ބަންގްލަދޭޝްގައި އިންސާފުވެރި އިންތިހާބަކަށް ގޮވާ އަޑު ގަދަވާން ފަށައިފި

އިންތިހާބީ ނިޒާމު އިސްލާހުކޮށް އިންތިހާބު ބޭއްވުމަށް ގޮވާލައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މުޒާހަރާކޮށްފި އެވެ.
އެ އެއްވުމެއްގައި އެ ގައުމުގެ އެންމެ ބޮޑު އިސްލާމީ ޕާޓީއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
ބަންގްލާދޭޝްގައި އަންނަ އަހަރު އިންތިހާބު އޮންނާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާ މަގާމުން ދުރުކުރުމާ ގުޅިގެން، އެ ގައުމަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް ނާޒުކު ދަނޑިވަޅަކާ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޖަމިއްޔަތުއް އިސްލާމީ ޖަމާއަތުން ވަނީ މިނިވަން، އިންސާފުވެރި އަދި ސުލްހަވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލައިފަ އެވެ. އަދި މީހުން މެރުމުގެ ހުރިހާ ހާދިސާއަކަށް އިންސާފު ހޯދައިދިނުމަށާއި ބޭނުންވާ އިސްލާހުތައް ގެނައުމަށާއި މިދިޔަ އަހަރުގެ ބޮޑު ބަގާވާތާ ގުޅޭ ޗާޓަރެއް އިއުލާނުކޮށް ތަންފީޒު ކުރުމަށް އެދި، މުހައްމަދު ޔޫނުސް އިސްވެ ހުންނަވާ އިންތިގާލީ ސަރުކާރަށް ހަތް ޑިމާންޑެއް ހުށަހަޅައިފަ އެވެ.
ހަމަހަމަކަމާ އެކު، ތަމްސީލުކުރުމުގެ ނިޒާމެއް ތަންފީޒު ކުރަން ބޭނުންވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެ އެއްވުމުގެ ކުރިން ޖަމިއްޔަތުއް އިސްލާމީއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ޑާކާ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރީ ރޭ ހޭދަކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ހޫނުގަދަވި ނަމަވެސް ސުހްރަވާދީ އުދްޔާނާ ދިމާލަށް އެމީހުން ހިނގަމުން ދިޔަ އެވެ. އެއީ 16 ޑިސެމްބަރު 1971ގައި ޕާކިސްތާނުގެ އަސްކަރިއްޔާ އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅިފައިވާ ފޯސްގެ ކުރިމަތީގައި ޕާކިސްތާނުން ނުވަ މަސް ދުވަސް ފަހުން، އިސްތިއުމާރީން ބަލިކުރި ތާރީހީ މަންޒިލެވެ. 
"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމްދީނުގެ އުސޫލުތަކުގެ ދަށުން، ތެދުވެރި، ހެޔޮލަފާ މީހުން ކޮރަޕްޝަނުން އެއްކިބާވެ، ގައުމު ހިންގޭނެ އާ ބަންގްލަދޭޝްއެއް ގާއިމުކުރުން،" އިގްބާލު ހުސައިން، 40، ވިދާޅުވި އެވެ.
"އެކަމަށްޓަކައި ބޭނުންވެއްޖެ ނަމަ، ނަފުސު ގުރުބާން ކުރަން ތައްޔާރަށް މި ތިބީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ