ފަހު 10 ގައި ޔާމީން ގެއަށް ބަދަލުކޮށްދީ: ޖަމީލު

ރޯދަ މަހުގެ ފަހު 10 ގެ ތެރޭގައި އިންސާނިއްޔަތުކަން އިސްކޮށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ރޭ "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް އިންސާނިއްޔަތު ކަމަށް ރިއާޔަތްކުރާ ބައެއް ކަމަށާއި ގައުމެއްގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް އިންސާނިއްޔަތުކަން އިސްކޮށް ގެއަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.
ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ދައުވާތަކެއްކޮށްގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތީކަން ގިނަ ރައްޔިތުން ގަބޫލުކުރާނެ ކަމަށާއި ފަހު 10ގެ ތެރޭގައި ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާދޭހާއެކު ސަރުކާރުގައި ދަންނަވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އަޅުގަނޑުގެ އިލްތިމާސަކީ އިންސާނިއްޔަތުކަން އިސްކުރައްވާ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ. މިހެން ހައްދަވާކަށް ނުވާނެ އިނގޭތޯ. އެންމެންނަށް ވެސް އެބަ އިނގޭ މިއީ ސިޔާސީ ދައުވާއެއްކަން، ސިޔާސީ ހުކުމެއްގައިކަން ހުންނެވީ." ޖަމީލު ވިދާޅުވި އެވެ.
ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ. އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ