ގޭންގު ނުވަތަ ޖަމާއަތް ހަދައިގެން މާރަމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހަތިޔާރާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ހައްޔަރު ކުރީ:
ޝަމާހު މުސާދީދީ، 34، މާލެ ދަފްތަރު 1264
ހުސައިން ނަވީން، 19، އެވަލީޑް/ރ. އިންނަމާދޫ
ތަފްސީލު - އެ ދެ މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، ދެ މީހުންނަށް ވެސް ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތެވެ.
އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ދެ ގްރޫޕެއްގެ ދެމެދު ހަމަނުޖެހުން އެފެދި، މާރަމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. އެގޮތުން:
ޝަމާހު ހުއްޓުވައި ބަލައި ފާސް ކުރިއިރު އޭނާގެ އަތުން ކަޓަރު ތިލައެއް ފެނިފައިވޭ
އޭނާ ދިފާއުގައި ބުނީ އެއީ ނިޔަފަތި ކަޑަން ގެންގުޅުނު އެއްޗެއް ކަމަށް އަދި ކުރިން މާރާމާރި ހިންގުމުގައި ބައިވެރިވި ނަމަވެސް މިހާރު އެފަދަ ކަންކަން ނުކުރާ ކަމަށާއި މިހާރު އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ބުނި
ނަވީން ބަލައި ފާސް ކުރިއިރު، އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ކަޓަރެއް ފެނިފައިވޭ
ސީނުގައި ފުލުހުން ނަވީންއާ ސުވާލު ކުރުމުން އެ ކަޓަރަކީ މީހެއްގެ ގަޔަށް ޖަހަން ގެންގުޅޭ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައިވޭ
ނަވީން ދިފާއުގައި ބުނީ އެ ސައިކަލަކީ އޭނާގެ ބައްޕަގެ ސައިކަލެއް ކަމަށާއި މަޑިދަށުގައި ކަޓަރެއް އޮތް ކަމެއް ވެސް ނޭނގޭ ކަމަށް އަދި އޭނާއަކީ ވަޒީފާއެއްގައި އުޅޭ ކުށުގެ ރިކޯޑް ނެތް މީހެއް ކަމަށް ބުނެފައިވޭ
"މި ފަރާތާއި މި ގްރޫޕާ އިންޓްރެކްޓް ވެފައިވާ މިންވަރާއި މި ކަމާއި މި ފަރާތާ އިތުރަށް ގުޅުވޭނެ ކަންކަން ދެން އޮންނަ މަޖިލީހަށް ހުށަހެޅުމަށް އައިއޯ [އިންވެސްޓިގޭޓް އޮފިސަރު]އަށް ދެނެވިފައިވާނެ،" ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ސޮއިކުރައްވައި ނެރުއްވި އެ ދެ މީހުންގެ އަމުރުގައި ވެސް ލިޔުއްވާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އަދި މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ގޭންގު މާރާމާރީ ހިންގަން އުޅުނު 2 މީހަކު ހަތިޔާރާ އެކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ