އާސަހަރާ މިސްކިތުގައި ފެން ހެދުނީ ދިޔަދޮވި ފުރުމުން، މައްސަލަ ހައްލުވެއްޖެ: އާޒިމް

ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު މީގެ އަހަރެއް ކުރިން އަލުން ހުޅުވި މަސްޖިދުއްތަޢާވުން، ނުވަތަ އާންމު ނަމުންނަމަ އާސަހަރާ މިސްކިތުގެ ތެރޭ ފެން ހެދުނު މައްސަލަ ހައްލުކޮށްފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އާސަހަރާ މިސްކިތުގެ ތިރީ ފަންގިފިލާއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ 'ފޭސްބުކް'ގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތުގެ އެންމެ އެތެރެއަށް ފެން އަންނަނީ ފައިބަމުންނެވެ. އެ ވަގުތަކީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެއްކަން، އިދިކޮޅު ޕީއެންއެފްގެ ނައިބު ރައީސް ޒެއިން އަބްދުالله ޔާމީން 'ފޭސްބުކް'ގައި ހިއްސާކުރެއްވި ވީޑިއޯއިން ހާމަވެއެވެ. މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، މިސްކިތުގެ އެތެރެއަށް ފެން ފައިބަން މެދުވެރިވީ ގަޓާ, ނުވަތަ ވާރޭ ވެހޭ ވަގުތު ފުރާޅަށުގެ ދިޔަދޮވިން ފައިބާ ފެން، އިމާރާތުގެ ފާރާއި ފައުންޑޭޝަނާ ދުރަށް ގެންގޮސްދޭ ޗެނަލް ފުރިގެން ކަމަށެވެ. މިހާރު ގަޓާ ސާފުކޮށް އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް، އާޒިމް ވިދާޅުވިއެވެ. އާސަހަރާ މުޅިން މަރާމާތުކުރުމަކީ މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަޝްރޫއެކެވެ. އެ މަސައްކަތް ފެށީ މޭ 2023ގައެވެ. އަދި އެ މަސައްކަތް ނިންމައި ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ. https://sun.mv/197518 މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ އާސަހަރާގެ މަރާމާތުގެ މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކޮށް، މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. ސަހަރާއަށް ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ފާހަގަކުރައްވައި، އާޒިމް މީގެ ކުރިން ވިދާޅުވީ، އާސަހަރާގެ މަސައްކަތްކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ. ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށާއި ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށް ކަމަށެވެ. ޒަމާނީ ފެންވަރަށް އާސަހަރާ ތަރައްގީކޮށް ހުޅުވިއިރު ފުރަތަމަ ފަންގިފިލާގައި އަންހެނުން ނަމާދުކުރާނެ ޚާއްސަ ޖާގައެއް ހުރެއެވެ. އަދި، ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ވަނީ ބަދަލުކޮށްފައެވެ. އޭގެ އިތުރުން، ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކޮށްފައިވާއިރު ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުރުމުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ފަދަ ފާޚާނާއެއް އެ ތަނުގައި ތަރައްގީކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ