މަޖިލީހުގައި ކޯޅުން ބޮޑުވެ ނަޝީދު ފެކްޝަންގެ މެމްބަރުން ރަތަށް!

މިފަހަކަށް އައިސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ 2018 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި ސިޔާސަތުތަކާ ޚިލާފަށް ހުށަހަޅަމުންދާ ބިލްތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެޕާޓީގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ބަހުސްކުރަމުންދިޔަ ފުލުހުންގެ ހިދުމަތުގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން، ނަޝީދަށް ތާއީދު ކުރެއްވި މެމްބަރުން ވިދާޅުވީ އެއީ ސަރުކާރުން ނުބައި ނިޔަތެއްގައި ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވަނީ ތަހުގީގީ ފުލުހުން ފުރިހަމަކުރަން ގާނޫނުން ލާޒިމުކުރާ ސެޓްފިކެޓް ހާސިލުކުރުމަށް ގިނަވެގެން ދެ އަހަރުގެ މުއްދަތެއް މިހާރު ކަނޑައަޅާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ތަހުގީގުކުރާ ހުރިހާ ފުލުހުންނަށް އެ ފެންވަރުގެ ސަނަދެއް ހާސިލުނުކުރެވޭނެތީ އެ މުއްދަތު އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި، ފުލުހުންނާ އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކެއް ހެދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހިމެނޭއިރު، އެ ފަދަ ޗެކެއް ހަދާ ކޮންމެ ހާލަތެއްގައި އެ ހުރިހާ ކަމެއް ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވެދާނެތީ ބެކްގްރައުންޑް ޗެކް ހަދަން ކުރާނެ ކަންތައްތަކަކީ ކޮބައިކަން ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. އެބިލަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި އިޚްތިޔާރީ ކަމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ވަރަށް ގިނަ ދިރާސާއާއި މަޝްވަރާ އާއެކު ހިމަނާފައިވާ ކަމެއް ކަމަށެވެ. އަދި އެއަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެތިން ސުވާލުކުރުމަށްފަހު މީހަކަށް ފުލުހުންގެ ވަޒީފާ ދިނުމަކީ އެ ގާނޫނު ތަސައްވުރު ކުރެއްވި ގޮތް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީ ފުލުހުންގެ ގާނޫނުން އަޅުގަނޑުމެން ހާސިލް ކުރަން ބޭނުންވާ މަގްސަދުތައް، ބޭނުންވީ މަގްސަތުތައް އަދި މިހާރުވެސް ބޭނުންވާ މަގްސަދުތައް ހާސިލްވާ ގޮތަށް ހުރި އިސްލާހެއް ކަމަށް. ސަރުކާރުން ވަރަށް ނާޖާއިޒް ގޮތަކަށް މި އިސްލާހު ހުށަހަޅުއްވައިގެން ނާޖާއިޒް ފައިދާ ތަކެއް ނެގުމުގެ މަގްސަދުގައި ހުށަހަޅުއްވާފަ އޮތް އިސާލހުތަކެއް ކަމަށް ފެންނަނީ. ވަކިން ހާއްސަކޮށް ހޯމް މިނިސްޓަރު އިއްޔެ މިތަނަށް ވަޑައިގެން ދެއްކެވި ވާހަކަ ތަކަކީ ބިރުވެރި ވާހަކަތަކެއް. ފުލުހުންގެ މުއައްސަސާގައި ކަނޑައެޅިގެން ވަކި ބަޔަކު ބޮޑެތި ޖަރީމާ ތަކުގައި ބައިވެރިވާ ކަމަށް އަދި އެނަންތައްވެސް މިނިސްޓަރަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވާއިރު އަނެއްކާ އެކަން އިތުރުކުރުމަށް ސަރުކާރުން ދޭ ފުރުސަތެއް މިއީ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މީގެއިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ ފުލުހުންގެ ބެކްރައުންޑް ޗެކް ނުކުރާ ހިސާބަށް ދައުލަތް ކުރިއަރައިގެން ދިޔައީތޯ އައްސަވައިފައެވެ. އަދި ބެކްރައުންޑް ޗެކް ކުރުމަށް ގާނޫނުގައި ހިމެނީ ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަށް އެމްޑީޕީން ވީ ވައުދުގެ ތެރެއިން ކަމަށާއި، މިއަދު އެއަށް ބަދަލު ގެންނަން މަސައްކަތް ކުރުމަކީ ތާކުން ތާކު ޖެހޭ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. އަޅުގަނޑުމެން އިހަކަށް ދުވަހަކު ގާނޫނެއް ލާފާ، އެކަމަކު ވެރިކަން ކުރަން މިވަގުތު ދަތިވީމާ އެހެން ގޮތަކަށް އަނެއްކާ ތިން އަހަރު ފަހުން ގާނޫނު އިސްލާހު ކުރިއެއް ކަމަކު ދެން އަޅުގަނޑުމެން އެއަށް ވޯޓު ނުދިނީމަކާ އިއްޒަތްތެރި ރައީސް އެއީ ވިޕްލައިނަކާ ހިލާފުވުމެއް ނޫން. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އަދި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް މީހުންނަށް ވަޒީފާ ދޭން ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައިވެސް ބައެއް މެމްބަރުން ސިފަ ކުރެއްވިއެވެ. އެމްޑީޕީގެ ލޯގޯ އިން ރަމްޒުކޮށްދޭ އިންސާފާއި ނަޒާހާތްތެރިކަން މިއަދު ޕާޓީން ނުފެންނަ ކަމަށް ވިދާޅުވެ، ޕާޓީން ވަކިވުމާ ގުޅޭގޮތުން ނަޝީދާއެކު މަޝްވަރާކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކުރައްވާ ވާހަކަ ދައްކަވާފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅަމުންދަނީ އެއްވެސް މާނައެއް ނެތް ބިލްތައް ކަމަށް ވިދާޅުވެ އިއްޔެގެ ޖަލްސާގައިވެސް ބައެއް މެމްބަރުން ނުރުހުން ފާޅުކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތައް ބަލައިގަތުމުގެ ކުރިން އެއީ މާނަވީ ބަދަލެއް އަންނާނެ މުހިންމު ބިލެއްތޯ ބެއްލެވުމަށް ރައީސް ނަޝީދުވެސް ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ފެކްޝަނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުގެ މެމްބަރުންގެ ދެމެދު ރައްދު ކުރެވޭ ބަހުގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ