަލަތައް ކުރިމަތިވެއެވެ. އަދި، ހަމަނުޖެހުންތައް ޙައްލުކުރުމަށްޓަކައި އެކުދިންނަށް އެނގިފައި އޮންނަ ހަމައެކަނި ގޮތަކީ، ހަޅޭއްލެވުމާއި ރުޅިގަދަވުން ކަމުގައި ވެދާނެއެވެ.
ދަރިން ގިނަ ކަންކަން ދަސްކުރާނީ އެކުދިން ދިރިއުޅޭ މާހައުލުގައި އުޅޭ މީހުންގެ އުޅުމުން ނަކަލު ކޮށްގެންނެވެ. އެހެންކަމުން މައިންބަފައިން ދަރިން ކުރިމަތީގައި ރުޅިއަންނަ ކޮންމެ ފަހަރަކު ހަޅޭއްލަވާ ނުވަތަ ދަރިން ދިމާލަށް ބުނަން ނުޖެހޭ ބަސްތައް ބުނާނަމަ އެކުދިންވެސް އެކަން ކުރަން ފަށާނެއެވެ. އެހެން ކަމުން މައިންބަފައިން އަބަދުވެސް ދަރިން ކުރިމަތީގައި ރީތިކޮށް މަޑުމައިތިރި ކޮށް އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަރިން ހިތްހަމަ ނުޖެހޭ ކަމެއް ކުރުމުން ނުވަތަ ބުނާ ބަސް އަޑު ނާހާނަމަ ރުޅި އައިސްގެން އެކުދިން ދިމާލަށް ހަޅޭއްލަވާ އެއްޗެހި ކިޔަން ފެށުމުގެ ކުރިން ހަމަޖެހިލާފައި ފުން ނޭވާއެއް ދޫކޮށްލާށެވެ. އޭރުން އައިސް ހުންނަ ރުޅި ކުޑަކޮށް މައިތިރިވެ ހަމަޖެހިގެން ހަޅޭއްނުލަވާ މަޑުމައިތިރިކަމާއިއެކު ދަރިންނާއި ވާހަކަ ދެއްކުމަށް އެހީތެރިވެދޭނެއެވެ.
ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައް ޙައްލުކުރަންވާނީ ދަރިންނާ ދުރުގައެވެ. ދަރިންނަށް މިކަންކަން ނުދައްކައި، އެކުދިންގެ ނަފްސާނީ ސިއްޙަތު ރައްކާތެރިކުރުމަށްޓަކައި ދެމަފިރިންނަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ދެމަފިރިންގެ މައްސަލަތައް ދަރިން ނުހުންނަ ވަގުތެއްގައި، ނުވަތަ ދަރިންނަށް ނުފެންނާނެ ތަނެއްގައި ވާހަކަ ދެއްކޭނެ ގޮތެއް ހޯދުމެވެ. މިސާލަކަށް، ދަރިން ނިދާފައި ތިބޭއިރު ނުވަތަ ގެއިން ބޭރަށް ގޮސް ވާހަކަ ދެއްކުމެވެ. އަދި މައްސަލަތައް ޙައްލުކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ރުޅިވެރިކަމާއި ހަޅޭއްލެވުމުގެ ބަދަލުގައި، އަމާންކަމާއެކު ވާހަކަ ދައްކައި، ދެފަރާތުގެ ޚިޔާލުތައް ހުށަހެޅުމެވެ.
މައްސަލަ ޖެހޭ ހިނދު، އެކަން ޙައްލުކުރުމަށްޓަކައި "އަހަރެން" އިން ފެށޭ ޖުމްލަތައް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް، "ތިބާ އަބަދުވެސް މިކަން މިހެން ކުރަނީ" ބުނުމުގެ ބަދަލުގައި، "މިކަން މިހެން ވުމުން އަހަރެން ހިތާމަކުރަން" ނުވަތަ "އަހަންނަށް މިގޮތަށް ހީވޭ" ފަދައިން ބުނުމެވެ. މިއީ އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، އަމިއްލަ އިޙްސާސްތައް ހާމަކޮށް، މައްސަލަ ޙައްލުކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އަދި، މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަކީ މުހިންމު ކަމެކެވެ. ދެމަފިރިންގެ މައްސަލަތައް އަމިއްލައަށް ޙައްލުނުކުރެވޭނަމަ، ޢާއިލީ ކައުންސިލިންގެ ހިދުމަތް ނުވަތަ ދީނީ ޢިލްމުވެރިއެއްގެ މަޝްވަރާ ހޯދުމަކީ ދަރިންގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ. މިއީ އެކަންކަން ހައްލުކުރުމުގައި އެހީތެރިވެ، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރަންވެސް އެހީތެރިވެދޭނެއެވެ.
އެންމެ މުހިންމު ކަމަކީ، ދަރިންގެ ދުޅަހެޔޮކަމަށް އަބަދުވެސް އިސްކަންދިނުމެވެ. ދެމަފިރިންގެ ގުޅުން ކިތަންމެ ހީނަރުވިޔަސް، ދަރިންގެ ކުރިމަތީގައި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމަކީ މުހިންމު ކަމެކެވެ. ދަރިންނަކީ އެކުދިންގެ މައިންބަފައިންގެ ދެމެދުގައި އޮންނަ ލޯބީގެ ބިންގަލުގެ މަތީގައި ބޮޑުވާންޖެހޭ ބަޔެކެވެ. ހަމަޖެހުމާއި، ލޯތްބާއި، އޯގާތެރިކަމުން ފުރިގެންވާ މާހައުލެއްގައި ދަރިން ބޮޑުކުރުމަކީ، މުސްތަޤްބަލްގައި ރަނގަޅު، ދުޅަހެޔޮ ފަރުދުންތަކެއް ބިނާކުރުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ވުމާއެކު، ދެމަފިރިންގެ މައްސަލަތަކުގައި ދަރިންނާ ދިމާލަށް ހަޅޭއްލެވުމަކީ، އެކުދިންގެ ނަފްސަށް ކުރާ ނަފްސާނީ އަނިޔާއެއްކަން ދެނެގަނެ، މިފަދަ ކަންކަމުން ދުރުވެ، ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަބަދުވެސް އިސްކަން ދިނުމަކީ ކޮންމެ މައިންބަފައިންގެވެސް ވާޖިބެކެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގައި ދަރިންނާ ދިމާލަށް އަޑުހަރުކޮށް ބަސްބުނުން- ދެވޭ ނަފްސާނީ އަނިޔާއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ