ފެނުނު ހަށިގަނޑު އޮތީ ކުނިވެފައި، ޕޯސްޓްމޯޓަމް އަށް ފޮނުވަނީ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު އޮތީ އެކަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިތުރަށް ބުނީ، ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑުކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި، އޭނާ ފެނުނު ސަރަހައްދާ ދުރުނޫން ހިސާބަކުން ކުރިން ފެނިފައި ވާ ކަމަށެވެ.
ފުލުހުން ބުނީ، ސީސީޓީވީ ފްތޭޖް ބަލަމުން ދިޔަ އިރު އޭނާ، މިއަދު ފެނުނު ސަރަހައްދާ ކައިރި ހިސާބަކުން ފެނިފައި، ދެން ފެންނަން ޖެހޭ ހިސާބަކުން ނުފެނި ދިޔުމާއެކު، މިއަދު އޭނާ ފެނުނު، ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދާ ސަރަހައްދު ބަލަން ބޭނުން ވީ ކަމަށާއި، އެތަން ބަލަމުން ދަނިކޮށް ހަށިގަނޑު ފެނުނީ ކަމަށެވެ.
އަދި ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ބޭނުންވާ ކަމަށް އަޒުހާންގެ އާއިލާއަށް އަންގަފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 އިން ފެށިގެން އަޒުހާންގެ ހަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ 7 ޖަހާ ހާއިރު އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.
އަޒުހާން ހޯދުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް އާންމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އަޒުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހިޔާ ފްލެޓް 13 އަށް ގޮސް އެ ޓަވަރަށް އަރާފައެވެ. އަދި ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އެނބުރި ގޮސްފައެވެ.
މީގެ އިތުރުން ފުލުހުން އޭރު ހޯދިހޯދުން ތަކުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށާއި އަޒުހާން ވައިގެ މަގުން ރާއްޖެއިން ބޭރަށް އަދި އަތޮޅު ތެރެއަށް ފުރައިގެން ގޮސްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ