އަދާލަތަށް އިންތިޚާބުތައް ކާމިޔާބުނުވުމުން ޒައިދަށް ގޯސްވީ ރައްޔިތުން

އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމުވެރިންނަށް އިންތިޚާބުތައް ކާމިޔާބުނުކުރެވޭތީ ރައްޔިތުން ތިބެނީ ޝައިޠާނާގެ މަޅީގައި ޖެހިފައިކަމަށް އެ ޕާޓީގެ އެކްޓިވިސްޓު އަލީ ޒައިދު ބުނެފިއެވެ.
އަލީ ޒަައިދު މިފަދައިން ބުނެފައިވަނީ އޮންލައިން ނޫހެއްގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި އިންތިޚާބުތަކުގައި ދީނީ އިލްމުވެރިންނަށް ނާކާމިޔާބުވަނީ ދީނާއި ސިޔާސަތު މަސްހުނިކުރަން ގިނަ ރައްޔިތުން ބޭނުންނުވާތީކަމަށް ބުނެފައިވާތީއެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރެއިން ޑީއާރުޕީގެ ދީނީ ގޮފީގެ ރައީސް އަދި ފަހުން ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސްކަމުގައި ހުންނެވި ޑރ.އަފްރާޝީމް އަލީވަނީ 2009 ވަނަ އަހަރު އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ބޮޑު ތަފާތުން ކާމިޔާބުކުރައްވާފައެވެ.
އޭގެ ފަހުން އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.އަނާރާ އަލީވަނީ އެ ޕާޓީގެ ޓިކެޓުގައި ޕީޕީއެމްގެ ތާއީދާއެކު 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއެވެ.
ދީނީ އިލްމުވެރިންގެ ތެރެއިން އިންތިޚާބުތަކުގައި ވާދަކުރައްވައި ބޮޑު ތަނުން ފެއިލްވެވަޑައިގެންފައިވަނީ އަދާލަތު ޕާޓީގެ އިސްސަފުގައި އުޅުއްވާ ބައެއް އިލްމުވެރިންނެވެ. އެ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިނާއި، އެ މަޖިލީހުގެ ނައިބުރައީސް ޑރ.މުހައްމަދު އިޔާޒު ހިމެނިވަޑައިގަންނަވައެވެ.
ޒައިދު ބުނެފައިވަނީ ދީނީ މީހުންނަށް އިންތިޚާބުތައް ކާމިޔާބުނުވަނީ ތެދުވެރިކަމުން ކަމަށެވެ. އަދި ޝައިތާނާ ޒީނަތްތެރިކޮށްދެނީ ވިޔާނުދާ މީހުންކަމަށާއި، ޝައިޠާނާގެ މަޅީގައި ރައްޔިތުން ޖެހެނީކަމަށްވެސް ޒައިދު ބުންޏެވެ.
ޒައިދު ނިސްބަތްވާ އަދާލަތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެ ޕާޓީ ހިތްހަމަނުޖެހޭ ލީޑަރުންގެ ދީނީ އިއުތިގާދާމެދު ސުވާލު އުފައްދާފައިވާ ޕާޓީއެކެވެ. އެގޮތުން ރައީސް ނަޝީދަކީ ދީނުގެ އަދުއްވުމެއްކަމަށް އެ ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެފައިވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް ގެންނަން އިއްތިހާދުވުމާއެކު ނަޝީދަށް ވަރަށް ބޮޑަށް ތާރީފުކުރައްވައި ޓުވީޓުކުރައްވާފައިވެއެވެ.
އަދި ޑރ.އަފްރާޝީމުގެ ޤަތުލަކީ އެމްޑީޕީން ހިންގިކަމެއްކަމަށް 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ވިދާޅުވުމަށްފަހު އިމްރާންވަނީ 2015 ވަނަ އަހަރުގައި އެކަން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި އަޅުވާފައެވެ. އަދި ފަހުން އެކަމާމެދު ކުރާ ސުވާލަކަށް އޭނާ ޖަވާބުވެސް ނުދެއްވައެވެ.
ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް ކުރިން ވިދާޅުވި މައްސަލާގައި ސުވާލުކުރުމުން ނަޝީދާމެދު އެފަދަ ވާހަކައެއް ނުދައްކަވާކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ. ޒައިދަކީ އިމްރާނުގެ ހިމާޔަތުގައި އެންމެ ގަދައަށް މަސައްކަތްކުރާ އެއް އެކްޓިވިސްޓެވެ.
ޝައިޠާނާގެ މަޅީގެ މިސާލެއްގެ ގޮތުގައި ޒައިދު ފާހަގަކުރައްވާފައިވަނީ ރައީސް ނަޝީދު އެއް ކަމެއްގައި ހަތް ގޮތަށް ވާކަދެއްކެވިޔަސް އެމަނިކުފާނަށް ތާއީދުކުރާ މީހުން އަތްޖެހުމެވެ. އަދި އެމަނިކުފާނުގެ ގޯހެއް ނުފެނުމެވެ.
އިމްރާނުގެ ހޯމް މިނިސްޓަރުކަމުގައި މާލޭގައި ހަށިވިއްކާ ތަންތަން އިންތިހާއަށް އިތުރުވެ އެކަން ނުހުއްޓުވޭއިރު، ޒައިދުގެ ފާޑުކިޔުމެއް އިމްރާނަކަށް އަމާޒުނުވެއެވެ. އަދި ހަށިވިއްކާ ތަންތަން އިތުރުވީ ކޮވިޑުގެ ސަބަބުންކަމަށް ވިދާޅުވެ ދެކޮޅުނުޖެހޭ ވާހަކަތެއް އިމްރާން ދެއްކެވުމުން އެކަމަށްވެސް ޒައިދު ފާޑުނުކިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ