މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި، 4 ދުވަހުގެ ބަންދެއް

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ މަހު 28 ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. މިނިވަން ދުވަހަކީ އަންނަ މަހުގެ 26 އެވެ. ރައީސް އޮފީހުން މިއަދު ބުނީ، ޖުލައި 28 ބަންދުކުރަން ނިންމީ މި އަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ކަމަށެވެ. އެގޮތުން، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ އެ ދުވަސް ވެސް ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ ކަމަށެވެ. ޖުލައި 26 ވަނީ ހޮނިހިރު ދުވަހަކަށެވެ. އެހެންވެ، ސަރުކާރު މުވައްޒަފުންނަށް އެ ހަފުތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވީ ދުވަހުގެ މުނާސަބަތުގައެވެ. ކުުރިން 1887 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު އެ އެއްބަސްވުން އުވާލާއި އާ މުވާހަދާއެއްގައި ސޮއިކުރިއެވެ. އެ މުއާހަދާއާ އެކު ޚާރިޖީގޮތުންނާއި ސިޔާސީގޮތުން ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެ ވެގެންދިޔައެވެ. މި އެއްބަސްވުމުގައި ސޮއެކުރީ ޖުލައި 26، 1965 ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައެވެ. ސޮއެކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ