ޝަވަންގެ ފަންޑް ރެއިޒިން ހަރަކާތް މިއަދު ހަވީރު

މަކުނުދޫ ސްކޫލުގައި ކިޔަވަމުން އަންނަ އުމުރުން އަހުމަދު ޝަވަން އަށް އެހީވުމަށް އައްޑޫގައި ބާއްވާ ފަންޑް ރެއިޒިން ހަރަކާތް މިއަދު ހަވީރު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ހިތަދޫ މައިލޯ ޓީމުން ބުނެފި އެވެ.
އެ ޓީމުގެ ދައުވަތަކަށް އައްޑު އަށް މިވަގުތު ޝަވަން، 7، އައިސް އުޅޭ އިރު އޭނައާ އެކީ ގިނަ ހަރަކާތްތަކެއް އެ ޓީމުގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ޝަވަން އަށް ހާއްސަކޮށްގެން އެހީތެރިވުމަށް ފަންޑް ރެއިޒިން ހަރަކާތެއް މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ހަރަކާތް ކުރިއަށް ގެންދާނީ މިއަދު ހަވީރު ކުޅޭ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގެ ތެރެއިންނެވެ. އެ މެޗައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޝަވަން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.
އައްޑު އަށް ޝަވަން ކުރަމުން އަންނަ ދަތުރުގައި އިއްޔެ ވަނީ ފުޓުބޯޅަ ގްރާސް ރޫޓު ކުދިންނާ އެކީ ވެސް މައިލޯ ދަނޑުގައި ކުޅުމުގައި ބައިވެރިވެފަ އެވެ. އަދި މީގެ އިތުރުން އައްޑޫގެ ތިން ސްކޫލަކަށް ޝަވަން ޒިޔާރަތްކޮށް ،އެ ސްކޫލުތަކުގެ ދަރިވަރުންނާ ބައްދަލުކޮށްފައެވެ. އެއީ ހިތަދޫގެ ބިލަބޮންގް ސްކޫލާއި ޝަރަފުއްދީން ސްކޫލު އަދި ފޭދޫގެ ފޭދޫ ސްކޫލެވެ.
ޝަވަން އަށް އެހީތެރިވުމުގެ ގޮތުން މައިލޯއިން ފަންޑް ރެއިޒިން ހަރަކާތެއް ކުރިއަށް ގެންދާ އިރު، ޝަވަންއަށް ޕްރޮސްތެޓިކް ފަޔެއް ހޯދައި ދިނުމަށް ސަރުކާރުގެ ފަރާތުން އެހީވުމަށް ވަނީ ނިންމައިފަ އެވެ. މިކަން ކުރުމަށް ހަމަޖެހިފައި ވަނީ އެންސްޕާގެ އެހީތެރިކަމާ އެކީގަ އެވެ.
ޝަވަންގެ އެއްފައި ނެތް ކަމުގައިވިޔަސް، އެއްވެސް ވަރަކަށް ހިތްވަރު އެލުވާ ނުލާ މަކުނުދޫ ސްކޫލުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވާ ހިތްވަރު ގަދަ ދަރިވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ