ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އިދާރީ ކަންކަމާއިގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާނެ ގޮތެއް ދައްކައިދޭން ޖެހިފައި އޮތް އިރު، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީހީ ވޯޓެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ، އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.
ބިލް ފާސްވެ، ގާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވައިގެން، ވީ އެންމެއަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް ”އައްޑޫ“ އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް ”އައްޑޫ ސިޓީ ކައުންސިލް“ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ހިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.
މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީހީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓަވައި، ޖުޑީޝަރީ މިނިވަންކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސް ވާހަކަފުޅުގައި ވަނީ އަލިއަޅުއްވައިލައްވާފައެވެ.
ނިޒާމު އޮތް ގޮތުން ޖުޑީޝަރީއަށް ނިކަމެތިކަމެއް ލިބޭ ކަމަށާ، ނަމަވެސް ކުރިއަށް އޮތް 2026 ވަނަ އަހަރުން ފަށައިގެން ބަޖެޓަށް ގެންނަވާ ބަދަލާއެކު ޖުޑީޝަރީ މިނިވަންވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައަޅުއްވައި، ބްލޮކް ގްރާންޓް އުސޫލުން ފައިސާ ދޫކުރަން ފެއްޓެވުމުން، ޖުޑީޝަރީ ހިންގުމަށް ބޮޑު މިނިވަންކަމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް މިކަމަށް ކަނޑައަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުންނާއި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭބޭފުޅުންނަށް ދެވޭ އިނާޔަތްތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މިހާރު ދެވެމުން ދަނީ ބޮޑު އިނާޔަތެއް ކަމަށާ، ނަމަވެސް އެއީ ގައުމުގެ ހާލަތަށް ރިއާޔަތް ކުރައްވައިގެން ދެވޭ އިނާޔަތްތަކަކަށް ވާންޖެހޭ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ މިއާއެކު، ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންނަވާ މުހިންމު އެކިއެކި ބަދަލުތަކުގެ މައްޗަށްވެސް މި އެޕިސޯޑްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބޭ ބަޖެޓަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމާއި، ކައުންސިލްތަކަށް ބްލޮކް ގްރާންޓް ލިބޭ ފޯމިއުލާއަށްވެސް އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވާނެކަން ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުންނާ ގުޅިފައިވާ ވިޔަފާރީގެ ކަންކަމުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހަރަކާތްތެރިވާ އުސޫލުތަކަށް ގެންނެވި ބަދަލުތަކާ ބެހޭ ގޮތުންވެސް ރައީސް ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
އައްޑޫގެ އިދާރީ ދާއިރާގެ ކަންކަމުގައި ހިޔާލު ހޯދުމަށް ނެގިގެންދާނީ، ތާރީހީ ވޯޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ