މުސްލިމުންގެ ރޫހާނީ ގުޅުމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ 'މައްކާ' މައުރަޒު ގައުމީ އާޓް ގެލެރީގައި ދައްކާލަނީ

ގައުމީ އާޓް ގެލެރީގައި މިދިޔަ ހުކުރު ދުވަހު ހުޅުވި 'މައްކާ' އަކީ އަހުމަދު އަޒްމީ (ބާޗީ)ގެ އަމިއްލަ މައުރަޒެކެވެ. އޭނާ ވަނީ މައްކާގެ މަސްޖިދުލް ހަރާމް އާއި ކައުބާގެ އެކި މަންޒަރުތައް ހުދާއި ކަޅު އަދި ރަން ކުލައިން ކުރަހައިފަ އެވެ.
މި މައުރަޒުގެ މައި ސްޕޮންސަކީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެމްބެސެޑަރުގެ ނައިބު ފަހަދް އަލްޑޮސާރީ ވަނީ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ. 
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމުގެ އުފަންރަށް އަދި އިސްލާމްދީނުގެ މުގައްދަސް ބިން މައްކާއަށް ކޮންމެ އަހަރަކު އެތަކެއް މިލިއަން މުސްލިމުން ހައްޖަށާއި އުމްރާއަށް އެއްވާ އެއްވުން ކުރެހުންތަކަކުން ދައްކައިދޭން އަޒްމީ ބޭނުންވި އެވެ. އެކަން ހާސިލްކުރުމަށް އޭނާ ވަނީ ކަޅާއި ހުދާއި ރަން ކުލަ ބޭނުންކޮށްގެން ވިއްސަކަށް ކުރެހުން ތައްޔާރުކޮށް ގެލެރީގައި ދައްކާލަން ބަހައްޓައިފަ އެވެ.
މި ކުރެހުންތަކުން ހަރަމްފުޅާއި ގެފުޅު އެކި ދިމަދިމާލުން އަދި އެކި ކޮޅުކޮޅުން ފެނެ އެވެ. މީހުން ތޮވާފު ކުރާ މަންޒަރުން ފެށިގެން ދުވާލާއި ރޭގަނޑު ހަރަމްފުޅު ފެންނަ ގޮތް ވެސް ދައްކާފައި ހުއްޓެވެ. މިހާރު ހުރި ބޮޑު އޮނިގަނޑުގެ ކުރިން ގެފުޅު އެންމެ ފުރަތަމަ ބިނާ ކުރި އިރު ހުރި ގޮތް ދައްކުވައިދޭ ކުރެހުމެއް ވެސް މައުރަޒުގައި ހިމެނެ އެވެ. 
ކުރެހުންތަކާ ޖެހިގެން ކީރިތި ގުރުއާނުގެ ބައެއް އާޔަތްތައް މާނައާ އެކު ދައްކާލަން ވަނީ ބަހައްޓައިފަ އެވެ. 
މި މައުރަޒުގައި 'ރިލީފް ވޯކް'އެއް ގޮތަށް ތައްޔާރު ކޮށްފައިވާ މަސައްކަތެއް ވެސް ހިމެނެ އެވެ. އަޒްމީ ބުނިގޮތުގައި މި މައުރަޒުގެ މަގުސަދަކީ ހަމައެކަނި ކުރެހުންތަކެއް ދައްކާލުމެއް ނޫނެވެ. މިއީ އީމާންކަމާ މެދު ފުންކޮށް ވިސްނާލަން ގޮވާލާ މަސައްކަތްތަކެއް ކަމަށް އޭނާ ބުންޏެވެ. 
'މައްކާ' މައުރަޒު ގައުމީ އާޓް ގެލެރީގައި ކުރިއަށްދާނީ މި މަހު 13ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ