ޓްރާންސްފޯމަރު ބަހައްޓާ ބިން ނުދީގެން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން

މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވުމާއި ގުޅިގެން ސްޓެލްކޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކުންފުނިން ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ. އެގޮތުން ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަންގައި ޓްރާންސްފޯމަރު ބަހައްޓަން ބިމަށް އެދިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މިހާރު އެ ލޯޑް ޓްރާންފާ ކުރި ޓްރާންސްފޯމަރުތަށްވެސް އޯވާލޯޑް ވުމާއި ގާތަށްގޮސްފައިވާ ކަމަށާއި އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާ ކަމަށް ބުންޏެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވައި އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ސިޓީ ފޮނުވި ކަމަށްވެސް ސްޓެލްކޯއިން ބުންޏެބެ. އެ ސިޓީއަށްވެސް ޖަވާބެއް ލިބިފައެއް ނުވާ ކަން އެ ކުންފުނިން ފާހަގަކުރިއެވެ.
މީގެ އިތުރުން މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިމުން ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށާއި އެސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، އެ ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީއާއި، ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވަލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، އެ ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް ބޭނުންވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް މިހާރު ސްޓެލްކޯގައި އެބަހުއްޓެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން ރައްޔިތުންނަށް މިކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށާއި، ޒިންމާދާރުކަމާއެކު، އެ ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ސްޓެލްކޯއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ