ހުޅުމާލޭން ދޫކުރާ 1،300 ޕާކިން ޖާގަ: އެޗްޑީސީއަށް ފައިސާއެއް ނުދައްކާ އޮތް ނަމަ، ދައްކަން ހަފުތާއެއް
ހުޅުމާލޭގައި ގާއިމުކޮށްފައިވާ އަށް ޕާކިން ޒޯނަކުން 1،374 ޕޮކެޓް ޕާކިން ނުވަތަ ކުދި ޕާކިން ޖާގަ ކުއްޔަށް ދިނުމަށް ހުޅުވާލުމުން ފޯމް ހުށަހެޅި މީހުން، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަން ޖެހި ނުދައްކާ އޮތް އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާއެއް ދައްކަން ހަފުތާއެއް ދީފިއެވެ. އެޗްޑީސީން އެ ޕާކިން ޒޯންތައް ދޫކުރަން އިއުލާން ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27ގައެވެ. އެ ޕާކިން ޖާގަތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު، އެ ޖާގަތައް ކުއްޔަށް ދޭން ނިންމައިފައިވަނީ އެއް އަހަރަށެވެ. އެއީ، މަހު ކުލީގެ ގޮތުގައި 2،000 ރުފިޔާ ނަގާ ގޮތަށެވެ. އެ ކޯޕަރޭޝަނުން މިއަދު ބުނީ، 'ޕޮކެޓް ޕާކިން' ކުއްޔަށް ހިފުމަށް އެދި ހުޅަހަޅައިފައިވާ ފޯމުތައް ރިވިއުކުމުރުގެ މަރުހަލާ ނިމުމަކަށް ގެނެސް، ޕާކިން ޖާގަ ކުއްޔަށް ނެގުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. https://www.sun.mv/196848 އޭގެ ތެރެއިން، ފޯމު ހުށަހަޅައިފައިވާ މީހަކީ އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި، އެ ފައިސާ ނުދައްކާ ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ. އެހެންވެ، ފޯމު ހުށަހަޅައިފައިވާ މީހުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާއެއް ދައްކައި ނިންމުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ފޯމު ބާތިލުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު، އެޗްޑީސީގެ ނަންބަރު 1516އިން ސާފުކުރެވޭނެއެވެ. އެޗްޑީސީން މީގެ ކުރިން ވަނީ، ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ މީހުން ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ މީހުންގެ މެދުގައި ކުރިޔަށްގެންދާ ގުރުއަތަކުން ކަމަށް ބުނެފައެވެ. މާލެ ސަރަހައްދުގައި އުޅަނދުތައް ގިނަވެ، ޕާކު ކުރާނެ ޖާގަ މަދުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ގަވައިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުމުގެ ސަބަބުން ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ވެސް ގިނަ ދަތިތަކަކާ ދިމާވެއެވެ. އެ މައްސަލަ އެންމެ ބޮޑީ މާލޭގައި ނަމަވެސް، ހުޅުމާލޭގައި ވެސް ގަވައިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ