މަޖިލިސް ދެ މަހަށް ޗުއްޓީއަށް، ނިމުނީ 82 ޕަސެންޓް މަސައްކަތް
މި ހިނގާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު، 82 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ. މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާ މިއަދު ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ މި ދައުރުގައި މަޖިލީހުން ކުރި މަސައްކަތުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފައެވެ. އެގޮތުން ޢަބްދުއްރަޙީމް އާްންމުކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން މި ދައުރުގައި ޖުމްލަ 28 ޖަލްސާއެއް ބާއްވައި، 15 ބިލެއް ފާސްކުރިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް ދައުރު ފުރިހަމަކުރި ނައިބު ރައީސުންނަށް އިނާޔަތްދޭ އިސްލާހާއި، އަތޮޅު ކައުންސިލްތައް އުވާލައި 2،000 އަށް ވުރެ އާބާދީ މަދު ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ޤާނޫނުއަސާސީއަށާއި ގުޅުންހުރި ގާނޫނުތަކަށް ގެނައި އިސްލާހުތައް ހިމެނެއެވެ. މީގެ އިތުރުން ޒަކާތު ބިލާއި، ރާއްޖެއަށް އެތެރެކުރުން މަނާ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭން މަގުފަހިވާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް ފާސްކުރީވެސް މި ނިމުނު ދައުރުގައެވެ. https://x.com/mvpeoplesmajlis/status/1996145057892847773 މި ދައުރުގައި 28 ޖަލްސާއެއް ބޭއްވިއިރު، ޖުމްލަ 64 ގަޑިއިރު ހިނގާފައިވެއެވެ. އަދި ކޮމިޓީތަކުން 142 ބައްދަލުވުމެއް ބޭއްވިއިރު، 120 ގަޑިއިރު ހޭދަކުރިއެވެ. އަދި މެންބަރުން ވަޒީރުންނާ ޖުމްލަ 29 ސުވާލުކުރެއްވި ކަމަށާއި، ސަރުކާރުން ހުށަހެޅި 16 މައްސަލައާއި ރިޔާސަތުގެ މޭޒުން ހުށަހެޅި ނުވަ މައްސަލައެއް މި ދައުރުގައި ނިމިފައިވާ ކަމަށް ޢަބްދުއްރަޙީމް އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވެއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެ އަބަދުވެސް ގެންގުޅޭ އުސޫލަކީ ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ބިލެއް މަޖިލީހުގައި އޮތް ކަމަށްވާ ނަމަ، މަޖިލިސް ޗުއްޓީއަށް ނުގޮސް އެ ބިލެއްގެ މަސައްކަތް ނިންމާލުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުރު ދަންމާލުމަށްފަހު މުހިންމު ބިލުތަކުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް: 20ވަނަ މަޖިލިސް ފެށުނީއްސުރެ އަބަދުވެސް ގެންގުޅޭ އުސޫލަކީ ސަރުކާރު ހިންގުމަށް މުހިންމު ބިލެއް މަޖިލީހުގައި އޮތް ކަމަށްވާ ނަމަ ބިލުގެ މަސައްކަތް ނިންމާލުން ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް "އެހެންވީމާ އަޅުގަނޑު ގަސްދުކުރަނީ މިއަދުން ފެށިގެން އަޅުގަނޑުމެން ޗުއްޓީއަށް ދާން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މެންބަރުން ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ، މެންބަރުން ޗުއްޓީއަށް ފަހު މަޖިލީހަށް އާ ވިސްނުންތަކާއި ޚިޔާލާ އެކު ވަޑައިގެން މަޖިލީހުގައި ނަތީޖާ ނެރެދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. "ހަމައެއާއެކީގަ ދަންނަވާލަން ބޭނުންވަނީ މި ޗުއްޓީ ނިންމުމަށްފަހު ދެން އަނެއްކާ އަޅުގަނޑުމެން އެނބުރި މަސައްކަތަށް އަންނައިރު ތިޔަ ބޭފުޅުން ވަޑައިގަންނަވާނީ އާ ވިސްނުންތަކާއި އާ ޚިޔާލުތަކާ އެކީގަ ކަމަށް އަޅުގަނޑު ޔަގީންކުރަން، އަދި އެ އާ ވިސްނުންތަކާއި އާ ޚިޔާލުފުޅުތައް ބޭނުންކުރައްވައިގެން 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ ނެރެދިނުމަށްޓަކައި އުފާވެރި ބިނާކުރުވަނިވި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމާ މެދުވެސް އަޅުގަނޑު ޔަގީންކުރަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މެންބަރުންނަށް ރިޔާސަތުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ