ދީނާ ދެކޮޅު އަމަލު ހިންގާ ފަރާތްތަކުގެ އަދަބު ބޮޑުކުރަން ގާސިމް ހުށަހަޅުއްވައިފި

އިސްލާމްދީނަށް ހަޖޫޖަހައި، ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ދެވަނަ ދަރަޖައިގެ ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަން، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
ގާނޫނުލްއުގޫބާތުގައި އިސްލާމްދީނާ ދެކޮޅު އަމަލުތަކެއްގެ ގޮތުގައި ބަލާފައި ވަނީ:
.މިހާރު އޮންނަ ގޮތުން ނަމަ، އިސްލާމްދީނާ ދެކޮޅު އަމަލެއް ހިންގި ކަމަށް ސާބިތުވެއްޖެ ނަމަ، ކުށްކުރި މީހާ ބަންދުކުރަނީ އަހަރަކަށް ވުރެ ކުރު މުއްދަތަކަށެވެ.
ގާސިމް ވިދާޅުވީ، މިދިޔަ އަހަރު ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހާ އެކު، އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތައް ތަފްސީލް ކޮށްފައި ވީ ނަމަވެސް، ކުށް ސާބިތުވާ މީހުންނަށް ދެވޭ އަދަބުގެ މިންވަރު ބޮޑުކޮށްފައި ނުވާތީ، އެ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އަދަބުގެ މިންވަރު ބޮޑުކުރުމަށް އިސްލާހު ހުށަހެޅުއްވީ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި، މުރުތައްދުވުމަކީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅި، އިސްލާމީ ގިނަ ގައުމުތަކުގައި މަރުގެ އަދަބު ދެމުން ގެންދާ ކުށެކެވެ.
ހަމަ އެއާއެކު، ދިވެހިންނަކީ 100 ޕަސެންޓު މުސްލިމް ގައުމެއް ކަމަށް ވެފައި، އަދި ދިވެއްސަކަށް ވެވޭ ޝަރުތެއްގައި މުސްލިމަކަށް ވުން ހިމެނޭއިރު، ދީނުން ބޭރުވެއްޖެ ނަމަ، އެމީހަކާ މެދު އަމަލުކުރާނެ ސާފު ގޮތެއް ގާނޫނުގައި ބަޔާންކުރަން ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު، އިސްލާމްދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް ވަނީ މިނިވަންވެފައެވެ.
ޓްވިޓާގައި އަމިއްލަ އެކައުންޓެއް ހުޅުވައި، ކީރިތި ރަސޫލާ އާއި އިސްލާމްދީނަށް ރުސްތުމް ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާއިރު، އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ދެ ދައުވާ އަށް ވެސް އޭނާ ވަނީ އިއުތިރާފްވެފައެވެ.
އެހެންވެ، ދެ ދައުވާ ވެސް ރުސްތުމްގެ މައްޗަށް ސާބިތުވާތީވެ، އަދި ކުށަށް އިއުތިރާފުވެފައި ވުމުން، ހަތަރު މަހަށް ޖަލަށް ލާން ހުކުމްކުރި ނަމަވެސް، ހަ މަސްދުވަސް ވަންދެން ބަންދުގައި ހުރުމުން އޭނާ ވަނީ މިނިވަންވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ