މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގުނުކުރަން އެމްއެމްސީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލު ތަސްދީގު ނުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވެސް އޮއްވައި، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ އެ މަޖިލީހުން އެ ބިލު ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެނެވެ. މަޖިލީހުން ބިލު ފާސްކުރަން އަވަސްއަރުވާލަން އުޅެގެން މަޖިލީހުގެ ގަވާއިދުގައި ހުރި އިޖުރާއަތްތައް ވެސް ރަނގަޅަށް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ރައީސަށް ސިޓީ ފޮނުވުމަށް ފަހު ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" މަޖިލީހުން ފާސްކުރުމުން ކަންބޮޑުވާ ކަމަށެވެ. ބިލު ތަސްދީގު ނުކުރައްވަން އެދި ރައީސަށް ސިޓީ ފޮނުވީ އެކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި ފާސްކޮށްފައިވާ ބިލަކަށް ވާތީ ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައި ގިނަ ބައެއްގެ ބައިވެރިވުމާ އެކު ބިލު ދިރާސާކުރަން އެދުނު ނަމަވެސް ބިލު ފާސްކުރީ "މަރުހަލާތައް ނަމަކަށް ފުރިހަމަކޮށްގެން" ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި އެމްއެމްސީން ބުންޏެވެ."...އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ އެތައް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމަށް މިކައުންސިލުން ދެކެމެވެ،" އެމްއެމްސީގެ ބަޔާނުގައި ބުންޏެވެ.ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ.އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ