ފުވައްމުލަކަށް ސާފު ފެން ލިބޭ ކަމަށް ބުނެ މައްސަލަ މަޖިލީހަށް ބަލައިނުގަތް
ކުއްލި މައްސަލަ ހުށަހަޅަން ޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށް ވިދާޅުވެ، ފުވައްމުލަކުން ސާފު ފެން ނުލިބުމުގެ ސަބަބުން އެ ސިޓީގެ އާންމު ދިރިއުޅުމަށް ދަތިވާތީ ކަމަށް ވިދާޅުވެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ފޮނުވާލައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ކުއްލި މައްސަލައެއްގައި ހިމެނޭ ޝަރުތު ކަމަށްވާ، އެ ކުއްލި މައްސަލަ ވާން ޖެހޭނީ ހަގީގަތާ އެއްގޮތަށް ހުށަހެޅޭ މައްސަލައަކަށް ކަމަށެވެ. "ސާދަ ނޮވެމްބަރު 2025ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ނޫސްބަޔާނުގައި، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކިއެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށާއި މި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް ވަނީ ބަޔާންކޮށްފަ،" ކުއްލި މައްސަލަ ބޭރުކުރި ސަބަބާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވިއެވެ. ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، މި މަހުގެ 10ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފެނުގެ ޚިދުމަތް ކެނޑުމުން އެ ސިޓީގެ ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި، ފެނުގެ ޚިދުމަތް މެދުކެނޑުމަށް ދިމާވި ސަބަބަކީ ފުވައްމުލަކުގެ ފެން ޕްލާންޓާއި ޑިސްޓްރިބިއުޝަން ނެޓްވޯކު މަރާމާތުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރުމުން ކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. ފުވައްމުލަކުގެ އާންމުންނަށް އަލުން ފެން ދޫކުރަން ފަށާފައިވާއިރު އެ ފެން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ބުނި ނަމަވެސް، އެ ފެނަކީ ތަޣައްޔަރުވެފައިވާ ފެނެއް ކަން ލެބޯޓަރީގެ ޓެސްޓަކާ ނުލައިވެސް، ފެނުގެ ވަހާއި ކުލައިން ހާމަވާ ކަމަށް އެ މައްސަލައިގައި ވެއެވެ. ވުމާއެކު ފުވައްމުލަކުގެ ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވާނެ ކަމަށާއި، އެ ސިޓީގައި ގިނަ ފަތުރުވެރިން ތިއްބައި މިފަދަ ކަމެއް ދިމާވުމަކީ އެ ސިޓީގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި ފުވައްމުލަކަށް ދޫކުރާ ފެން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ބުނި ނަމަވެސް، ބައެއް ގޭބިސީތަކަށް ލިބޭ ފެން ސާފުނޫން ކަމަށް ބުނެ، އެ ސިޓީގެ ކައުންސިލުން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ޝަކުވާ ހުށަހަޅައިފައެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެން ލީކުވުމުގެ މައްސަލަވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް އެރަށަށް ފެނުގެ ޚިދުމަތްދޭ ފެނަކައިން މީގެ ކުރިން ބުންޏެވެ. އޭގެ ފަހުން އެ ސިޓީއަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހެވެ. އެ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމްއެފްޑީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ. އެ ބަޔާން ނެރުނު ފަހުން ރަށުގެ ބައެއް ރައްޔިތުން ވަނީ، ބިއްލޫރި ތަށިތަކަށް ސަޕްލައި ފެން އަޅައި، ފެން ނުސާފުކަން ހާމަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ