ނަތީޖާ ކިތަންމެ ރަނގަޅަސް ދެން އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދޭނީ ފީ ދައްކައިގެން

އޯލެވެލްގެ ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް, ދެން އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ކިޔެވޭނީ، އަމިއްލައަށް ފީ ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ފަސް މާއްދާއިން މަތިން އޯލަވެލްގައި ފާސްވާ ކުދިން, އަމިއްލަ ސްކޫލުތަކުން އޭލަވަލް ހެދުމަށް ދައްކަން ޖެހޭ ފީ, ސަރުކާރުން ދައްކައިދޭން ފަށައިފައެވެ. އޭގެ ފަހުން އެތައް ސަރުކާރެއް ބަދަލުވި ނަމަވެސް އެ އުސޫލަށް ދިޔައީ އަމަލުކުރަމުންނެވެ. އެހެންކަމުން މާލޭގައި ހިންގާ, އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަލް ހައި ސްކޫލުން ގިނަ ކުދިންތަކެއް ވަނީ އޭލަވަލްއަށް ކިޔަވަން ފަށައިފައެވެ. https://www.sun.mv/210108 ނަމަވެސް، އަހުމަދިއްޔާ ސްކޫލުން މައުލޫމާތު ދިންގޮތުގައި ސަރުކާރުން އޭލަވަލް ކުދިންނަށް ދައްކަމުން ގެންދިޔަ ފީ ދެން ދައްކައި ނުދޭނެކަން މި ފަހުން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކިތަންމެ ނަތީޖާ ރަނގަޅު ކުއްޖެއް ނަމަވެސް ދެން އަހުމަދިއްޔާއިން އޭލެވަލްއަށް ކިޔަވަން ޖެހޭނީ އަމިއްލައަށް ފީ ދައްކައިގެންނެވެ. އެގޮތުން، އެޑްމިޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު ކޮންމެ މަހަކު މަހު ފީއެއްގެ ގޮތުގައި ގްރޭޑް 11 އާއި 12 ގެ ދަރިވަރުން 3500 ރުފިޔާ ދައްކަން ޖެހެއެވެ. ވިލާ ހައި ސްކޫލަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އާ ބެޗުގެ ކިޔެވުން ފެށިއިރު މި ސަރުކާރުން ވަނީ ކުދިންގެ ފީ ދެއްކުން ހުއްޓާލާފައެވެ. އެ ސްކޫލުން އޭލަވަލް ހެދުމަށް ވަނުމުގެ ފީއަށް 2500 ރުފިޔާ ދައްކަން ޖެހޭއިރު މަހު ފީއެއްގެ ގޮތުގައި 3900 ރުފިޔާ ދައްކަން ޖެހެއެވެ. އެހެންކަމުން މާލެ ސަރަހައްދަށް ބަލާއިރު މިހާރު އަމިއްލައަށް ފީ ނުދައްކައި އޭލެވެލް ކިޔެވޭނީ ސަރުކާރުން ހިންގާ, ސީއެޗްއެސްސީން އެކަންޏެވެ. އެޑިއުކޭޝަން މިނިސްޓަރު ޝަފީއު، ދަރިވަރަކާ އެކު: -- ފޮޓޯ/ ރައީސް އޮފީސް މި ކުއްލި ބަދަލާ އެކު ގިނަ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. "ސަން"އާ ވާހަކަދެއްކި ބައެއް ބެލެނިވެރިން ބުނީ، އަހުމަދިއްޔާ ފަދަ ބައެއް އަމިއްލަ ސްކޫލުތަކުން އެ މީހުންގެ ދަރިންނަށް އޭލެވެލްއަށް ކިޔަވައިދޭން ބޭނުން ވަނީ އަހުލާގީ ގޮތުން އެ ގޮތް ކުދިންނަށް މާ ރަނގަޅުވުމުން ކަމަށެވެ. ނަމަވެސް، ނަތީޖާ ކިތަންމެ ރަނގަޅަސް މި ފުރުސަތު މިހާރު ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ބެލެނިވެރިން ބުންޏެވެ. މި ބަދަލު ގެނައި ސަބަބު ހޯދާލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލުންނާ ގުޅުމަށް ތަކުރާރުކޮށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ. އަދި، އެތައް ހާސް ދަރިވަރުންނަކާ ސީދާ ގުޅޭ މި ބަދަލާ ގުޅޭ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓަކުން ވެސް އަދި އިއުލާނަކުން ވެސް އަދި ވަނީ ފެންނަ ގޮތް ނުވެފައެވެ. މި ބޮޑު ބަދަލު ސަރުކާރުން ގެނެސްފައިވާއިރު މި ފަހުން ހަމަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ, ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނެސްފައެވެ. އަމިއްލަ ސްކޫލުތަކުން ފީ ނަގަން ފެށިއިރު, އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ވަނީ އެ ކަމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. މި އަހަރު އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށްވުރެ އިތުރުވެފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ، އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ. ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލުނުވާ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަމިއްލަ ސްކޫލުތަކުން އޭލެވެލް ކިޔަވާ ކުދިންގެ އަތުން ފީ ނަގަން ނިންމިއިރު ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ މަހުން މަހަށް ދަނީ އިތުރުވަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ރިޔާސީ ވައުދަށް ވުރެ މަތިވެފައިވާއިރު އެ މީހުންގެ މުސާރައަށް ކުރާ ހޭދަ ވަރަށް ވެސް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ