ބެޑްމިންޓަން ތަރި ސައިނާގެ ކައިވެނި ނިމުމަކަށް
ފުރަތަމަ ފަހަރަށް ބެޑްމިންޓަންއިން އިންޑިއާއަށް ރަން މެޑަލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ސައިނާ ނެވާލްގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް ބުނެފިއެވެ. ސައިނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އެކަން އިއުލާނުކުރަމުން ބުނެފައި ވަނީ، ދިރިއުޅުމުގައި އެކީގައި އެއް މިސްރާބަކަށް ނުދެވުމަކީ ބައެއްފަހަރު ވެދާނެ ކަމެއް ކަމަށެވެ. އެހެންވެ ސައިނާ އާއި ކުރީގެ ފިރިމީހާ ޕަރުޕައްލީ ކަޝްޔަޕް ނިންމާފައި ވަނީ ދެ މީހުންގެ މިސްރާބު ބަދަލުކޮށް ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ވަކިވުމަށްފަހު ހާސިލުކުރުމަށް ކަމަށް ސައިނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވެއެވެ. މި ދަނޑިވަޅުގައި އިންޑިއާގެ މީޑިއާގެ ފަރާތުން ދެ މީހުންނަށް ވެސް ޕްރައިވެސީ ދިނުމަށް ސައިނާ ވަނީ އެދިފައެވެ. އޮލިމްޕިކްސްގައި ތިން ފަހަރު މަތިން އިންޑިއާ ރަމްޒުކޮށްދީފައިވާ ކުޅުންތެރިޔާ އާއި ޕަރުޕައްލީގެ ކައިވެނި ކުރެވުނީ 2018 ވަނަ އަހަރުއެވެ. ޕަރުޕައްލީ އަކީ ވެސް ބެޑްމިންޓަން ކުޅުންތެރިއެކެވެ. ސައިނާ ކުރީގެ ފިރިމީހާ ޕަރުޕައްލީ ކަޝްޔަޕްއާ އެކު--ފޮޓޯ/ޕިންކްވިލާ އިންޑިއާގެ ސަރުކާރުން ދޭ އަރުޖުނާ އެވޯޑު ހާސިލުކޮށްފައިވާ ކުޅުންތެރިޔާ އަކީ 2012 ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކްސްގައި ކުއާޓަ ފައިނަލްސްއާ ހަމައަށް ދަތުރުކުރި ހަމައެކަނި އިންޑިއާގެ ފިރިހެން ކުޅުންތެރިޔާއެވެ. ކޮމަންވެލްތު ގޭމްސްގައި 2014 ވަނަ އަހަރު ގޯލްޑް މެޑަލް ހާސިލުކުރި ކުޅުންތެރިޔާ ފަހުން މަސައްކަތް ކުރަމުން އައީ ބެޑްމިންޓަން ކޯޗެއްގެ ގޮތުގައެވެ. ސައިނާ އާއި ޕަރުޕައްލީގެ ކައިވެނި ނިމުމަކަށް އައިކަން އިއުލާނުކޮށްފައިވާއިރު ދެ މީހުންގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް މީގެކުރިން ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ދެ މީހުންނަކީ ވެސް ވަރަށް ޕްރައިވެޓް ދިރިއުޅުމަކަށް ލޯބިކުރާ ދެ މީހުންނަށް ވުމުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ސައިނާ އާއި ޕަރުޕައްލީއަކީ އިންޑިއާގެ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ދެ ކުޅުންތެރިންނަށް ވުމުން އެކަން އެގޮތުގައި އަބަދުވެސް އޮންނާނެކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އުމުރުން 35 އަހަރުގެ ސައިނާގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު ވަރަށް އަވަހަށް އޭނާ ބެޑްމިންޓަންއިން ރިޓަޔަވާނެކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ