ޓެރަރިޒަމް ހަމަލާތަކަށް އެކަނި ހުސްވެގެން ބަޔަކު އެބަތިބި: މާރިޔާ

މުޖުތަމަޢުގައި ނުރައްކާތެރި ޓެރަރިޒަމް ހަމަލާތައް ރާވާ ހިންގަން މީހުން، ހަމައެކަނި އެކަމަށް ހުސްވެ ތިބެގެން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އައްޑޫ ސިޓީ ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރި، ޓެރަރިސްޓް ހަމަލާތައް ރޭވުމުގައި މީހުން ހަރަކާތްތެރިވާކަން ފާހަގަކުރައްވާ އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ދާދި ފަހުން އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަށް އަލިއަޅުއްވާލައްވާ މިނިސްޓަރ މާރިޔާ ވަނީ ވާހަކަދައްކަވާފައެވެ.
އެ އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވިގޮތުގައި އެމީހުން އުޅުނީ ބާރުގަދަ ގޮއްވުމެއް ގޮއްވާލަންށެވެ. އަދި ރާވާފައިވާ ހަމަލާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލިދާނެ ވަރުގެ ބޮޑު ހަމަލާއެއްކަމަށާއި، އޭގެތެރެއިން އެކެއްގެ ގެއިން ގޮވާޒާތު ކެމިކަލްވެސް ފެނިފައިވާކަން ހާމަކޮށްފައިވެއެވެ.
އެ ހަމަލާއާ ގުޅޭގޮތުން މިނިސްޓަރ މާރިޔާ ވިދާޅުވީ، އެ އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ. ހަރުކަށި ފިކުރު ފެތުރުނަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް، މުޖުތަމަޢުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެގެންތިބެ ކެނޑިނޭޅި އެ މަސައްކަތް ކުރާ ބަޔަކު އެބައުޅޭ ކަމަށެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެއްގައި، މިފަދަ ޙާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމެއްކަމަށެވެ. އަދި މިކަންކަމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ޙަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުޞަތު އިތުރުވާކަން ފާހަގަކުރައްވައި ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވުމަށް މިނިސްޓަރ މާރިޔާ ގޮވާލެއްވިއެވެ.
އެގޮތުން ޢާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަޙައްދުތަކުގެ ތެރޭގައި ހިނގާ މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މަޢުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ޙަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ