އިސްލާމްވިތާ 900 އަހަރު ފުރުން މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާނަން: ރައީސް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން އަންނަ އަހަރު ފާހަގަކުރާނީ މުޅި ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މާދަމާ ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރޭނެ އެވެ. އެ މުނާސަބަތާ ގުޅިގެން މިރޭ ރައީސް ވަނީ ހިތޯބެއް ނެރުއްވައިފަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ އަންނަ އަހަރުގެ މި ދުވަހަކީ މުހިންމު މުނާސަބާއެއް ކަމަށެވެ.
"އަޅުގަނޑުމެންނާ މި އަންނަ އަހަރު ބައްދަލުކުރާނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާ އެވެ. މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސްކަމާމެދަކު ޝައްކެއް ނެތެވެ،" ރައީސްގެ ހިތޯބުގައިވެ އެވެ.
ރައީސް ވިދާޅުވީ މި މުނާސަބާ އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާ ކަމަށެވެ.
އަދި އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ މީގެ 899 އަހަރު ކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ އިބްރަތްތައް ގިނަގުނަ ކަމަށެވެ. އެ ދުވަހުއްސުރެ، ނުވަ ގަރުނު ފާއިތުވާން މިދަނީ، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހިން ތިބެކަން ފާހަގަކުރެއްވި އެވެ.
އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކު ދިވެހިން ތިބި ކަމަށް ވިދާޅުވި އެވެ.
"އިސްލާމްދީން ބިނާކޮށްދެނީ އަޚްލާގު ރަނގަޅު ހެޔޮލަފާ އިންސާނެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ނަބަވީ ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ ޢަޤީދާއާއި، ރިވެތި އުޅުމާއި، މުއާމަލާތު ދަސްކޮށްދެއްވުމުގަ އެވެ." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އުމްރާނީ ތަރައްގީ ގައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ތައުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމެވެ. އެކަކު އަނެކަކާ ރީތި ބަހުން މުހާތަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ވޭތުވެދިޔަ ނުވަ ގަރުނުގެ ތެރޭ، ދިވެހީންނާ މެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ އެއް ހަގީގަތަކީ، ރައީސް ވިދާޅުވިގޮތުގައި، ދިވެހިންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއް ކަމެވެ.
ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ ރީތި ސިފަތަކާ ވެސް އެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ