އިމްރާން ހާން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުން ދޫކޮށްލަން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.އިމްރާން ހާން އިއްޔެ ހައްޔަރުކުރީ އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާއާ ގުޅިގެން ވެރިރަށް އިސްލާމްއާބާދުގެ ހައި ކޯޓަށް ހާޒިރުވެ ވަޑައިގެން ހުންނަވަނިކޮށް ޕެރަމިލިޓަރީ ފުލުހުން ގޮސް ބާރުގެ ބޭނުންކޮށްގެންނެވެ.އިމްރާން ދޫކޮށްލަން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކުރީ އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމުމަށް ފަހު އެވެ.ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއިއެކު އިމްރާން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް މިއަދު ހާޒިރު ކުރިއެވެ.އިމްރާން ބަންދުން ދޫކޮށްލަން އަމުރު ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު އުމަރު އަތާ ބަންދިއަލް އެވެ.ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އިމްރާން ވިދާޅުވީ އޭނާ ހައްޔަރުކުރީ ހައިކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުވެ އިންދާ ވަގަށް ނަގައިގެން ކަމަށެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ އަށް ވަނީ އަނިޔާވެސް ކޮށްފައި ކަމަށް އިމްރާން ވިދާޅުވިއެވެ.އިމްރާނާއި އޭނާގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އިމްރާންގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ މައްސަލަތައް އަޅުވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ސަރުކާރުގެ ރޭވުމެއްގެ ދަށުންނެވެ. ނަމަވެސް، އެ ގައުމުގެ ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ.އިމްރާން ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސިޓީތަކުގައި އަންނަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާއިރު 2،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު އިމްރާން ހާންގެ އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ދުރުކުރީ އެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝާހްބާޒް ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ