ބައެއް ސްކީމްތަކުން ގަންނަ ތަކެތީގެ އަގު އެއްބަސްވުމާއި އެއްގޮތަށް އަދާނުކުރެވޭނަމަ އިތުރުވަމުން ގޮސް އިންތިހާއަށް އެބަ ބޮޑުވެއެވެ. މިޘާލަކަށް 3000 ރުފިޔާ 6 މަސްދުވަހުން ދައްކަން ނަގާ ފޯނަށް އަގު އިތުރުވަމުންގޮސް ދިހަ ބާރަހާސް ރުފިޔާއަށް އެބަ އިތުރުވެއެވެ. މިއީ ކުރެވޭ ޞައްޙަ މުޢާމަލާތެއް ނޫނެވެ.
ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ފުރަތަމަ ކަމަކީ:ފަހުން އަގުދައްކާ ކަމަށްވަނީނަމަ ވަގުތުން ފައިސާ ދީފައި ގަންނަ އަގަށްވުރެ އިތުރު ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ފައިސާދީފައި ގަންނަ އަގާއި ފަހުން އިންސްޓޯލްމަންޓަށް ދައްކާނަމަ ވިއްކާ އަގާއި ތަފާތުވުން ވެސް ހުއްދައެވެ.
ނަމަވެސް ވިޔަފާރީގެ މުޢާމަލާތް ނިންމުމުގެ ކުރިން ވިއްކާފަރާތާއި ގަންނަފަރާތާއި ދެމެދުގައި ކޮންމެވެސް އެއްގޮތަކަށް އެއްބަސްވެވެން ޖެހޭނެއެވެ. ވަކިގޮތަކަށް ނުނިމޭ ކަމަށް ވަނީނަމަ އެމުޢާމަލާތެއް ޞައްޙަ އެއް ނުވާނެއެވެ. މާނައަކީ ވިޔަފާރީގެ މުޢާމަލާތް ނިންމުމުގެ ކުރިން ފައިސާ ދައްކާނީ އެއްފަހަރާތޯ ނޫންނަމަ ބަހާލައިގެން އިންސްޓޯލްމަންޓަށްތޯ އަދި އަގަކީ ކޮބައިތޯ މިހުރިހާ ކަމަކާއި މެދުގައި ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވެން ޖެހޭނެއެވެ. ނޫންނަމަ މިމުޢާމަލާތަކީ ހުއްދަ މުޢާމަލާތަކަށް ނުވާނެއެވެ.
ދެވަނަ ކަމަކީ: މުދާ ގަންފަރާތުން ފައިސާ ދެއްކުމުގައި ލަސްވިޔަސްވެސް އޭނާ އަތުން އޭގެ ބަދަލުގައި އެއްވެސް ފައިސާ އެއް ނެގިގެން ނުވާނެއެވެ. ސަބަބަކީ އިތުރަށް ނެގޭ އެއްޗަކީ ރިބާކަމަށްވާތީވެއެވެ.
ތިންވަނަ ކަމަކީ: މުދާ ގަތް ފަރާތުން އެއްވެސް ސަބަބަކާ ނުލާ ފައިސާ ދެއްކުން ލަސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއްބަސްވުމުގައިވާ ގޮތަށް ގަވާޢިދުން ފައިސާ ދައްކަން ޖެހޭނެއެވެ.
ހަތަރުވަނަ ކަމަކީ: ގަވާޢިދުން ފައިސާ ދައްކަމުން ނުދާ ކަމަށް ވަނީނަމަ ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތު ކުރުކޮށްލެވިދާނެކަމަށް ދެފަރާތުން އެއްބަސްވުމަކީ ހުއްދަ ކަމެކެވެ.
ފަސްވަނަ ކަމަކީ: އިންސްޓޯލްމަންޓަށް ވިއްކި ކަމުގައިވީނަމަވެސް، މުދަލުގެ ވެރިފަރާތުގެ ގޮތުގައި ވިއްކާ ފަރާތް އޮތުމަކީ ހުއްދަ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ވިއްކާފަރާތުގެ ޙައްގު ދިފާޢު ކުރުމުގެ ގޮތުން އޭނާގެ އަތުގައި އެމުދާ ރަހުނު ކޮށްފައި ބޭއްވިދާނެއެވެ. (މަޖްމަޢުލް ފިގްހިލް އިސްލާމީ، ޞަފްޙާ 109).
ހަވަނަ ކަމަކީ: ބޮޑު ކަމެއް މެދުވެރިވެގެން ނޫން ގޮތަކުން، ގަވާޢިދުން ފައިސާ ނުދައްކާކަމަށް ވަނީނަމަ ބާކީ ހުރި ދުވަސްތަކުގެ ފައިސާ ދެއްކުމުގެ ބަދަލުގައި މުދާ ވިއްކި ފަރާތަށް ނެގިދާނެ ކަމުގައި ދެފަރާތުން އެއްބަސްވެ ސޮއި ކުރުމަކީ ހުއްދަ ކަމެކެވެ.
ހަތްވަނަ ކަމަކީ: ބޮޑު ކަމެއްގެ ގޮތުގައި މާނަ ކުރެވޭނީ ގަންނަ ފަރާތުގެ މިލްކިއްޔާތުގައި އޭނާގެ ޟަރޫރީ ޙާޖަތްތައް ފުއްދުމަށް ފަހުގައި ދަރަނި ދައްކާނެ ފައިސާ އެއް ނުވަތަ މުދަލެއް ނެތުމެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ބަހާލައިގެން އަގުދައްކާ ގޮތަށް އެއްޗެއް ގަތަސް އެންމެ ގިނަވެގެން ދައްކަންޖެހޭނެ ޢަދަދު ކުރިއަށް ކަނޑަނާޅާނަމަ ވިޔަފާރި ޙަލާލެއް ނުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ