އެޕްރީލް މަހު ސްކޭމް ކޮށްގެން ދެ މިލިޔަނެއްހާ ރުފިޔާ ފޭރިގެންފި

ނިމިގެން ދިޔަ އެޕްރީލް މަހު އެކަނިވެސް، ސްކޭމްގެ މައްސަލަތަކުގައި ދެ މިލިޔަނެއްހާ ދިވެހި ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުސްވި އޭޕްރީލު މަހު ސްކޭމްގެ 173 މައްސަލަ ރިޕޯޓު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 99 މައްސަލައެއްގައި ގެއްލުނު ފައިސާ އަނބުރާ ހޯދާފައިވާއިރު، 43 މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއް ވަނީ ހޯދާފަ އެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ 1،984،517.72 އަށް އަރާއިރު މީގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 590،332.50 ރުފިޔާ އެވެ.
މި މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުން ވަނީ، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަށް އިލްތިމާސްކޮށްފައެވެ.
އަދި މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ