އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައި އޮތް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިވަގުތު ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި އޮތް ހަމައެކަނި ނަމަކީ ގަފޫރެވެ. އޭނާއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އަވަސް ކުރުމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ގެ ކިބައިން ވަނީ އެދިފަ އެވެ.
"މިހާރު އޮތީ އެމްޕީ ގަފޫރުގެ ނަން އެކަނި. އަޅުގަނޑުގެ ތާއީދު އެބައޮތް އެމްޕީ ގަފޫރަށް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
ފައްޔާޒުގެ މި މެސެޖަށް ތާއީދުކޮށް އެ ގްރޫޕުގައި ތިބި 40 ބޭފުޅަކު ވަނީ ރިއެކްޓު ކޮށްފަ އެވެ. ގަފޫރު އަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ.
މިވަގުތު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ފައްޔާޒު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
ވަގުތީ ގޮތުން ޗެއާޕާސާނުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ގަފޫރުގެ އިތުރުން ހުށަހެޅީ ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމުގެ ނަމެވެ.
އޭގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޔާސަަތުން ބުނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަންޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.
ދިއްދޫ ވައްޑެއަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓުގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން އޭނާއަށް 47 ވޯޓު ލިބުނެވެ. ނަމަވެސް ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.
ޖަލްސާގައި އަަސްލަމްގެ ނަމަށް ވޯޓަށް ނުއެހުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި ދިއްދޫ ވައްޑެއަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ވެސް ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވައްޑެއަށް ތާއީދު ކުރައްވާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.
އެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލުނު ކަމަށް ބުނެ މަދަނަ އިބުރޭ ޖަލްސާ ނިންމާލީ ގަފޫރުގެ ނަމަށް ވޯޓަށް ނާހަ އެވެ.
އޭގެ ދެ ދުވަސް އިބުރޭ ވަނީ އެ އިންތިހާބުގައި ވަހީދު އަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއަށް ރިޕޯޓެއް ފޮނުވާފަ އެވެ.
މި ރިޕޯޓަށްފަހު ވަހީދު، ޝާހިދުއަށް ފޮނުވި ސިޓީއެއްގައި އޭނާ އެ މަގާމަށް ހޮވުނު ނަމަވެސް މަގާމާއި ހަވާލުވާން ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ވަހީދު ދެއްކީ ޝާހިދު ހިމެނޭހެން ޕާޓީގެ އިސްވެރިން އޭނާއަށް ހުރަސްއެޅުމެވެ.
އެގޮތުން ވަގުތީ ޗެއާޕާސަނުގެ މަގާމަށް ކުރިމަތިލާން ނިންމީ އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ އެދުމަށް ކަމަށާއި އެކަން ޝާހިދު އާއި ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންގުމުން ކުރިއަށް ދިޔުމަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ. ތާއީދު ލިބޭނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.
"އެހެން ނަމަވެސް، އަޅުގަނޑަށް ތާއީދުކުރައްވައި އަދި އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިއްވަރު ދެއްވި ޕާޓީގެ ރައީސް އާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެ ވޯޓާއި ހަމައަށް ދިޔައިރު އަމަލުކުރެއްވި ގޮތުންނާއި، އަދި އެ ވޯޓަށްފަހު އެ ފަރާތްތަކުން އަމަލުކުރައްވަމުން ގެންދަވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،" ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ސޯލިހު ފެކްޝަނުން ހުށަހެޅި ގަފޫރުގެ ނަމަށް ފައްޔާޒުގެ ތާއީދު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ސޯލިހު ފެކްޝަނުން ހުށަހެޅި ގަފޫރުގެ ނަމަށް ފައްޔާޒުގެ ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ