ސަރުކާރު ކުންފުނިތަކުގެ އެޗްއާރު ޕޮލިސީ ރިވިއުކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެމްބަރުންނަށް އިތުރު އެލަވަންސްތަކާއި ރިޑަންޑަންސީ އަދި ރިޓަޔާމަންޓް ޕެކޭޖް ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލް ރިވިއުކުރަމުން އަންނަ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނެފިއެވެ. އެކަމާ ގުޅިގެން އެ ބޯޑުގެ ރައީސް އާސިމް މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ އުސޫލު ރިވިއު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެ މަސައްކަތްކުރަނީ އެކަމަށް ހާއްސަކޮށްފައިވާ ކޮންސަލްޓަންޓެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނިތަކުގެ އިސްވެރިންނާއި ބޯޑު މެމްބަރުންނާއި ކޮމްޕެނީ ސެކްރެޓަރީންގެ އެލަވަންސް ކަނޑައަޅަނީ ޕީސީބީން ކަމުގައިވާއިރު، ހުރިހާ ކުންފުނިތަކަކުން އަމަލުކުރަން ޖެހޭ ޕޮލިސީ 2021 ވަނަ އަހަރު ޕީސީބީން ވަނީ ތައާރަފްކޮށްފައެވެ. އާސިމް ވިދާޅުވި ގޮތުގައި ކޮންމެ ކުންފުންޏެއްގައި ވަކި ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ގޮތެއް ނޫނެވެ. އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުންފުނިތަކުގެ އެޗްއާރު ޕޮލިސީ ރިވިއުކުރުމާ ގުޅޭ ގޮތުން އާސިމް އިތުރަށް ވިދާޅުވީ ބައެއް ކުންފުނިތަކުން އަމަލުކުރަމުންދަނީ މުޅިން ގޯސްކޮށް ކަމަށެވެ. "ކޮންމެ ކުންފުންޏަކުން ވެސް އަމިއްލަ އުސޫލުތަކަށް އަމަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ބައެއް ކުންފުނިތަކުން އެމްޕްލޮއިމެންޓް ގާނޫނާ ޚިލާފަށް ވެސް އަމަލު އެބަކުރޭ. އެކަންކަން ދެނެގަނެ ބަދަލުކުރުމުގެ ގޮތުން ކުރާ މަސައްކަތެއް މިއީ،" އޭނާ ވިދާޅުވިއެވެ. ހަމަ އެއާއެކު، ވަކި މީހަކަށް ވަޒީފާ ދިނުމުގެ މައްސަލަތަކާއި ވަކި ދުވަސްވަރެއްގައި މާ ގިނަ ވަޒީފާތަކެއް ދިނުމުގެ އިތުރުން ވެސް އުސޫލާ ޚިލާފަށް ކުރާ ކަންކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާސިމް ވިދާޅުވީ އެ ރިވިއު ނިމުމުން ގޯސްކޮށް އަމަލުކުރަމުން އަންނަ އެފަދަ ކަންކަން ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި މިކަމަކީ އާއްމުންގެ ކަންބޮޑުވުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި އެ ރިވިއު ނިމުމުން ކުންފުނިތަކުން މިގޮތަށް ކުރާ ކަންކަން ހުއްޓުވައި، ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެޗްއާރު ޕޮލިސީ ރިވިއުކުރުމަށް ޕީސީބީން ފަށާފައިވާ ރިވިއުކުރުމުގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ވެސް އާސިމް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ