ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ގެންގޮސް، ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރު

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، އެ މީހާގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، ބަރަހަނާކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރި މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުންނެވެ. އެ އެޕާޓްމަންޓު ބަލައި ފާސްކުރުމުން 3 މޯބައިލްފޯނާއި، 3 އަތުކުރީގަޑިއާއި، ޑްރޯނަކާއި، ދޮއްޓަކާއި، 2 އަވިއައިނާއި، ރިހި ފަށަކާއި ރިހި އަނގޮޓިއެއް އަދި 6 ވަޅި ފެނިފައިވެއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ފުލުހުން ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި މި ދެމީހުން މިފަދަ އިތުރު ދެ މައްސަލައެއްގައިވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ