ނުކުޅެދޭ ހިސާބުން މީހަކަށް ނުވި؟ މިއީ ނިޒާމުގެ ނުކުޅެދުންތެރިކަން

އޭނާގެ ހިދުމަތް އުފަން ރަށަށާއި މުޅި ގައުމަށް ވެސް ލިބޭތާ 15 އަހަރަށް ވުރެ ގިނަ ދުވަހެވެ. އޭނާއަކީ އިސްލާމް ޓީޗަރެކެވެ. ދީނީ ދަރުސް ދެއްވާ އިލްމުވެރިއެކެވެ. އެކަމަކު ވަޒީފާ ދޫކޮށްލަން މަޖުބޫރުވީ އެވެ. ދިމާވި ކަމަކީ ލޮލުގެ ފެނުން ގެއްލުމެވެ. ލޮލަށް ފަރުވާ ހޯދާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.
މި ހާދިސާގައި ސީދާ ކަންވީ ގޮތެއް ސާފު ނުވި ނަމަވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން ނުކުޅެދުންތެރިކަމެއް އަތުވެއްޖެއްޔާ ވަޒީފާ ގެއްލުމަކީ ވަރަށް އާންމު ކަމެއްކަން، މި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ އެކި ހިޔާލުތަކުން އެނގުނެވެ.
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ހުރި ގޮތް ދިރާސާކޮށް އދ.އަށް މީގެ ދެ އަހަރު ކުރިން ހުށަހެޅި ރިޕޯޓެއްގައި ވެސް އެކަން ފާހަގަކޮށްފައިވެ އެވެ. ޓީޗަރަކު އޭނާގެ ދިރިއުޅުމުގެ ވަކި ހިސާބަކުން މިފަދަ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެއްޔާ ވަޒީފާ ގެއްލެ އެވެ. އެފަދަ މީހުންނަށް ވަޒީފާގައި ދެމިތިބެވޭނެ ގޮތް ހަދައިދޭން ވަރަށް އާދައިގެ ކަންކަން ވެސް ސްކޫލްތަކުގައި ނުކޮށްދެވިގެން ވަޒީފާ ދޫކޮށްލަން މަޖުބޫރުވެ އެވެ.
"ހަޔާތުގެ ވަކި ހިސާބަކުން ނުކުޅެދުންތެރިކަމެއް ކުރިމަތިވެގެން ބައެއް ޓީޗަރުންނަށް އެ މީހުންގެ ވަޒީފާ ދޫކޮށްލަން މަޖުބޫރުވާ ގޮތްވޭ. ސްކޫލްތަކުގެ އިމާރާތްތަކުގައި ލިފްޓް ނުހުންނަ އިރު ތިރީ ބުރިއަށް ކްލާސްރޫމް ބަދަލުކޮށްލުން ކަހަލަ އާދައިގެ ކުޑަ ކަމެއް ވެސް ކުރެވިފައެއް ނުހުރޭ،" އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ބައްޔެއްގެ ސަބަބުން ލޮލުގެ ފެނުން ގެއްލުނަސް، އެކްސިޑެންޓެއް ވެގެން ނުހިނގޭ ގޮތް ވިޔަސް، ދެން އެ ހިސާބުން ގިނަ ފަހަރު އޮންނަނީ ވަޒީފާގެ ބައި ނިމިފަ އެވެ. އަނބުރާ މަސައްކަތުގެ މާހައުލަށް ގެންނަން އެއްވެސް ކަހަލަ ނިޒާމެއް ތަރުތީބު ކުރެވިފައެއް ނެތެވެ. އެ މީހަކަށް، ސަރުކާރުގެ ނިޒާމުތަކުގެ ތެރެއިން މާ ބޮޑު އަޅައިލުމަކާއި އެހީއެއް ނުލިބެ އެވެ.
ކުރިން ފާހަގަކުރި ދިރާސާގައި މުޅިން ވެސް އޮތީ މިފަދަ ކަންބޮޑުވުންތަކެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ހާއްސަކޮށް އުފަންވެ ދޮށީވާ ފަހުން ނުކުޅެދުންތެރިކަމެއް އުފެދޭ މީހުންނަށް، ހުނަރު ދަސްކޮށްދޭނެ ވޮކޭޝަނަލް ސެންޓަރު ފަދަ މިނިވަން ދިރިއުޅުމަކަށް އެހީތެރިވެދޭނެ ހިދުމަތްތަކެއް ނުހުރޭ. އޭގެ ސަބަބުން މިފަދަ މީހުން މުޖުތަމައުއާ އަލުން ގުޅެން، ޝާމިލްވާން އިތުރަށް ހުރަސް އެޅިގެންދޭ،" ދިރާސާގައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިނިވަން ދިރިއުޅުމެއްގެ ހައްގަށް ވަކާލާތުކުރައްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސެބިލިޓީސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު މުއާވިޔަތު ދީދީ އެކްސްގައި ފާޅުކުރެއްވީ އެ ކަންބޮޑުވުމެވެ. އެފަދަ ހިދުމަތްތައް ތަރުތީބު ކުރެވިފައިވާ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރުތަކުން މަސައްކަތެއް ނުކުރާތީ އެވެ.
"ވޮލަންޓިއާކޮށް ގްރާސްރޫޓް ހަރަކާތްތަކުގައި އުޅެން ފެށި ފަހުން، އެތައް އަހަރަކު ތަކުރާރުކޮށް، ހަމަ އެއް ވައްޓަފާޅިއަކަށް މިހެން ހިނގާ ތަން ފެންނަ މަންޒަރެއް މިއީ [ނުކުޅެދޭ އިރަށް ވަޒީފާއިން ވަކިކޮށް އެއްލައިލުން]،" އޭނާ ލިޔުއްވާފައިވެ އެވެ.
"ހައްގުތަކާއި، ހަމަހަމަ ފުރުސަތާއި، މިނިވަންކަމުގެ ރީތި ބަސްތައް ބޭނުންކޮށްގެން ގާނޫނުތަކެއް ކަރުދާހުގައި ލިޔެފައި ހުއްޓަސް ހަގީގަތުގައި އެ ކަން ހިނގަނީ އެހެނެއް ނޫން. މީހާ ނުކުޅެދުންތެރިއަކަށްވާ ހިސާބުން އެވީ ބާކީކޮށްލަން." 
ޖުމުލަ 25 ތްރެޑަށް ދިގުކޮށް ލިޔުއްވާފައިވާ ޕޯސްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއާވިޔަތު ވިދާޅުވިގޮތުގައި ހަގީގަތުގައި ހަމަހަމަ ފުރުސަތެއް ލިބުނު ކަމަށް ވާނީ ވެސް ފަންނީ އަދި އިލްމީ މަސައްކަތެއްގައި ހުރި އެފަދަ މީހަކަށް ހަމަ އެފަދަ މަސައްކަތެއް ކުރަން ފުރުސަތު ލިބުމުންނެވެ. އެފަދަ މަސައްކަތަކަށް އަނބުރާ ނުކުމެވޭ ވަރު ކުރަން އެހީތެރިކަން ދިނުމުންނެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ކުރާ ކަމަކަށް މި އޮންނަނީ ކޮންމެވެސް ތަނެއްގައި އެކްސެސިބިލިޓީ ޓޮއިލެޓެއް އެޅުން، ވީލްޗެއާ ރޭމްޕެއް ބަހައްޓާލުން، ދެން މިހެން އުޅެފައި ކޮންމެވެސް ތަނަކުން މާ މާނައެއް ވެސް ނެތް ވަޒީފާއެއް ދިއްކޮށްލުން. މިހެން ހުންނަ ފަންނީ ވަޒީފާއެއްގައި ހުރި މީހަކު ނަމަ މި ޖެހެނީ ވަޒީފާ ދޫކޮށްލަން،" އޭނާ ވިދާޅުވި އެވެ.
ހައްގަކީ، މުއާވިޔަތު ގަބޫލުކުރައްވާ ގޮތުގައި، މިހެން ދެވޭ އެލަވަންސެއް ނޫނީ އަޅައިލުމެއް ނޫނެވެ. އެއީ އިންސާފެވެ. ލޮލުގެ ފެނުން ގެއްލުނު ޓީޗަރެއް ނަމަ އޭނާ އަނބުރާ އެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭން ޖެހޭނެ އެވެ. އޭނާގެ މަސައްކަތް ކުރުމަށް ދެން ބޭނުންވާ ވަސީލަތްތައް ހަމަޖެހެން ވާނެ އެވެ. 
އެގޮތުން މުއާވިޔަތު ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
ސްކްރީން ރީޑިން ސޮފްޓްވެއާ
އޯޑިއޯ ރެކޯޑިން ޓޫލްސް
ޓެކްޓައިލް މެޓީރިއަލް
ވިޝުއަލް ކޮންޓެންޓް ހެދުމަށް އެސިސްޓެންޓެއް 
މުއާވިޔަތު ގަބޫލުުކުރައްވާ ގޮތުގައި ޓީޗަރަށް ވިޝުއަލް ކޮންޓެންޓް ހެދުމުގައި އެހީތެރިވުމަށް އިތުރު މީހަކަށް ވަޒީފާއެއް ދިނުމަކީ ދައުލަތަށް ބުރައެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ. އަދި އޭގެ ސަބަބުން ވެސް ދައުލަތަށް އެ އުފައްދައިދެވެނީ އިތުރު ވަޒީފާގެ ފުރުސަތެވެ. އަދި މި ފަދަ ހާލަތެއް ކުރިމަތިވާ ޓީޗަރުގެ އިލްމާއި ފަންނުގެ ބޭނުން ވެސް މުޖުތަމައުއަށް ލިބުނީ އެވެ.
ލޮލުގެ ފެނުން ނެތުމުން ޓީޗަރުގެ ވަޒީފާ އަދާކުރުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ އެކު ތަމްރީނުތަކެއް ދީ، ޓީޗަރަށް ކިޔަވައިދޭން ފަސޭހަ ކްލާހެއް ވެސް ދެވިދާނެ އެވެ. ކުޑަމިނުން، އެހީތެރިއަކާ އެކު އޭނާއަށް ޓީޗަރުކަމުގެ ވަޒީފާ އަދާކުރެވޭތޯ ބަލައިލަން ވެސް ވާނެ އެވެ. މުއާވިޔަތުގެ އޮތް ހައްގު ޝަކުވާއަކީ މިއިން އެއްވެސް ކަމެއް ނެތުމެވެ.
"ކޮންމެވެސް ކަހަލަ ސަޕޯޓް ސިސްޓަމެއް. އަނބުރާ މުޖުތަމައަށް ނެރެން، ރީއިންޓެގްރޭޓް ޕްރޮގްރާމްތަކެއް ހިންގައިގެން ވެސް ކުރެވިދާނެ ނިޒާމެއް އެބަ ޖެހޭ ތަރުތީބު ވެފައި އޮންނަން. ގިނަ ފަހަރު މިހެން ނުކުޅެދޭ މީހުން ނަފުސާނީ ގޮތުން ވެސް ބަލިކަށިވާ ތަން މި ފެންނަނީ،" މުއާވިޔަތު ވިދާޅުވި އެވެ.
ހައްގުތަކަށް ވަކާލާތުކުރުމުގައި ޖަމިއްޔާގެ މަސައްކަތްތަކުން ފެނުނު ތަޖުރިބާތަކުން މުއާވިޔަތަށް ދެން ފެންނަ އެންމެ ސީރިއަސް މައްސަލައަކީ އެއީ އެވެ. ހަޔާތުގެ ވަކި ހިސާބަކުން ނުކުޅެދޭ އެ މީހާގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރެވެ. ނުކުޅެދުންތެރިކަން ހުންނަ ކަމަށް ބުނެ ޓީޗަރުން، ޑޮކްޓަރުން، އިންޖިނިއަރުން ކަހަލަ ފަންނީ ވަޒީފާތަކުން ވަކިކުރާ ތަނުން އެ މީހުންނަށް ލިބޭ މެސެޖަކީ ނުކުޅެދުންތެރިކަމަކީ މުޖުތަމައުއިން ބާކީވާނެ ކަމެކެވެ.
"ދެން މި އުފެދެނީ ވަރަށް އެހެން ކަހަލަ ލަދުވެތިކަމެއް. މުޖުތަމައުއަށް ތިމާ ފޮރުވިގެންނޭ އުޅެން ޖެހެނީ. އެ ޒާތުގެ މާހައުލެއް މި އުފެދެނީ،" މުއާވިޔަތު ވިދާޅުވި އެވެ.
ނުކުޅެދޭ މީހުން ސަރުކާރުތަކުގެ އިސް މީހުންނަށް އަދި މުޖުތަމައުއަށް ވެސް ފެންނަނީ "ޗެރިޓީއެއް" ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ސަރުކާރުގެ ސާފު ސިޔާސަތެއް އޮވެގެން، ނިޒާމެއްގެ ތެރެއިން މިނިވަން ދިރިއުޅުމެއްގެ ހައްގު ލިބުމެވެ. ހައްގު ކަށަވަރު ކުރުމަށް ޓަކައި ބޭނުންވާ ވަސީލަތްތަކާއި ހިދުމަތް ލިބުމެވެ.
"އެހެނެއް ނޫން ކަންކަން ހިނގަނީއެއް. ދެން އަންނަ އިންތިހާބަކަށް ކޮންމެ ވެރިއަކަށް ވެސް ޗެރިޓީއެއް ދޭން އެންމެ ބޮޑަށް ބޭނުން ހިފާނީ މިހާ ނިކަމެތި ވަލްނަރަބަލް ހާލަތުގައި ތިބޭ މީހުންގެ،" މުއާވިޔަތު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ