ނޫސްވެރިންގެ ދިފާއުގައި ނުކުތުމުން ހުސައިން ހަސަން ހައްޔަރުކޮށްފި

ނޫސްވެރިންގެ ދިފާއުގައި މާލޭގައި މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް މުޒާހަރާ ފެށުމުގެ ކުރިން، އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ފުލުހުން ހައްޔަރުކޮށްފިއެވެ.
ހުސައިން ހަސަންގެ އިތުރުން އެހެން މީހަކު ވެސް ހައްޔަރު ކުރި އެވެ. 
ފުލުހުންގެ އަމުރަށް ކިޔަމަންވެ، އެ ދެ މީހުން މަޖީދީ މަގަށް ނުނިކުމެ ޗާންދަނީ މަގުގައި މަޑުކޮށްގެން ތިއްބާ ފުލުހުންގެ ބަޔަކު ގޮސް އެ މީހުން ހައްޔަރުކުރީ ކަމަށް މަންޒަރު ފެނުނު ނޫސްވެރިޔަކު މައުލޫމާތު ދިނެވެ. 
"އެ މީހުން ތިބީ ކިޔަމަންތެރިކޮށް، ފުލުހުން ފަހަތަށް ޖެއްސުމުން ބުނި ހިސާބުގައި. ނަމަވެސް އެހެން ބަޔަކު ގޮސް އެ މީހުން ހައްޔަރު ކުރީ،" ނޫސްވެރިޔާ ބުންޏެވެ. 
ރޭގެ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ގާތްގަނޑަކަށް 10 އަހަރުގެ މެދުކެނޑުމަކަށްފަހު ނަޝީދު މަގުމަތީގެ އިހުތިޖާޖަކަށް ނުކުންނެވީ، ރައީސް މުހައްމަދު މުއިއްޒާ ސުވާލުކުރި އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އާއި، އައިޝާ ޑޮކިއުމެންޓަރީ ފެތުރުން މަނާކޮށް ނެރުނު އަމުރުގެ ހަބަރު ލިޔުނު ލީވާން އަލީ ނަސީރު ޖަލަށްލުމާ ގުޅިގެން އެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލުމަށެވެ.
ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ލީވާން 10 ދުވަހަށް އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، މިހާރު ތިބީ މާފުށީ ޖަލުގައެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ނުވަ މީހަކު ހައްޔަރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ