ބަންސާލީގެ އާ ފިލްމަށް ރަންވީރުގެ ބަދަލުގައި ރަންބީރު
ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ މީގެ އަހަރުތަކެއް ކުރިން އިއުލާނުކުރި ފިލްމު "ބައިޖޫ ބާވްރާ" ކިޔާ ފިލްމުގެ ލީޑް ރޯލަށް އެކްޓަރު ރަންބީރު ކަޕޫރު ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެ ފިލްމަކީ ސަންޖޭގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގަންގޫބާއި ކަތިއާވާޅާ" އުފެއްދި ދުވަސްވަރު ޚިޔާލަށް ގެނެވި އިއުލާނުކުރި ފިލްމެކެވެ. އޭރު އެ ފިލްމު އުފައްދަން ބަންސާލީ ބޭނުންވީ "ގަންގޫބާއީ"ގެ ބަތަލާ އަދި ރަންބީރު ކަޕޫރުގެ އަންހެނުން އާލިއާ ބަޓްއާއި އެކްޓަރު ރަންވީރު ސިންގް ހިމަނައިގެންނެވެ. ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާގޮތުން ސަންޖޭގެ އެ ވިސްނުން ބަދަލުވެ، ރަންވީރުގެ ބަދަލުގައި ފިލްމުގެ ލީޑް އެކްޓަރެއްގެ ގޮތުގައި ޑައިރެކްޓަރު ބޭނުންވަނީ ރަންބީރު ކަޕޫރު ފިލްމަށް ގެނައުމަށެވެ. ރަންވީރު ސިންގް އަދި ދީޕިކާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް ކުރިން 2021 ވަނަ އަހަރު އިއުލާނުކުރި ފިލްމު "ބައިޖޫ ބާވްރާ"އަކީ ސަންޖޭގެ ކެރިއަރުގައި އުފައްދަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ފިލްމެކެވެ. ލޯބީގެ ރަހަތަކާ އެކު ބަދަލުހިފުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމި އެ ފިލްމުގެ ވާހަކަ ފަހުން އޮބި، އޭގެ ވާހަކަތައް ރަސްމީ ސިފައެއްގައި އެއްވެސް ގޮތަކަށް ދެކެވިފައެއް ނުވެއެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން ސަންޖޭ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތް ނިންމާލުމަށް ފަހު "ބައިޖޫ ބާވްރާ"ގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ވަނީ ނިންމާފައެވެ. އެ ފިލްމުން ރަންވީރު ސިންގް ވަކިކުރަން ނިންމިކަމަށް ރިޕޯޓުތައް ބުނެފައިވާއިރު ފާހަގަކޮށްލެވޭ ކަމަކީ ސަންޖޭގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތައް ކަމަށްވާ "ބަޖިރާއީ މަސްތާނީ"، "ރާމް-ލީލާ" އަދި "ޕަދުމަވާތު"ގެ ލީޑް އެކްޓަރަކީ ރަންވީރު ސިންގް ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ